ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ ސްކޭމްގެ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ރޭ އާންމުކުރި ބަޔާނެއްގައި، އެ މައްސަލައިގައި ހިމެނޭ މީހާ ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. ވީޑިއޯއިން ފެންނަނީ ޒުވާން އުމުރުގެ ފިރިހެނަކު އޭޓީއެމެއް ކައިރި ހަރަކާތްތެރިވާ ތަނެވެ.
ފުލުހުން ބުނި ގޮތުގައި މި މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ކުށްކުރާ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އާންމުންގެ އެހީތެރިކަމާއެކު މީގެ ކުރިންވެސް މިފަދަ ގިނަ މައްސަލަތަކެއްގައި ތުހުމަތުކުރެވޭ މީހުން ހޯދިފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ގާއިމުކޮށްފައިވާ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 2،259 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 50 އިންސައްތައަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ސްކޭމްތަކެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މައްސަލަތަކާ ގުޅިގެން 3،852 އެކައުންޓް ފްރީޒްކޮށް، ގެއްލުނު ފައިސާގެ ތެރެއިން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 37 އިންސައްތައެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމް ނެޓްވޯކްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ދަނީ ބޭރުގެ އިދާރާތަކާ ގުޅިގެންވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން ދާދި ފަހުން ހިންގި “އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް” ގައި ބައިވެރިވެ، ރާއްޖެއިން ބޭރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ހިފަހައްޓާފައެވެ. ސްކޭމްގެ މައްސަލަތައް ތަހުގީގުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މައްސަލަ ރިޕޯޓުކުރުން ލަސްވުން ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، ޝައްކުކުރެވޭ ފަދަ މުއާމަލާތެއް ހިނގައިފިނަމަ ވީހާވެސް އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް އެންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.