ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމަށް ކަނޑައަޅައި، އެކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
މިއީ އޮންލައިން ޕްލެޓްފޯމްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ދުނިޔޭގެ އެކި ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ އަރަބި ޤައުމެވެ.
ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ފާސްކުރި ގަވާއިދުގެ ދަށުން އުމުރުން 15 އަހަރު ނުފުރޭ ކުދިންނަށް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމާއި، ބޭނުންކުރުމާއި، އަދި ހިންގުން މަނާވާނެއެވެ. މީގެ މާނައަކީ އެފަދަ ކުދިންނަށް ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓްކުރުމެއް، ކޮމެންޓްކުރުމެއް، ހިއްސާކުރުމެއް ނުވަތަ އާންމު ގްރޫޕްތަކާ ގުޅުމެއް ނޯންނާނެއެވެ.
އުމުރުން 15 އަހަރާއި 16 އަހަރުގެ ފުރާވަރުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުއްދަ ލިބުނު ނަމަވެސް، އެކަން ކުރަންޖެހޭނީ ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައެވެ. މީގެ ތެރޭގައި އުމުރާ ގުޅޭ ކޮންޓެންޓް ކޮންޓްރޯލް ކުރުމާއި، ނުދަންނަ މީހުންނާ މުޢާމަލާތް ކުރުން ހަނިކުރުމާއި، ސްކްރީން ޓައިމް މެނޭޖްކުރާ ޓޫލްތައް ބޭނުންކުރުމުގެ އިތުރުން ބެލެނިވެރިންގެ ބެލުމުގެ ދަށުން އެކައުންޓް ހިންގުން ހިމެނެއެވެ.
މި އައު ޤަވާއިދު ޔޫއޭއީގައި ހިންގާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގެ މައްޗަށް ހިނގާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ކުންފުނިތަކުން ކަސްޓަމަރުންގެ އުމުރު ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ޗެކްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރަން މަޖުބޫރުވާނެއެވެ. އަމިއްލައަށް އުމުރު ލިޔެލާ ލިޔުމަކަށް ބަލައި އެކައުންޓް ހުޅުވައިދިނުމަކީ ދެން އެޤައުމުގައި ހުއްދަކަމެއް ނޫނެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ ކުންފުނިތަކުން އުމުރުން 15 އަހަރުން ދަށުގެ ކުދިން ހަދާފައިވާ އެކައުންޓްތައް ބްލޮކްކޮށް، އުމުރު އޮޅުވާލައިގެން އެކައުންޓް ހެދުން ހުއްޓުވަން ޖެހެއެވެ. އަދި ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ބޭނުންކޮށްގެން އިޝްތިހާރު ދެއްކުން ފަދަ ކަންކަން ކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ޔޫއޭއީ ސަރުކާރުން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ކުޑަކުދިން ނުރައްކާތެރި ކޮންޓެންޓްތަކަށް ހުށަހެޅުމާއި، އޮންލައިންކޮށް ދިމާވާ ނުރައްކާތަކުން ސަލާމަތްކުރުމަށާއި، އަދި މާބޮޑަށް ސޯޝަލް މީޑިއާއަށް ދެވިހިފުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެކެވެ.
ސޯޝަލް މީޑިއާ ކުންފުނިތަކަށް މި އައު ޤަވާއިދުތަކަށް ބޯލެނބުމަށްޓަކައި 12 މަސްދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.