އާޝޫރާ ދުވަހުގެ ރޯދައަކީ، ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ އަމަލުތަކުގެ މައްޗަށް މީހުން ތަރުބިއްޔަތު ވުމަށް މާތްﷲ ހުޅުވައިދެއްވާފައިވާ ދޮރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި އަލިއަޅުވާލީ، އާޝޫރާ ދުވަހުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، އާޝޫރާ ދުވަހަކީ، ހެޔޮކަމާއި މާތްކަމާއި އިބުރަތްތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. މިގޮތުން، އެއީ، ފިރުއަނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ﷲ ސަލާމަތްކޮށްދެއްވި ދުވަސްކަން ޚުތުބާގައި ފާހަގަކުރިއެވެ.
އެހެންވެ، މޫސާގެފާނަށް ތަބާވީ މީހުން ﷲއަށް ޝުކުރުވެރި ވުމުގެ ގޮތުން، އެ ދުވަހު ރޯދާ ހިފާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ބަޔަކު މިސްކިތުގައި ނަމާދު ކުރަނީ: މިއަދުގެ ޚުތުބާގައި އަލިއަޅުވާލީ އާޝޫރާ ދުވަހުގެ މައްޗަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޚުތުބާގައި ވަނީ، އާޝޫރާ ދުވަސް ހިމެނޭ މުޙައްރަމު މަހަކީ، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މައްސަރެއްކަން ހަނދާންކޮށްދީފައެވެ.
އެ ދުވަހު ރޯދަ ހިފުމަކީ، ސުންނަތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި، އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގެ ސަވާބު ބަޔާންކޮށްދެއްވައި، ރަސޫލާ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތް اللهގެ ޙަޟުރަތުން ފުއްސަވައިދެއްވާނެ ކަމެއްކަމުގައި ވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ"
މީގެއިތުރުން، އާޝޫރާ ދުވަހުގެ ރޯދަ ހިފާ މީހާ އަމަލުކުރަން ވީ ގޮތް ރަސޫލާގެ ސުންނަތުން އެނގެން އެބަ އޮތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިގޮތުން، އެ ދުވަހުގެ ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އޭގެތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ އާޝޫރާދުވަހާއެކު އެއް ދުވަސް ކުރީންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުން ކަމަށެވެ.

މީހަކު ދުއާއަށް އަތް ނަގައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެއިތުރަށް، ދެވަނަ ދަރަޖައިގެ ގޮތުގައި ޚުތުބާގައި ކިޔައިދިނީ، ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ކަމަށެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތްކަން ފާހަގަކޮށް، ދެން ޚުތުބާގައި ކިޔައިދިން ދަރަޖައަކީ އާޝޫރާ ދުވަހު އެކަނި ރޯދަހިފުމެވެ.
"ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ ޢަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިޔަތުވެ، ޢަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް މާތް الله ހުޅުއްވައިދެއްވައިފައިވާ ދޮރެކެވެ. އަހަރުގެ އެކި ހިސާބުގައި މި ފަދަ ތަފާތު ދުވަސްތައް އައުމުން ނަފުސު އެ ކަންކަމަށް ހޭނުވުމަށް ފުރުޞަތުލިބެއެވެ." ޚުތުބާގައިވެއެވެ.
އެ ދުވަހުގެ މާތްކަމާ ބެހޭ ގޮތުން އިލްމުވެރިން ވިދާޅުވާ ގޮތުގައި، ޢާޝޫރާ ދުވަހު އަޅުކަމުގެ ގޮތުން، އެ ދުވަހު ރޯދަހިފުން ނޫން އެހެން އަޅުކަމެއް އޮތްކަން އެނގިވަޑައިނުގަންނަވައެވެ.
މިއަދުގެ ޚުތުބާ ނިންމާލީ، ރަސޫލާ އެންގެވި ފަދައިން، އާޝޫރާ ދުވަހު ރޯދަ ހިފުމަށާއި ﷲގެ ހަޒުރަތަށް ކުއްތަން ވެވޭތޯ މަސައްކަތް ކުރުމަށް ވަސިއްޔަތް ކުރަމުންނެވެ.