އެމެރިކާގެ ވައިޓް ހައުސްއިން ނެރެފައިވާ ރަސްމީ މޯބައިލް އެޕްލިކޭޝަން، އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް)ގެ މުވައްޒަފުން ބޭނުންކުރާ ހުރިހާ ރަސްމީ ފޯނުތަކަކަށް އަމިއްލައަށް އަޅަމުންދާތީ ސެކިއުރިޓީ ކަންބޮޑުވުންތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވައިޓް ހައުސްއިން ބުނާ ގޮތުގައި މި އެޕްލިކޭޝަނަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ރަސްމީ މައުލޫމާތާއި، ނިންމުންތަކާއި، ބަޔާންތައް އެއްވެސް ހުރަހަކާ ނުލައި ވަގުތުން ވަގުތަށް ސީދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕެކެވެ.
މިދިޔަ މާރިޗު މަހު އާންމުކޮށް ރިލީޒްކުރި މި އެޕްލިކޭޝަން ފޯނުތަކަށް އޮޓޯއިން އަޅަމުންދާކަން އެނގުނީ ޑީއެޗްއެސްގެ މުވައްޒަފުންނަށް ފޮނުވި އީމެއިލްއަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ. އެ އީމެއިލްގައިވާ ގޮތުން މި އެޕްލިކޭޝަނަކީ ވައިޓް ހައުސްގެ މުހިންމު ނިންމުންތަކާއި، ރިޔާސީ އަމުރުތަކާއި، ލައިވްސްޓްރީމްތައް ފަސޭހަކަމާއެކު ބަލައިލުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ވޮއިސް މެސެޖުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ލިބެއެވެ.
ނަމަވެސް، ސައިބަ ސެކިއުރިޓީ މާހިރުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރުގެ އައިޓީ ދާއިރާގެ ކުރީގެ އިސްވެރިއަކު ހާމަކުރި ގޮތުގައި، ސަރުކާރުގެ ރަސްމީ ނެޓްވޯކްތަކުގެ ފަހަތުގައިވާ ފޯނުތަކަށް މިފަދަ އެޕްލިކޭޝަންތައް އަމިއްލައަށް އިންސްޓޯލްވުމަކީ ނެޓްވޯކްގެ ސެކިއުރިޓީ ބަލިކަށިވެ، ހެކަރުންނަށް ފުރުސަތު ހުޅުވިގެން ހިނގައިދާނެ ކަމެކެވެ. އަދި މި އެޕްލިކޭޝަނުން މީހާގެ އައިޕީ އެޑްރެހާއި ޓައިމްޒޯން ފަދަ ޒާތީ މައުލޫމާތު ތިންވަނަ ފަރާތްތަކާ ހިއްސާކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ މަހު ޓްރަމްޕްގެ އިދާރާއިން ވަނީ ފެޑެރަލްގެ އެހެން އިދާރާތަކަށްވެސް މި އެޕްލިކޭޝަން އަޅަން އަންގާފައެވެ. އެގޮތުން ފެޑެރަލް އޭވިއޭސް އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ ފޯނުތަކަށްވެސް މި އެޕްލިކޭޝަން މިހާރު ދަނީ އޮޓޯއިން ޑައުންލޯޑް ކުރަމުންނެވެ.
މީގެ ކުރިން 2010 ވަނަ އަހަރު، ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައިވެސް ވައިޓް ހައުސްގެ އެޕްލިކޭޝަނެއް ނެރުނު ނަމަވެސް، އޭރު މިގޮތަށް ސަރުކާރުގެ ފޯނުތަކަށް މަޖުބޫރުން އެޕްލިކޭޝަން އަޅާފައެއް ނުވެއެވެ.