ޓެލްއަވީވު: އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބު ނުވުމާއި، މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް އާއި ހިޒްބުﷲ ފަދަ ޖަމާއަތްތައް ބަލިކުރުމުގައި އިސްރާއީލުގެ އަސްކަރިއްޔާ ނާކާމިޔާބުވުމާ ގުޅިގެން، އިސްރާއީލަކީ ޔަހޫދީންގެ މުސްތަގުބަލް ބިނާކުރެވޭނެ ގައުމެއް ނޫންކަމަށް އެ ގައުމުގެ ގިނަ ބަޔަކު ދެކެން ފަށައިފިކަމަށް ޖެވިޝް ޕޮލިސީ އިންސްޓިޓިއުޓްގެ ރިޕޯޓަކުން ހާމަކޮށްފިއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އިސްރާއީލުގައި ކިތަންމެ ބާރުގަދަ އަސްކަރިއްޔާއެއް އޮތް ނަމަވެސް، އެ އަސްކަރިއްޔާއަށް ހަމާސް ބަލިނުކުރެވޭނެކަމާއި ފަލަސްތީނު މީހުންގެ އަޑު ކަނޑުވައިނުލެވޭނެކަން އިސްރާއީލުގެ ޔަހޫދީންގެ ގިނަ ބަޔަކަށް މިހާރު ވަނީ ގަބޫލުކުރެވެން ފަށާފައެވެ. އަދި ފަލަސްތީނުގެ ބިމަކީ ފަލަސްތީނު ރައްޔިތުންނާ އެއްވެސް ގުޅުމެއް ނެތް، ހަމައެކަނި ޔަހޫދީންނަށް ވައުދުކުރައްވާފައިވާ ބިމެއްގެ ގޮތުގައި ހަދައިގެން، އަމާންކަމާއެކު އެ ބިމުގައި ދިރިއުޅެވޭނެކަމުގެ އުންމީދުވެސް ވަނީ ގެއްލިފައެވެ.
ޖެވިޝް ޕޮލިސީ އިންސްޓިޓިއުޓްގެ ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އީރާނުން މުސްތަގުބަލުގައި ނިއުކްލިއަރ ހަތިޔާރު އުފައްދާނެ ހިސާބަށް ދާނެކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ. އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތަކަށް ހެދޭނެ ކަމަކަށްވުރެ ބޮޑަށް ސިޔާސީ ވާހަކަތަކެއް ކަމަށް އިސްރާއީލުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިން، މެދުއިރުމަތީގައި އަސްކަރީ ގޮތުން އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އިސްރާއީލަށް ދެމިނޯވެވޭނެކަން ސާބިތުވެފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ޣައްޒާގެ މުސްތަގުބަލާ މެދު އިސްރާއީލު މީހުންގެ އުންމީދުތައް ގެއްލިފައިވާކަން ފާހަގަކުރަމުން ރިޕޯޓުގައި ބުނެފައިވަނީ، ކުރިއަށް އޮތް ތަނުގައިވެސް ޣައްޒާގައި އޮންނާނީ ހަމާސްގެ ވެރިކަންކަމާއި، އެކަން ބަދަލުކުރުމުގެ ގާބިލުކަން އިސްރާއީލަށް ނެތްކަން ޔަހޫދީންނަށް ޔަގީންވެއްޖެ ކަމަށެވެ. ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވެންދެން، ފަލަސްތީނުގެ ހައްގުތަކުގެ މައްސަލަ އިސްރާއީލުގެ ޔަހޫދީންގެ ފަހަތުން ދުވާނެކަމުގެ ބިރު އެމީހުންނަށް މިހާރު އިހުސާސްކުރެވެއެވެ. އިސްރާއީލު މީހުން އެންމެ ބޮޑަށް ބިރުގަންނަ ކަމަކީވެސް ފަލަސްތީނުގެ ދައުލަތެއް އުފައްދަންޖެހޭ ހިސާބަށް ކަންކަން ދިއުމެވެ.
މި ރިޕޯޓާ ގުޅިގެން މުހައްލިލުން ވިދާޅުވާ ގޮތުގައި، އިސްރާއީލަށް މި ހުރިހާ މައްސަލަތަކެއް ކުރިމަތިވެގެން ދިޔައީ ދެ ދައުލަތުގެ ހައްލު ގަބޫލުކުރަން ދެކޮޅުހެދުމާއި، ފަލަސްތީނަކީ ނެތް ތަނެއްކަމަށް ހެދުމުގެ ސަބަބުންނެވެ. ހުރިހާ ކަމެއް ބާރުގެ ބޭނުންކޮށްގެން ކުރެވޭނެކަމަށް ހީކުރުމާއި، ޣައްޒާގެ އާންމުންނާ ދެކޮޅަށް ޖެނޮސައިޑް ހިންގުމުން އެތަނުގެ ރައްޔިތުން ޣައްޒާ ދޫކޮށް ދާނެކަމަށް ހީކުރުމަކީ ހެދުނު ބޮޑު ގޯހެއްކަމަށް މުހައްލިލުން ފާހަގަކުރައްވައެވެ. އަދި ހަމާސްއަކީ މިނިވަންކަމަށް މަސައްކަތްކުރާ ހަރަކާތެއްގެ ބަދަލުގައި، އީރާނުގެ އޯޑަރަށް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަމާއަތެއްކަމަށް ދުނިޔެއަށް ދައްކައި، ހަނގުރާމަކޮށްގެން ހަމާސް ބަލިކުރެވޭނެކަމަށް ގަބޫލުކުރުމަކީވެސް އިސްރާއީލުގެ ނާކާމިޔާބީގެ ސަބަބެއްކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.
ސޫރިޔާގެ ވެރިކަން ބަދަލުވެ، އެ ގައުމުގެ މަގުން އީރާނުން ހިޒްބުﷲއަށް ހަތިޔާރު ފޯރުކޮށްދިނުން ބަންދުވުމުންވެސް ހިޒްބުﷲ ބަލިކަށިވެފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން އީރާން ބަލިނުކުރެވުމާއި، އިސްރާއީލު ނޭދޭފަދަ އެއްބަސްވުމަކަށް އީރާނާއެކު ދާން އެމެރިކާއަށް މަޖުބޫރުވުން ފަދަ ކަންކަމަކީ، އިސްރާއީލަކީ ޔަހޫދީންނަށް އޮތް ރައްކާތެރި ގައުމު ނޫންކަމުގެ އިހުސާސް އެ ގައުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ކުރެވެން ފެށި މައިގަނޑު ސަބަބުތައް ކަމަށް ޖެވިޝް ޕޮލިސީ އިންސްޓިޓިއުޓްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.