ދެ އަހަރުވާން ކައިރިވާއިރު ވެސް ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރަން ނުފެށޭ

ވެމްކޯގެ މުވައްޒަފެއް: ޕެންޝަނަށް ފައިސާ ނުދެއްކެނީ، އިންވޮއިސްތަކަށް ފައިސާ ނުލިބި ހުރުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައި --- ފޮޓޯ/ ވެމްކޯ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ، ޕެންޝަން ފަންޑަށް ޖަމާނުވާ މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި އެކަން ހައްލު ކުރަން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން މައުލޫމާތުދިން ގޮތުގައި މި މައްސަލަ ހައްލުކުރުމަށް މިހާރު ފިނޭންސް މިނިސްޓްރީއާއި ޕެންޝަން އޮފީހާއެކު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފައިސާ ޖަމާ ނުވާ މައްސަލައިގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން އިހުތިޖާޖުތައް ވެސް ކުރަމުންނެވެ.

ވެމްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، މުވައްޒަފުންގެ މުސާރަ މިހާރު ބަރާބަރަށް ދެވޭ ކަމަށާއި ނަމަވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

https://sun.mv/216648

"މުސާރަ ބަރާބަރަށް ދީފި، ދެން ޕެނަޝަން ފަންޑުގެ މައްސަލަ ހައްލުކުރަން މަޝްވަރާތައް ކުރެވެމުން ދަނީ. ފިނޭންސް އާއި ޕެންޝަން އޮފީސް އަދި ވެމްކޯ ގުޅިގެން އެ މައްސަލަ ހައްލުކުރަން މަޝްވަރާކުރަމުންދަނީ،" އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއް ކަމަށް ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ، އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ނުލިބި، މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. ޚާއްޞަކޮށް މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ބޮޑު އަދަދެއް ނުލިބި އޮތްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވެމްކޯއިން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ދައްކާފައިވަނީ އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން ވޭތުވެދިޔަ 19 މަސްދުވަހު އެ ކުންފުނިން ޕެންޝަން ފައިސާ ދައްކާފައެއް ނުވެއެވެ. މުވައްޒަފުންގެ މުސާރައިން ހަތް އިންސައްތަ އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވުމަކީ މުވައްޒަފުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

https://sun.mv/218994

ޕެންޝަން ގާނޫނު ބުނާގޮތުން ވަޒީފާދޭ ފަރާތުން ހަތް އިންސައްތަ އަދި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާއެކު ޖުމުލަ 14 އިންސައްތަ ކޮންމެ މަހަކު ޕެންޝަން ފަންޑަށް ޖަމާކުރަންޖެހެއެވެ. ވެމްކޯއިން ބުނީ މުވައްޒަފުންގެ މުސާރައިން އުނިކުރާ ފައިސާއަކީ އެ މުވައްޒަފުންގެ ހައްގެއް ކަމަށާއި، ކުންފުންޏަށް އާމްދަނީ ހޯދުމުގައި ހުރި ދަތިތަކާ ހުރެ އެ ފައިސާ ޖަމާނުކުރެވި އޮތް އޮތުން ހައްލުކުރުމަކީ މިހާރު އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށެވެ.

ވެމްކޯގެ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ފަންޑަށް ޖަމާނުވާ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި ޕެންޝަން އޮފީހާ ގުޅިގެން ދަނީ މަޝްވަރާކުރަމުންނެވެ. އެންމެ ފަހުން އެ ކުންފުނިން ޕެންޝަން ފައިސާ ދައްކާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މުވައްޒަފުންނަށް މުސާރަ ގަވާއިދުން ދިން ނަމަވެސް، ޕެންޝަން ފައިސާ ޖަމާނުކުރެވެނީ މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެއެވެ. މުވައްޒަފުންގެ މުސާރައިން ކަނޑާފައިވާ ފައިސާ ފަންޑަށް ޖަމާކުރުމަކީ ކުންފުނީގެ އެންމެ އިސް އަމާޒު ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

  • ވެމްކޯއިން ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސްދުވަސް ވަނީ ވެފައެވެ.
  • މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު ދަނީ މަޝްވަރާކުރަމުންނެވެ.
  • ފައިސާ ޖަމާނުކުރެވޭ މައިގަނޑު ސަބަބަކީ ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ ނުލިބުމެވެ.
  • ހައްގުތައް ނުލިބޭތީ ކުންފުނީގެ ބައެއް މުވައްޒަފުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
comment ކޮމެންޓް