ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކިންގްސް ކަޕް 2026" ގެ ފޯރިގަދަ ފައިނަލަށް، މި ފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ދެއްކި ސެކްޓަރ ލީގުގެ ޗެމްޕިއަން ކުލަބު ހޯކްސް އާއި އޮފީސް ލީގުގެ ރަން ތާޖު ހޯދާފައިވާ ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ 21:00 ގައެވެ.
މި ދެ ޓީމަކީ ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފެށިގެން ތަފާތު ހިތްވަރަކާއެކު، އުނދަގޫ ދަތުރުތަކެއް ކޮށްފައިވާ ފުޓްސަލްގެ ދެ ގަދަބާރެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ކުލަބު ހޯކްސްއިން ވަނީ އެއިޓީފޯގެ މައްޗަށް 6-1 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ހޯކްސްގެ މުޙައްމަދު ސާދު ނިޒާރު ތަފާތު މޮޅު ކުޅުމެއް ދައްކައި ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރު، އުލާން އަދި ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ފާސިރުއެވެ.
އެއިޓީފޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު އަޖުފާނެވެ. ހޯކްސް ފައިނަލާ ހަމައަށް ކުރި ދަތުރަށް ބަލާއިރު، އެ ޓީމު ގްރޫޕް ބީ ގައި އެންމެ ފުރަތަމަ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ 3-1 އިން ބަލިކޮށް، ދެވަނަ މެޗުގައި ފީސްޑާ އަތުން 4-1 އިން މޮޅުވިއެވެ.
ނަމަވެސް ގްރޫޕްގެ ފަހު މެޗުގައި އެސްޓީއޯ އަތުން 1-0 އިން ބަލިވި ނަމަވެސް، ކުއާޓާ ފައިނަލުގައި އުތީމު އެފްސީ 4-2 އިން ބަލިކޮށް، މުޙައްމަދު ފާސިރުގެ ނުރައްކާތެރި އެޓޭކިންގް ގޭމާއެކު ހޯކްސް ވަނީ އެ ޓީމުގެ ބާރުގަދަކަން ސާބިތުކޮށްދީފައެވެ.
ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ފައިނަލަށް ދަތުރުކުރީ ދެވަނަ ސެމީ ފައިނަލުގައި މި މުބާރާތުގައި އަލަށް ވާދަކުރި ކޯރާ ކޯރާ މޯލްޑިވްސްއާ ބައްދަލުކޮށް، ފޯރިގަދަ މެޗެއްގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ކްލަބް މޯލްޑިވްސް ކިންގްސް ކަޕް 2026 ގައި ސްޓެލްކޯއާއި ކޯރާ ކޯރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
މެޗުގެ ފުރަތަމަ ހާފުގައި ކޯރާ ކޯރާގެ އިބްރާހީމް އަނާން އަލީ އާއި މުޙައްމަދު އަޝްރަފް ޖެހި ލަނޑުތަކުން އެ ޓީމު ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޓެލްކޯއިން ވަނީ ދެވަނަ ހާފުގައި ހިތްވަރުގަދަ ކުޅުމެއް ދައްކައި، މުޙައްމަދު ވިލްފް އާއި ޝުއައިދު ސައީދުގެ ލަނޑުތަކުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ސްޓެލްކޯގެ މުޙައްމަދު ސަމާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، ވިލްފް، ރިމާހު، ނައުފަލް އަދި ޝުއައިދު ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ކޯރާ ކޯރާގެ އަނާން، ޒަމީމް އަދި ނިޝާން ޕެނަލްޓީ ޖެހިއިރު، އެ ޓީމުގެ އަޝްރަފް އަދި ރައުލް ނިޔާޒް ފޮނުވާލި ޕެނަލްޓީތައް ސްޓެލްކޯއިން ވަނީ ދިފާއުކޮށްފައެވެ.
ގްރޫޕް ސީ ގައި ކްލަބް ބިނާރާ 4-1 އިން ބަލިކުރުމަށްފަހު، ކޮންރަޑް އަތުން 2-1 އިން ބަލިވެ، އަދި ކޯރާ ކޯރާއާ 0-0 އިން އެއްވަރުވެގެން ސްޓެލްކޯ ނޮކްއައުޓް ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
ނަމަވެސް، ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އެސްޓީއޯ ރެކްރިއޭޝަން ކްލަބު 2-1 އިން ބަލިކޮށް، ސްޓެލްކޯއިން ވަނީ އެ ޓީމުގެ ތަޖުރިބާ އާއި ރޭވުންތެރިކަން ސާބިތުކޮށްދީފައެވެ.