ދެ ސައިކަލެއްގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނުކަމަށް ތުހުމަތުވާ މީހާ އެ މައްސަލައިގައި ހައްޔަރުކޮށް ގޮޅިއަށް ވެއްދުމަށް ފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުން އެ ދެ ސައިކަލުގެ ތަޅުދަނޑި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެތީގެ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، ސެލްޓަން، 49 އަހަރުގެ މުޙައްމަދު ރަޝީދެވެ. އޭނާގެ ބަންދަށް 30 ދުވަސް ވަނީ އިއްޔެ އިތުރުކޮށްފައެވެ. އޭނާ ބަންދުކޮށްފައިވަނީ އޭނާއާ ގުޅުންހުރި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި، އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމެއް އޮންނަ މީހެއް ކަމަށް ބެލެވޭތީއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާނުގައި އޭނާ ސައިކަލެއްގެ މަޑި ހުޅުވައިގެންހުއްޓާ ފުލުހުން ފެނުމާއެކު މަޑި ލައްޕާލާފައިވާ ކަމަށާއި އެވަގުތު އޭނާ ފުލުހުން ފެނުމުން ހާސްވެ، ފުލުހުން ކުރި ސުވާލަށް ދޮގު މައުލޫމާތު ދިނުމުން ސައިކަލުގެ މަޑިދަށުގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރިކަމަށް ތުހުމަތުކުރެވުނު ކަމަށް ވަނީ ބުނެފައެވެ.
އަދި އެ ސައިކަލާއި ޖެހިގެންހުރި ސައިކަލުގެ މަޑިދަށް އޭނާ ހުޅުވިއިރު، އެ ސައިކަލުގެ މަޑިދަށުންވެސް ކޮތަޅުތަކެއް ފުލުހުންނަށް ފެނުމުން އެ ސައިކަލުގައި ވެސް މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން ފުލުހުން ވަނީ އެ ސައިކަލުގެ ވެރިފަރާތް ފުލުހަށް ހާޒިރުކޮށް ހުއްދަ ނެގުމަށްފަހު އެ ސައިކަލު ގަދަކަމުން ހުޅުވައި ބަލާފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ބުނެފައެވެ.
އަދި އޭނާ ދިރިއުޅޭ ގޭގައި އެ ސައިކަލުތައް ފެންނާނެ ގޮތަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާގެ ހާޑް ޑިސްކު ނައްތާލަން މަސައްކަތްކުރާ ކަމަށް އާންމު ފަރާތަކުން ދިން މައުލޫމާތަށް ފުލުހުން އެތަނަށް ދިޔައިރު އޭނާގެ ދޮންދަރިއެއް ދަބަހެއް ހިފައިގެން ނިކުތްކަމަށާއި އޭނާ ހުއްޓުވާ ބަލާފާސްކުރިއިރު އެ ދަބަހުގެ ތެރެއިން ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް ފެނިފައިވާކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާ އުޅޭތަން ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހޭކިފައިވާ ތަކެތި ފުލުހުންނަށް ފެނިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޯޓު އަމުރުގައިވާ މާލޭ ކަސްޓަޑީގެ ހާދިސާ ރިޕޯޓުގައި، އޭނާ ގޮޅިއަށް ވެއްދުމުގެ ކުރިން ގާތުން ބަލާފާސްކުރުމުގެ ތެރޭގައި އޭނާގެ ފުރަގަސްފަރާތުގައި އެއްޗެއް ރައްކާކޮށްފައިވާކަމަށް ތުުހުމަތުކުރެވިގެން އެއްޗެއް ފޮރުވާފައިނަމަ ނަގައިދިނުމަށް ފުލުހުން އެދުމުން އޭނާގެ ފުރަގަސްފަރާތުން ދެ ތަޅުދަނޑި ނަގައި ފުލުހުންނާ ހަވާލުކުރިކަމަށް ވަނީ ބުނެފައެވެ.
އަދި އެ ދެ ތަޅުދަނޑިން މަސްތުވާތަކެތު ހުރިކަމަށް ޝައްކުކުރެވުނު ދެ ސައިކަލު ހުޅުވުވިފައިވާކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގައި މަސްތުވާތަކެތީގެ ތަހުލީލް ނަތީޖާ ދައްކާގޮތުން 161.52 ގްރާމް ކެނަބިސް އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް 48.8 ގްރާމް އަދި 17 ގްރާމް ޑައިމޯފިން މި ދެ ސައިކަލުން ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވާއިރު އނާގެ ކުޑަކަމުދާ ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.