ޝައްމާނަށް ކުރި ތިން ދައުވާ ވެސް ސާބިތުވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދު މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގަތުން -- ސަން ފޮޓޯ/ ޝާތިއު އަބްދުالله

އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް މަނީ ލޯންޑާ ކުރުމާއި، ފޭރުމުގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތިން ދައުވާ ވެސް ސާބިތުވެއްޖެއެވެ.

ޝައްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4:00 އަށެވެ.

އޭނާއަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެއީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ގަވައިދާ ޚިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000 ރުފިޔާ ނެގި ކަމަށް ތުހުމަތު ކޮށެވެ.

އެކަމަކު އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.

ނަމަވެސް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޝައްމާންގެ މައްޗަށް އެ ތިން ދައުވާ ވެސް ސާބިތުވާ ކަމަށެވެ.

ޝައްމާން ވަނީ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި، އޭނާއަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފައެވެ.

https://sun.mv/223113

ޝައްމާން ވިދާޅުވީ އެ މައްސަލައަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް، ވަކި ބަޔަކު ބޭނުންކޮށްގެން އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި އޭނާއަށް ޖަލު ހުކުމެއް ކުރާނެކަން ކަށަވަރުވާ ކަމަށާއި އެހެންވެ، މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުޑައިރުކޮޅެއް ކުރިން މައްސަލައާ ގުޅޭ ޓްވީޓްތަކެއް ކުރެއްވިކަން ޝައްމާން ފާހަގަކުރެއްވިއެވެ. އެ ޓުވީޓުތަކުގައި ވަނީ ރާއްޖޭގެ މައި ދޮރު، ބޯޑަ ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ވަނީ ވިއްކާލާފައި ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޝައްމާން މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އޭނާއަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ލިޔުއްވާފައިވެއެވެ.

އެ މައްސަލައިގައި އެންމެ ފަހުން ރައީސް ގުޅުއްވި ދުވަހު "މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ" ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވައި އިންޒާރު ދެއްވި ކަމަށް ޝައްމާން ވިދާޅުވިއެވެ. އަދި ބޯޑަ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމާށް ތުހުމަތު ކުރައްވައި، އެކަމާ ގުޅޭ ހެކި، އޭނާގެ ފޯނުގައި ހުންނާނެ ކަމަށް ޝައްމާން ލިޔުއްވިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ފުލުހުންގެ އަތުގައިކަން ފާހަގަކުރެއްވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޝައްމާން ނޫސްވެރިންނާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް އޭނާއާއެކު ބަޔަކު ހައްޔަރުކޮށް، އެ މީހުންނާ އެއްބަސްވުން ހަދައި، ޝައްމާނަށް ދައުވާ ސާބިތުކުރަން މަސައްކަތްތައް ކުރި ކަމަށެވެ.

"ކުރު ގޮތަކަށް ބުނާ ކަމުގައި ވާނަމަ ހެއްކެއް ނެތް، އަޅުގަނޑުގެ މައްޗަށް ހެކި ނެތި އަޅުގަނޑުގެ މައްޗަށް ސީދާ ދައުލަތުގެ ވެރިން އަންގަވައިގެން، އޭގެ ތެރޭގައި މިނިސްޓަރު އިހުސާން އެއީ އެކަކު، މިކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމް،" އޭނާ ވިދާޅުވިއެވެ.

އަދި އެ ހުރިހާ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކަން އެހެން އޮއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި، ޝައްމާން ދެއްކެވި ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވަނީ ދޮގު ވެސް ކުރައްވައިފައެވެ.

https://sun.mv/223114

އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ އޭނާގެ މައްޗަށް ޝައްމާން ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

މި މައްސަލައިގައި ޝައްމާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝައްމާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބޮޑެތި ޖިނާއީ ދައުވާތަކެއް ޝަރީއަތަށް ސާބިތުވެއްޖެއެވެ. މިގޮތުން، އޭނާގެ މައްޗަށް ސާބިތުވެފައިވާ މައިގަނޑު ކުށްތަކުގެ ތެރޭގައި މަނީ ލޯންޑާކުރުމުގެ ކުށާއި، މީހުންގެ އަތުން ފޭރުމުގެ ކުށުގެ އިތުރުން ދައުލަތުން ހަވާލުކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ހިމެނެއެވެ. މިއީ ދައުލަތުގެ އިސް މަގާމެއްގައި ހުރި ފަރާތަކާ ގުޅޭގޮތުން ނިމިގެންދިޔަ ވަރަށް މުހިންމު މައްސަލައެކެވެ.

  • މައްސަލަ ރައްދުވާ ފަރާތް: ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު.
  • ސާބިތުވި މައިގަނޑު އެއް ކުށް: ގާނޫނާ ހިލާފަށް ފައިސާ ދޮވުން ނުވަތަ މަނީ ލޯންޑާކުރުން.
  • ސާބިތުވި އިތުރު ކުށްތައް: މީހުންނަށް އޮޅުވާލައިގެން ފޭރުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުން.
  • މައްސަލައިގެ ހާލަތު: މި ކުށްތައް ޝަރީއަތަށް ސާބިތުވެފައިވާއިރު، މައްސަލައިގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވޭ.
comment ކޮމެންޓް