މި ސަރުކާރުގައި ވައްކަން ކުރަމުން އަންނަ ކަމަށާއި، މިއީ ބާއްވަން ހެޔޮވާ ވަރުގެ ވެރިކަމެއް ނޫން ކަމަށް އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝައްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4:00 ޖަހާއިރަށެވެ. އޭނާއަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.
ޝައްމާން ވަނީ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި، އޭނާއަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފައެވެ.
ޝައްމާން ވިދާޅުވީ އެ މައްސަލައަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް، ވަކި ބަޔަކު ބޭނުންކޮށްގެން އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި އޭނާއަށް ޖަލު ހުކުމެއް ކުރާނެކަން ކަށަވަރުވާ ކަމަށާއި އެހެންވެ، މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުޑައިރުކޮޅެއް ކުރިން މައްސަލައާ ގުޅޭ ޓްވީޓްތަކެއް ކުރެއްވިކަން ޝައްމާން ފާހަގަކުރެއްވިއެވެ. އެ ޓުވީޓުތަކުގައި ވަނީ ރާއްޖޭގެ މައި ދޮރު، ބޯޑަ ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ވަނީ ވިއްކާލާފައި ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޝައްމާން މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އޭނާއަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ލިޔުއްވާފައިވެއެވެ.
އެ މައްސަލައިގައި އެންމެ ފަހުން ރައީސް ގުޅުއްވި ދުވަހު "މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ" ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވައި އިންޒާރު ދެއްވި ކަމަށް ޝައްމާން ވިދާޅުވިއެވެ. އަދި ބޯޑަ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމާށް ތުހުމަތު ކުރައްވައި، އެކަމާ ގުޅޭ ހެކި، އޭނާގެ ފޯނުގައި ހުންނާނެ ކަމަށް ޝައްމާން ލިޔުއްވިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ފުލުހުންގެ އަތުގައިކަން ފާހަގަކުރެއްވިއެވެ.
ޝައްމާން ކްރިމިނަލް ކޯޓަށް ވަޑައިގަތުން: އޭނާ ވަނީ މިނިސްޓަރު އިހުސާނާއި އޭޖީ އުޝާމާ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
އެ މައްސަލައާ ގުޅޭ ގޮތުން ޝައްމާން ނޫސްވެރިންނާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް އޭނާއާއެކު ބަޔަކު ހައްޔަރުކޮށް، އެ މީހުންނާ އެއްބަސްވުން ހަދައި، ޝައްމާނަށް ދައުވާ ސާބިތުކުރަން މަސައްކަތްތައް ކުރި ކަމަށެވެ.
"ކުރު ގޮތަކަށް ބުނާ ކަމުގައި ވާނަމަ ހެއްކެއް ނެތް، އަޅުގަނޑުގެ މައްޗަށް ހެކި ނެތި އަޅުގަނޑުގެ މައްޗަށް ސީދާ ދައުލަތުގެ ވެރިން އަންގަވައިގެން، އޭގެ ތެރޭގައި މިނިސްޓަރު އިހުސާން އެއީ އެކަކު، މިކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމް،" އޭނާ ވިދާޅުވިއެވެ.
އަދި އެ ހުރިހާ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝައްމާން ވަނީ، އެ މައްސަލައާ ގުޅިގެން ރައީސް ފިޔަވަޅެއް ނޭޅުއްވުމަކީ ވެސް ކޮރަޕްޝަނުގެ އަމަލެއް ކަމަށް ސިފަކުރައްވައިފައެވެ. އެހެންކަމުން ރައީސް ވެސް އެ މައްސަލައިގައި ބައިވެރިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް، މި ސަރުކާރަކީ މި ވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާނެވަރުގެ ސަރުކާރެއް ނޫން. ވީހާވެސް އަވަހަކަށް، އަޅުގަނޑު އެދެނީ އަޅުގަނޑުގެ އެކުވެރިންނާއި އާއިލާއާއި އަޅުގަނޑަށް ހެޔޮ އެދޭ ކޮންމެ މީހެއް ވެސް މި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، މި ސަރުކާރު 2028 އައުމުގެ ކުރިން ނިންމަ ދިނުމަށް
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން
ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެތެރެއިން ބައެއް ޝައްމާން އަތުގައި ބަހައްޓައި އަދި އަނެއްބައިން، ޝައްމާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ.
މި މައްސަލައިގައި ޝައްމާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝައްމާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.