ބޮޑު ދަރަނި ދެއްކުމުން، ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޮޑު ދަރަނި ދެއްކުމުން، ފިޗުންވަނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައި -- ފޮޓޯ/ ޕީއެސްއެމް

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.

ފިޗުން މިއަދު އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް ބަދަލުކޮށްފައެވެ.

ރާއްޖެ ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން ވަނީ 'ސީސީ'އަށް ދަށްކޮށްފައެވެ. އަދި 2025ގައި ވެސް 'ސީސީ'ގައި ރޭޓިން ވަނީ ދަމަހައްޓައިފައެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ދަމަހައްޓައިފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކުމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރީ މި އަހަރުގެ އޭޕްރިލް މަހު އަނބުރާ ދައްކަން އޮތް ސުކޫކު ފައިސާގެ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ.

ފިޗްގެ 'ސީސީ'އާއި މިހާރު ލިބިފައިވާ 'ސީސީސީ މައިނަސް' ރޭޓިންއަކީ ވެސް 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރާއިރު، މިހާރު ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ނުރައްކާ ކުރިއަށް ވުރެ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާ ކަމަށް ފިޗުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ސުކޫކް ދައްކައި ޚަލާސް ކޮށްފައިވާކަން އެ އިދާރާއިން ފާހަގަކުރިއެވެ.

https://www.sun.mv/220062

މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރެވޭނެ ކަމަށް ފިޗުން ބުނެފައިވެއެވެ. އަދި ބޭރުގެ ދަރަނި ކުޑަވެ، ބޭރުން އެހީ ލިބުމުން ފައިސާގެ ދަތިކަމަށް ލުއި ލިބި، ދަރަނީގެ ނުރައްކަލުން ސަލާމަތްވުމަށް ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ބާޒާރުމަތީ ސަރަހައްދުގައި މީހަކު އެއްޗެހި އުފުލަނީ: ރާއްޖެއަށް އޮތް ނުރައްކާތަކުގެ ތެރޭގައި، އިމްޕޯޓާއި އެކްސްޕޯޓްގެ ޑެފިސިޓް ފިޗުން ފާހަގަކުރި -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

އެ ކަންތައްތަކާއެކު ވެސް ފިޗުން ވަނީ، ރާއްޖެއަށް މާލީ ގޮތުން ނުރައްކާތައް ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން މާލީ ދެ ޑެފިސިޓެއް ރާއްޖޭގެ އެބައޮތް ކަމާއި، އެއީ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދު ކުރުމާއި އެކްސްޕޯޓަށް ވުރެ އިމްޕޯޓް އިތުރުވުން ކަމަށް ފިޗުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފައިސާގެ ރިޒާވް ދަށްވުމާއި އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ހާލަތުގެ ނުރައްކަލާއި، ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމުގެ ނުރައްކާ ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭން އޭޕްރިލް މަހު ދެއްކި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށް ޓަކައި ރައީސް ސާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. މާލީ ވުޒާރާއިން ވަނީ، އެ ދަރަންޏަކީ ދުނިޔޭގެ އިގްތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށް ބުނެފައެވެ.

https://sun.mv/221612

އެ ދަރަނި ދެއްކިކަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ އޭޕްރިލް މަހުގެ ދެވަނަ ދުވަހެވެ. އެގޮތުން ދަރަނި ދެއްކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގެ ފައިސާއިން ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ހަމަ އެ މަސް ތެރޭގައި ސަރުކާރުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ޚަލާސްކޮށްފައިވާކަން އިއުލާންކޮށްފައެވެ.

މި އަހަރު ދައުލަތުން ފާސްކޮށްފައިވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށްވާއިރު އޭގެ މައިގަނޑު ސަބަބަކަށްވީ މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 14އާ ހަމައަށް ލޯނު އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދިވެހިރާއްޖެއިން ދައްކަންޖެހޭ ބޮޑެތި ދަރަނިތަކެއް ޚަލާސްކުރުމާ ގުޅިގެން، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް މަތިކޮށްފިއެވެ. މީގެ މައިގަނޑު ސަބަބަކީ، އޭޕްރީލް މަހު އަނބުރާ ދައްކަންޖެހުނު 524.68 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާސްކުރުމާއި، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރުވެ، ދަރަނި ނުދެއްކުމުގެ ނުރައްކާ ވަނީ ކުޑަވެފައެވެ. ނަމަވެސް، އިމްޕޯޓާއި އެކްސްޕޯޓްގެ ފަރަގު ބޮޑުވުމާއި، އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުގެ ސަބަބުން އުފެދިފައިވާ މާލީ ޑެފިސިޓްތަކުގެ ނުރައްކާ އަދިވެސް އޮތްކަން ފިޗުން ފާހަގަކުރެއެވެ. ސަރުކާރުން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ވެސް ދައްކާފައެވެ. މިއަހަރުގެ ބަޖެޓަކީ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭތީ ފާސްކޮށްފައިވާ ރެކޯޑު ބަޖެޓެކެވެ.

  • ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް ވަނީ މަތިކޮށްފައެވެ.
  • ރޭޓިން މަތިކުރި މައިގަނޑު ސަބަބަކީ އޭޕްރީލް މަހު 524.68 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާސްކުރުމެވެ.
  • ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް ގެނައި ބަދަލާއެކު ދައުލަތުގެ ރިޒާވް ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
  • މާލީ ދެ ޑެފިސިޓް އަދި ރިޒާވް ދަށްވުމުގެ އިތުރުން ފަތުރުވެރިކަމަށް ބަރޯސާވުމުގެ ނުރައްކާ އަދިވެސް އެބައޮތެވެ.
  • މިއަހަރު ދައްކަންޖެހޭ 1.1 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން، އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ވެސް ވަނީ ދައްކާފައެވެ.
comment ކޮމެންޓް