މިދިޔަ މޭ މަހުގެ 24 އިން 30 އަށް ހިނގާދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ސްކޭމްގެ ޖުމްލަ 23 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 126,489.00 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ސްކޭމް ކުރާ ފަރާތްތަކުން އަތުލި ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 52,346.35 ރުފިޔާއެވެ.
މި ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އީ-ކޮމާސްގެ 17 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
އޮންލައިންކޮށް މުދާ ގަންނައިރު، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ މައުލޫމާތާއި ވިއްކާ މުދަލާ ދިމާވޭތޯ ބެލުމަށާއި، މުދާ ލިބުމުން ފައިސާ ދައްކާ ގޮތަށް (ކޭޝް އޮން ޑެލިވަރީ) ވިޔަފާރި ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ މޭ މަހުގެ 24 އިން 30 އަށް ހިނގާދިޔަ ހަފުތާގެ ތަފާސްހިސާބުތައް.. ފޮޓޯ/ ފުލުހުން
މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިނގާ ސްކޭމްތަކުގެ ހަތަރު މައްސަލައެއް ވެސް މިދިޔަ ހަފުތާގައި ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، ލައިސަންސް އޮތް ވިޔަފާރިތަކުގެ ރަސްމީ ލޭންޑްލައިން ނަންބަރަށް ގުޅައި، އެ ފަރާތްތަކުން ބޭނުންކުރާ ވައިބާ ނުވަތަ ވަޓްސްއަޕް ނަންބަރަކީ ސައްހަ ނަންބަރެއްތޯ ކަށަވަރުކުރުމަށް ފުލުހުން އިރުޝާދުދެއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ބުކިންޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަމަށް ބުނެ އިންޒާރު ދީފައެވެ.
"އެއީ ރިފަންޑު ދޭން ވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް" ކަމަށް އެ ސެންޓަރުން ބުންޏެވެ. މި މެސެޖުތައް ފޮނުވަނީ '1474' ނަމްބަރުން ކަމަށާއި، އޭގައި 9,600ރ. ގެ ރިފަންޑު ލިބިގަތުމަށް 24 ގަޑިއިރުގެ ތެރޭގައި އެކައުންޓް ވެރިފައި ކުރުމަށް ބާރުއަޅާފައިވެއެވެ.
ސްކޭމް ލިންކް ދެނެގަންނާނެ ގޮތް ހިއްސާކުރަމުން ފުލުހުން ބުނީ، ރަސްމީ ބުކިން.ކޮމްގެ ބަދަލުގައި އެ މެސެޖުގައި ވަނީ ކުރު ލިންކެއް ކަމަށާއި، އަދި އަވަސް އަރުވާލުމުގެ ގޮތުން ފައިސާ އަނބުރާ ހޯދުމަށް ދީފައިވަނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ.
އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި ކާޑުގެ މުއްދަތު ހަމަވާ ތާރީހް ހޯދުމަށް ލިންކް ނުފޮނުވާނެކަން ފުލުހުން ހަނދާންކޮށްދެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، ލިންކުތަކަށް ނުފިތުމަށާއި، އޯޓީޕީ އާއި ކާޑުގެ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކަމެއްގައި ޝައްކު އުފެދޭނަމަ ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ އެކަންކަން އަމިއްލައަށް ޗެކްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކުރެއެވެ.