ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި، މިއަދު އިތުރު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މި ޖަލްސާ ބާއްވަން ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު 1:00 ގައެވެ.
މިއަދުގެ 9:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައި ވަނީ, މަޖިލީހުގެ ނައިބު ރައީސް ކަމުން އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައެވެ. އެ ޖަލްސާ ފަށަން މާ ގިނައިރު ތަކެއް ނުވަނީސް ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެހެންކަމުން ހެނދުނު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނާޒިމް އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އެއަށްފަހު، އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު، މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރެއްވިއެވެ.
މެންދުރު ބާއްވާ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އިއުލާން ނުކުރި ނަމަވެސް، "ސަން" އަށް އެނގިފައިވާ ގޮތުގައި މި ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރުމެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 އަށް ނިމެން އޮތް ނަމަވެސް، މަޖިލީހުން ވަނީ މިހާރު ހިނގަމުންދާ ދައުރު މިއަދުގެ ނިޔަލަށް ދަންމާލާފައެވެ. އެއީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށެވެ.