އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލާފައި ބާއްވާ މުއްދަތު 60 ދުވަހަށް އިތުރުކޮށް, ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް މަޝްވަރާތައް ފެށުމަށް ވަގުތީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އެ އެއްބަސްވުމުގެ މަސައްކަތް ކުރިއަށްދާކަން ވައިޓް ހައުސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ މަސްދަރުތަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ އެ އެއްބަސްވުމަށް މިހާރު ބޭނުންވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ފަހުގެ ރުހުން ކަމަށެވެ. މި އެއްބަސްވުން ފައިނަލް ކޮށްފިނަމަ ހުއްޓިފައި އޮތް މަޝްވަރާތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
ނަމަވެސް އެއްބަސްވުމުގެ ތަފުސީލެއް ހާމަކޮށްފައެއްނުވެއެވެ. އަދި 60 ދުވަހުގެ މުއްދަތަކީ މަޝްވަރާތަކުގެ ސުންގަޑި ކަމެއްވެސް ސާފެއް ނޫނެވެ.
ދާއިމީ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށްދާއިރު، އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގާފައެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ކަނޑުއޮޅިއަކީ އީރާނާއި އޮމާނުގެ ކަނޑުގެ ސަރަހައްދުގައި އޮންނަ ކަނޑުއޮޅިއެކެވެ. އެހެންވެ އީރާނުން ބޭނުންވަނީ އޮމާނާއި އީރާން ގުޅިގެން ކަނޑުއޮޅި ބަލަހައްޓާށެވެ.

އީރާނުގެ އެންމެ އިސް ލީޑަރު މުޖުތަބާ ޚާމަނާއީގެ ޕޯސްޓަރެއް. ފޮޓޯ/އޭއެފްޕީ
ނަމަވެސް ކަނޑުއޮޅީގެ ކޮންޓްރޯލު އީރާނުން ނަގަން އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ. އީރާނާ ގުޅިގެން އޮމާނުން ކަނޑުއޮޅީގެ ކޮންޓްރޯލު ނަގާނަމަ އޮމާނަށް ހަމަލާ ދޭނެ ކަމަށްވެސް ޓްރަމްޕް ވަނީީ ވިދާޅުވެފައެެވެ.
ކަނޑުއޮޅިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއިންވެސް ހުރަސް އަޅާފައިވާއިރު، ކަނޑުއޮޅި އުޅަނދުތަކަށް ހުޅުވާނީ ތިން ޝަރުތެއްގެ މަތިން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓްރީ ސްކޮޓް ބެސެންޓް ވަނީ ވިދާޅުވެފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުން ހިމެނެއެވެ.
އެއްބަސްވުމެއް ހަދާކަން އީރާނުން ދޮގުކުރޭ
އީރާނުގެ ނިއުސް އެޖެންސީ ތަސްނީމްއިން ވަނީ، މަޝްވަރާތަކާ ގާތް މަސްދަރަކާ ހަވާލާދީ އެމެރިކާގެ އޮފިޝަލުންގެ ވާހަކަ ދޮގުކޮށްފައެވެ.
"ހަގީގަތުގައި ވެސް އެ ލިޔުން ފައިނަލް ކުރެވިއްޖެ ނަމަ، އެއްބަސްވުމުގެ މެދުވެރިޔާ ކަމަށްވާ ޕާކިސްތާނާއި ގައުމުގެ ރައްޔިތުންނަށް އެކަން އިއުލާން ކުރާނެ. ނަމަވެސް އޭގެ ކުރިން ހުޅަނގުގެ މަސްދަރުތަކުން މައްސަލަ ފައިނަލް ކުރުމާ ބެހޭ ގޮތުން ދައްކާ އެއްވެސް ވާހަކައެއް ސައްހައެއް ނޫން." ތަސްނީމު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން، އީރާނުން ނިއުކްލިއާ ހަތިޔާރެއް ނުގެންގުޅުމަށްވެސް އެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް އީރާނުން ވަނީ އެކަމާ ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.
ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދިން ހަަމަލާތަކުގައި އީރާނުގެ އޭރުގެ އެންމެ އިސް ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ އާއި އާންމުންގެ އެތައް ބަޔަކުވެސް ވަނީ މަރުވެފައެވެ.