މާލެއިން އއ. ތޮއްޑުއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި 25 މީހުން ސަލާމަތްކޮށްފިއެވެ.
'މެރިން ޕޮލިސް' އިން މިރޭ ކުރި ޕޯސްޓެއްގައި ބުނީ މިއަދު 17:30 ހާއިރު މާލެއިން އއ. ތޮއްޑުއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާއެކު ގެނެސްފައިވާ ކަމަށެވެ.
މިދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދަތުރު ކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް މެރިން ޕޮލިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް މި ދަނޑިވަޅުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ވެސް އޮތީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވާތީ، ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އަމިއްލަ ފުރާނައާއި މުދަލުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
މެޓް އޮފީހުން ދަނީ މޫސުމަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް އާންމުކުރަމުންނެވެ. އެހެންކަމުން، ދަތުރުތައް ރޭވުމުގައި މި މަޢުލޫމާތުތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށާއި، މޫސުން ގޯސްނަމަ ދަތުރު ފަސްކޮށްލުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.