އެޕަލް ވޮޗްގެ ހާޓް-ރޭޓް ޓްރެކިން (ވިންދު ބަލާ ނިޒާމު) އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތަކަށް ކުންފުނިން ބޮޑު އިސްކަމެއް ދޭން ފެށުމާއެކު، އޭއައި އެހީތެރިކަމާއެކު ތައާރަފުކުރުމަށް ތައްޔާރުވަމުންދިޔަ ހެލްތު ކޯޗިން ފީޗާ ލަސްވެދާނެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
"ޕްރޮޖެކްޓް މަލްބެރީ" ގެ ނަމުން އެތެރޭގެ އޮޕަރޭޝަންތަކުގައި ނަންދެވިފައިވާ މި ހިދުމަތަކީ އެޕަލް ހެލްތު އެޕްލިކޭޝަނުން އެއްކުރާ މައުލޫމާތުތައް ދިރާސާކޮށް، ބޭނުންކުރާ ފަރާތްތަކަށް ސިއްހީގޮތުންނާއި ދުޅަހެޔޮކަމަށް ބޭނުންވާ ހާއްސަ އިރުޝާދުތައް ފޯރުކޮށްދިނުމަށް ފަރުމާކުރަމުންދާ ނިޒާމެކެވެ.

އޭއައި ކޯޗު ލަސްވި ނަމަވެސް، އެޕަލް އިން ދަނީ ހެލްތު އެޕްލިކޭޝަން މުޅިން އާ ފަރުމާއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ----
މިކަމާ ގުޅޭގޮތުން ބްލޫމްބާގްގެ މާކް ގުރްމަން ހާމަކުރި ގޮތުގައި، މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ވޮޗްއޯއެސް 27ގެ ފުރަތަމަ ވާޝަނާއެކު މި އޭއައި ހެލްތު ކޯޗު ފެނުމުގެ ފުރުސަތު ކުޑައެވެ.
އެޕަލްގެ ހެލްތު ޕްރޮޑަކްޓްތައް ބަލަހައްޓާ ޓީމަށް އައިސްފައިވާ އިދާރީ ބަދަލުތަކެއްގެ ސަބަބުން މި މަޝްރޫއުގެ މަސައްކަތްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މި ފީޗާ އާންމުންނާ ހަމައަށް އަންނާނީ އައިއޯއެސް 27 ނެރުމަށްފަހު އަންނަ އިތުރު އަޕްޑޭޓެއްގެ ތެރެއިން ކަމަށް ބެލެވެއެވެ.
މި ބަދަލާއެކު، ކުރިއަށް އޮތް ވޮޗްއޯއެސް 27 އަޕްޑޭޓް ބޮޑަށް ބިނާވެގެންދާނީ އެޕަލް ވޮޗްގެ ހިނގުން ހަލުވިކުރުމަށާއި، ސޮފްޓްވެއާގެ ހަމަޖެހުން އިތުރުކުރުމުގެ މައްޗަށެވެ. މީގެ އިތުރުން އެޕަލް ވޮޗްގެ ހާޓް-ރޭޓް ޓްރެކިން ފީޗާ އިތުރަށް ފުރިހަމަކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އިން ހެލްތު ދާއިރާއަށް ދޭ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.
އޭއައި ކޯޗު ލަސްވި ނަމަވެސް، އެޕަލް އިން ދަނީ ހެލްތު އެޕްލިކޭޝަން މުޅިން އާ ފަރުމާއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި އާ ފަރުމާ އައިއޯއެސް 27 އާއެކު ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި، މީގެ ސަބަބުން ސިއްހީ މައުލޫމާތުތައް ބަލައިލުމުގައި ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އެޕަލް އިން ވޮޗްއޯއެސް 27 އާއި އައިއޯއެސް 27 ރަސްމީކޮށް ދައްކާލުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެކުންފުނީގެ އަހަރީ "ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް" (ޑަބްލިއުޑަބްލިއުޑީސީ) ގައެވެ.
މި ކޮންފަރެންސްއަށްފަހު ޑިވެލޮޕަރުންނަށް ހާއްސަ ބީޓާ ވާޝަންތައް ދޫކޮށްލަން ނިންމާފައިވާއިރު، އާންމުންނާ ހަމައަށް މި އަޕްޑޭޓްތައް ރަސްމީކޮށް ލިބޭނީ މިއަހަރުގެ ފަހުކޮޅުގައެވެ.