ވެރިކަންކުރާ ޕީއެންސީގެ ލީޑާޝިޕާއި ސެނެޓުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި، އެންމެންވެސް އެމަނިކުފާނު ދެކެ ނުހަނު ލޯބިވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، ދާދި ފަހުން ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒުގެ ހުށަހެޅުއްވުމަކާ ދެކޮޅަށް ކަންކަން ނިންމި ކަމަށް, ބައެއް ނޫސްތަކުގައި ގެނެސްދީފައިވާ ޚަބަރުތަކެއް ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ކަންކަން އިންތިޒާމު ކުރަން ރައީސް މުއިއްޒު, ހުށަހެޅުއްވީ ހުރިހާ ބާރެއް ލީޑަޝިޕަށް ދިނުމަށެވެ. ނަމަވެސް އެ ހުށަހެޅުއްވުމާ ދެކޮޅަށް ސެނެޓުން ފާސްކުރީ އާންމު މެންބަރުންގެ ތެރެއިން ބަޔަކު ހިމެނޭ ކޮމިޓީއަކުން ކޮންގްރެސްގެ އިންތިޒާމުތައް ކުރިއަށް ގެންދަން ކަމަށް އެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ފަލާހް ވިދާޅުވި ގޮތުގައި އެއީ ކަނޑައެޅިގެން ދޮގު ޚަބަރުތަކެކެވެ. އަދި ޕާޓީގެ އެންމެންވެސް ރައީސް މުޢިއްޒަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒަށް އޮތް ތާއީދާއި އިތުބާރު ބޮޑު ނަމަވެސް، އެމަނިކުފާނު އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކުގެ އިތުރުން މަޝްވަރާކުރުމުގެ ރިވެތި ސިފަ ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން، ނިމިގެންދިޔަ ޕީއެންސީގެ ސެނެޓް ބައްދަލުވުމުގައިވެސް ވަކި ކަމެއް ވަކި ގޮތަކަށް ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މުޅި ބައްދަލުވުމުގައިވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް،" ފަލާހްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
"ރައީސް މުޢިއްޒު ދެކެ އަޅުގަނޑުމެން އެންމެން މާ ލޯބިވޭ އެމަނިކުފާނަށް އަޅުގަނޑުމެން އެންމެން މާ އިތުބާރުކުރަން."
މީގެ އިތުރުން، ބައެއް ނޫސްތަކަށް ފާޑުވިދާޅުވަމުން ފަލާހް ވަނީ، ފައިސާ ދީގެން ނޫސްވެރިން ލައްވައި ބޮޑެތި ދޮގު ވާހަކަތައް ލިޔުވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިފަދަ ޚަބަރުތަކުން ސާފުވަނީ ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް ބައެއް މީހުން ލަނޑުދޭ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވެރިކަންކުރެއްވުމުގެ ވައްޓަފާޅިއަށް ތާރީފުކުރައްވަމުން ފަލާހް ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ދެކުނު، މުޅި ގައުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ވެރިކަންކުރައްވާ ހަމައެކަނި ރައީސް ކަމަށެވެ.