އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)ގެ މޭޔަރުކަމާއި ސްޓޭޓް މިނިސްޓަރުކަމުގައި އައްޑުއަށާއި، ވަކިން ޚާއްސަކޮށް ހިތަދުއަށް ވަރަށް ބޮޑަށް އިހުމާލުވި ކަމަށާއި، ސޯބެއަކީ އައްޑުއަށް ކަމެއް ކޮށްދެއްވާނެ ބޭފުޅެއް ނޫން ކަމަށް، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދު (ސޮޑާ)ގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މޭޔަރުކަން ކުރެއްވުމުގެ ފުރުސަތު، ސޯބެއަށް ރައްޔިތުން ދިން ކަމަށެވެ.
"އެހެން ނަމަވެސް ރައްޔިތުން ވިދާޅުވީ ހޯހޯއޭ، ފުދިއްޖެއޭ، ޢަބްދުالله ޞާދިޤަށް ފުދިއްޖެއޭ، އެމްޑީޕީން ވިޔަސް ދެން އެހެން ބޭފުޅެކޭ،" ޝިޔާމް ވިދާޅުވިއެވެ.
އައްޑޫ ރައްޔިތުން އެ ސިޓީގެ ކައުންސިލަށާއި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހޮވީ ފޮނި އުންމީދުތަކަކާއެކު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވަނީ، 2021 ވަނަ އަހަރުގެ އެމްޑީޕީ ކައުންސިލް ޕްރައިމަރީގައި މިހާރުގެ މޭޔަރު ޢަލީ ނިޒާރާ ވާދަކުރައްވައި ސޯބެ ބަލިވިކަން ފާހަގަކުރައްވައިފައެވެ.
"އެމްޑީޕީން ވެސް [ސޯބެއަށް] ބުނީ ނޫނެކޭ، ފުދިއްޖެއޭ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މުޅި އައްޑުއަށް ބަލާއިރު އެ ސިޓީއަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ވަށައި ބަލައިލަން މި ދާއިރާގެ ކަންކަން ހުރި ގޮތް، އުމްރާނީ ތަރައްގީގެ ކަންކަން ހުރިގޮތް، އިޖުތިމާއީ ތަރައްގީގެ ކަންކަން ހުރިގޮތް، އިގްތިޞާދީ ތަރައްގީގެ ކަންކަން ހުރިގޮތް، ވަރަށް ބޮޑަށް އިހުމާލުވެފައި މި އޮތީ، މި ސިޓީއަށް މި ދާއިރާއަށް ވަކިން ޚާއްސަކޮށް، މި އިހުމާލުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ ޢަބްދުالله ޞާދިޤް،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސޯބެ ވާދަކުރައްވަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައެވެ.
"އަޅުގަނޑަށް އެނގިއްޖެ، ތަރައްގީގެ މަގުގައި، މި ސިޓީއަށް، ވަކިން ޚާއްސަކޮށް މި ދާއިރާގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެއްވާނެ ބޭފުޅެއް ނޫންކަން، ރައްޔިތުން ޔަގީނުން ވެސް އެ ތަޖުރިބާ ކުރައްވައިފި، އެހެންވީމާ ޢަބްދުالله ޞާދިޤަށް އަޅުގަނޑުމެން ނޫނެކޭ ބުނަން ޖެހެނީ،" ޝިޔާމް ވިދާޅުވިއެވެ.

ސޯބެ: ވިދާޅުވީ، ޕީއެންސީ މެންބަރަކު ހޮވައިގެން ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށް --- ފޮޓޯ/ އެމްޑީޕީ
ސޯބެއަށް ފާޑުވިދާޅުވެ ޝިޔާމް ވާހަކަ ދެއްކެވިއިރު، މިދިޔަ ހޯމަ ދުވަހު އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެންބަރުން ހޮވަނީ، މިނިސްޓަރުންނަށް ސަލާން ޖަހާކަށް ނޫން ކަމަށެވެ.
މިގޮތުން، ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ހޯދުމަށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އޮތީ ވަރަށް ރަނގަޅު ނިޒާމެއް ކަމަށް ސޯބެ ވިދާޅުވިއެވެ. އެކަން ވާނީ، އޭނާއަށް ވޯޓު ދީގެން ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.
"ޕީއެންސީއަށް ނިސްބަތްވޭ މީހަކަށް ހޮވަގެން އެކަން ނީވެހޭ. އަމުދުން މީކޯ ކުރިމަތިލާފައި ހިށީ ޕީއެންސީގެ މެންބަރުންގެ ތާއިދަށް ނެތް މީހަށް" އައްޑޫ ބަހުރުވައިން ދެއްކެވި ވާހަކައިގައި ސޯބެ ވިދާޅުވިއެވެ.
ކުރިން އައްޑޫގެ މޭޔަރުކަން ވެސް ކުރެއްވި ސޯބެ ތުހުމަތުކުރެއްވި ގޮތުގައި، އެ ދާއިރާއަށް ޕީއެންސީ މެންބަރަކު ހޮވައިފިނަމަ، އޭނާ މަޖިލީހުގައި ކުރައްވަނީ އަމިއްލަ މަންފާއަށް ކުރާ މަސައްކަތެވެ.
އެހެންވެ، އޭނާއަށް ވޯޓު ދިނުމަށް ހިތަދޫ ރައްޔިތުންގެ ކިބައިން ސޯބެ ވަނީ އެދިވަޑައިގެންފައެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން -- ފޮޓޯ/ މަޖިލިސް
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާއިރު، ދާއިރާއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ، ސޯބެއާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ސޯބެއަށް އެމްޑީޕީގެ ޓިކެޓު ލިބުނީ، އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އިތުރު މެންބަރަކު އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވައިފައިނުވާތީއެވެ. އަދި ސަޢީދަށް ޕީއެންސީގެ ޓިކެޓު ލިބުނީ، ސިނާނަށް ޓިކެޓު ލިބިވަޑައިގެންފައި ވަނިކޮށް، އޭނާގެ ނަން ނެންގެވުމާ ގުޅިގެންނެވެ.