މާލެއާއި ހުޅުމާލެއިން މިއަދު ކުއްލި ގޮތަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން އާންމު ރައްޔިތުންނަށް، ޚާއްސަކޮށް އުސް އިމާރާތްތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ކުރިމަތިވި ބޮޑެތި ދަތިތަކާ މެދު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި މުޅި މާލެ ސަރަހައްދުން އެއްފަހަރާ ވަނީ ކަރަންޓު ކެނޑިފައެވެ. އެހެންވެ، ގިނަ ބަޔަކަށް އެ ކަމުގެ ދަތިތަކާ ކުރިމަތިވިއެވެ.
މި ހާދިސާއާ ގުޅިގެން މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށެވެ.
އެގޮތުން، އުސް އިމާރާތްތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ލިފްޓު ބޭނުންނުކުރެވި, އަރައި ފޭބޭނެ އެއްވެސް ގޮތެއް ނެތި ވަރަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނުކަން އޭނާ ހިތާމާއާ އެކު ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ކަރަންޓު މަސައްކަތް ކުރަނީ --- ފޮޓޯ: ސްޓެލްކޯ
މާލެ ސަރަހައްދަކީ ބިމުގެ ޖާގަ ކުޑަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު އެތައް ބުރިއަކަށް ނަގާފައިވާ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ތަނަކަށްވުމުން، ކަރަންޓާ ނުލައި އުސް އިމާރާތްތަކަށް އަރައި ފޭބުމަކީ ގިނަ ބަޔަކަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ.
މީގެ އިތުރުން، ކަރަންޓު ނެތުމުގެ ސަބަބުން ފެނުގެ ޚިދުމަތަށް ވެސް ބައެއް ގޭބިސީތަކުގައި ބުރޫއަރައި، އާންމު ސާފުތާހިރުކަމާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ވެސް ހުރަސްތަކެއް އެޅުނެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއް އެއާ ގުޅިފައިވާ ކަރަންޓުގެ ހިދުމަތުން ރައްޔިތުން މަހުރޫމުވުމަކީ ނުހަނު ބޮޑަށް ދެރަވާ އަދި ކަންބޮޑުވާ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި, ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ވަރަށް އިޚުލާސްތެރިކަމާ އެކު އިލްތިމާސްކުރައްވާފައެވެ. މޭޔަރުގެ މި ގޮވާލެއްވުމަކީ، އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.
މުޅި މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:00 އެހާކަންހާއިރެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނި ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއް ކަމުގެ އެއްވެސް ތަފުސީލެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: ކަރަންޓު ކެނޑުމުން ދަތިތައް ދިމާވާތީ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން، މާލެއާއި ހުޅުމާލޭގެ އިންޖީނުތައް ހިންގައި، އެކި ހިސާބުތަކަށް މަޑުމަޑުން ކަރަންޓު ދޫކުރަން ފެށި ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން މިއަދު ހެނދުނުގެ ވަގުތެއްގައި ސްޓެލްކޯއިން ވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ، އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ކާމިޔާބުކަމާ އެކު ނިންމާލެވުނުކަން އިއުލާނުކޮށްފައެވެ. އަދި، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށް ފަހު ދުރާލާ ކަސްޓަމަރުންނަށް އަންގާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ މިއަދު މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އެ އަޕްގްރޭޑާ ގުޅިގެން ދިމާވި މައްސަލައަކުން ކަމަށެވެ.
މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ، އަދި ވިޔަފާރިއާއި އިގުތިސާދީ މައި ހަބަށްވާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތްތައް ހުއްޓި، އޮފީސްތަކުގެ މަސައްކަތްތަކަށް ވެސް ބުރޫއަރައެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވެފައިވެއެވެ.
އެގޮތުން، މިދިޔަ އަހަރު ވެސް މުޅި މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ދިޔަ ހާދިސާއެއް ހިނގާފައިވާއިރު، އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު އެންގެވިއެވެ.