ޖަހައިލި ހޮނު ގުގުރީގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ޔައިލްއަށް އިޒީގެ އަތުން ދޫކޮށްލެވުނެވެ.
********
ވާރޭ ބޯކޮށްލިއެވެ. ވައި ބާރުވިއެވެ. ދެތިން ފަހަރަކު ބަރުގޮނު އަޅާފައި، ޑްރައިވަރު ކާރު ދުއްވައިލިއެވެ.
ބޯ ވާރޭގެ ތެރޭގައި އިޒީ އާއި ޔައިލް ތިބިއިރު، ދެމީހުންގެ ދެމެދުގައި ލެވިފައިވީ ހަމަހިމޭންކަމުގެ ފާރެކެވެ. ވަށައިގެން ހިނގާ ކަމެއް ރޭކައިލާ ވަރަށްވުރެ، ދެމީހުންގެ ސިކުނޑީގެ ހައިޖާނު ބޮޑެވެ.
ޔައިލްގެ މޫނަށް ބަލަން ހުރި އިޒީއަށް ފެނުނީ، އޭނާ ގަދަކަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރާ ތަނެވެ. ޔައިލްގެ ކަތުރުކަށިގަނޑަށް ވާންވެފައިވާއިރު، ދެލޮލުގައިވީ މަޑު ރަތްކަމެކެވެ. އަމިއްލަ ހިތުގެ އިހުސާސްތަކަށް ފަސްލައި، ފޮރުވަން މަސައްކަތް ކުރާކަން އިޒީއަށް އެނގުނެވެ. ބުނެވުނު އެންމެ ނަމެއްގެ ސަބަބުން ޔައިލްއަށް އެހާ ބޮޑު އަސަރެއް ކުރުވީ ކީއްވެ ހެއްޔެވެ؟ އައިޝާއަކީ ޔައިލްގެ ކާކު ހެއްޔެވެ؟
"ކިހިނެއް އެ ނަން އެނގުނީ؟..." ދުރަށް ނަޒަރު ހުއްޓައިލަމުން، ޔައިލް ސުވާލުކުރިއެވެ. އެ އަޑު މަޑެވެ. އެހެނަސް، އިޒީގެ ކަންފަތާއި ހަމައަށް ފޯރިއެވެ.
އިޒީ ވިސްނައިލިއެވެ. ތެދެކެވެ. އޭނާއަށް އެނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އައިޝާއަކީ ކާކު ހެއްޔެވެ؟ އެ ސޫރަ އެނގުނަސް، ދެމީހުން ބައްދަލުވިގޮތެއް އިޒީގެ ހަނދާނަކު ނެތެވެ.
"އަހަރެން... އަހަރެން...." ދޭނެ ޖަވާބަކާއިމެދު އިޒީއަށް ޖެހުނީ ވިސްނައިލާށެވެ. "ނޭނގެ، ހަމަ ކުއްލިއަކަށް އެ ނަން ހަނދާނަށް އައީ..."
އިޒީގެ ބޮލަށް ތޫނު ތަދެއް ވިއެވެ. އެފަހަރު އިތުރު ހަނދާނެއް ވިއެވެ. އެ އަންހެންކުއްޖާ ހުރީ އިޒީގެ އަތުގައި ހިފައިގެންނެވެ. ބޯކޮށް ވާރޭ ވެހެމުން ދަނީއެވެ. ތުރުތުރު އަޅަމުންދިޔަ އަޑަކުން އިޒީގެ ނަމުން އޭނާ ގޮވަނީއެވެ. ލެއިން ކަޅިވެފައިވާ އެކުއްޖާގެ އަތްތިލައަށް ބަލަން އިޒީ ހުރީ ހަދާނެގޮތް ހުސްވެފައެވެ.
"އައިޝާ..." ބޭއިހުތިޔާރުގައި އަނެއްކާވެސް އިޒީއަށް ބުނެވުނެވެ.
ޔައިލްގެ ކަންފަތުގައި އެ އަޑު ޖެހުމުން، ކުރިއަށްވުރެ ފުން އަސަރެއް ކުރުވިކަން އޭނާ ދޫކޮށްލި ފުން ނޭވާއިން ހާމަކޮށްދިނެވެ.
"އައިޝާ އެނގޭތަ؟....." ޔައިލްގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. ނުކުރަން ހުރި ސުވާލު އެންމެފަހުން އޭނާގެ ދުލާއި ހަމައަށް އައީއެވެ.
އިޒީއަށް އެއްކަމެއް ޔަގީންވިއެވެ. އައިޝާ އަކީ ކާކުކަން ޔައިލްއަށް އެނގެއެވެ. އެއީ ޔައިލްއަށް މުހިއްމު މީހެކެވެ. ޔައިލް އޭނާގެ ދިރިއުޅުމަށް އައި ގޮތާއި، ކުރީގެ މާޒީ ހޯދަން މަސައްކަތްކުރާ ކުރުން އެކަމުގެ ހެއްކަކަށް ފުދެއެވެ.
"ޔައިލްއަށް އައިޝާ އެނގޭތަ؟..." އިޒީއަށްވެސް ތަކުރާރު ކުރެވުނީ ޔައިލްގެ ސުވާލެވެ. ހުދު އޭނާވެސް ހުރީ، އެއީ ކޮން ކުއްޖެއްކަން އެނގެން ނުހަނު ބޭނުންވެފައެވެ.
ޔައިލް ހިޔާރުކުރީ ހިމޭންކަމެވެ. އެ ހިމޭންކަން އެތައް ވާހަކައެއް ބުނެދިން ކަހަލައެވެ.
"ޔައިލް..." އިޒީ ޔައިލްގެ ކައިރިއަށް ޖެހިލިއެވެ. "އެއީ ޔައިލްގެ ގާތް މީހެއްތަ؟..."
އިޒީ ހީކުރީ ޔައިލްގެ ޖަވާބެއް ނުލިބޭނެ ކަމަށެވެ. އެހެނަސް ވީ، އެހެނެއް ނޫނެވެ. ހަމަޖެހިލަން މަސައްކަތް ކުރަމުން ޔައިލް މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އިޒީއަށް ފާހަގަވީ، ޔައިލް އޭނާ އާއި ކޮންމެވެސް ވަރެއްގެ ދުރުމިނެއް ބަހައްޓަން މަސައްކަތް ކުރާ ކަމެވެ. އެކަމުން އިޒީގެ ހިތަށް އުނދަގޫވީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގުނެވެ.
"ކުރީގެ ކޭސްއެއް ހަނދާންވީ..." ޔައިލް ދިނީ އިޒީ އުއްމީދުކުރިފަދަ ޖަވާބެއް ނޫނެވެ. "އެ ކޭސްގެ މަތިން ހަނދާނެއް ނުނެތޭނެ..."
ޔައިލް ގަސްދުގައި އެ ސުވާލުގެ ޖަވާބު ފުރިހަމަ ނުކުރީކަން އިޒީއަށް އެނގުނެވެ. އިޒީ އިތުރު އެއްޗެއް ބުނުމުގެ ކުރިން ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ގުޅީ ނުދަންނަ ނަންބަރަކުންނެވެ. ދެމީހުންގެ ނަޒަރު އިޒީގެ ފޯނުގެ އިސްކްރީނަށް ހުއްޓުނެވެ. އިޒީ ފޯނު ނެގުމުގެ ކުރިން ކޯލު ކެނޑުނެވެ. ދެން އައީ މެސެޖެކެވެ.
"ބައެއް ހަނދާންތައް ހުންނަންޖެހޭނީ ވަޅުލާފައޭ ކުރިންވެސް ބުނީމެއްނު..." އަމުރުވެރި އެ މެސެޖު ލިޔެފައި އޮތީ އިނގިރޭސިންނެވެ.
ފުރަތަމަ މެސެޖު ކިޔައި ނުނިމެނީސް ދެވަނަ މެސެޖެއް އައެވެ.
"ޖެހޭނީ ހުރިހާ އެއްޗެއް ހަނދާން ނައްތާލަން... ނޫނިއްޔާ ކަންތައް ދާނީ ވަރަށްވެސް ހިތި ގޮތަކަށް... ކުރިންވެސް އޮންނާނީ މިވާހަކަ ބުނެފަ..."
ހުރެވުނީ ކޮންތާކު ކަންވެސް އިޒީއަށް އެނގުނީ ދެނެވެ. ތެމި ފޯވެގެން ހުރިކަން އިހުސާސްވެ، އިޒީގެ މުޅި ހަށިގަނޑު ފިނިވިއެވެ. ހީކަރުވައިގަތެވެ. އިޒީ ވަށައިގެން ނަޒަރު ހިންގައިލީ ބިރެއް ފެނިގެން އެއްޗެއް ހޯދައިލާ ފަދައިންނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެނަސް، އިޒީއަށް ހީވީ، މީހަކު އޭނާގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހުންނަ ހެންނެވެ.
އިޒީއަށް ބަލައިލެވުނީ ޔައިލްއަށެވެ. އިޒީ ހީކުރީ އޭނާއެކޭ އެއްގޮތަށް ޔައިލްވެސް ހުންނާނީ އެ މެސެޖުތަކުގެ ހަގީގަތް އެނގެން ބޭނުންވެފައި ކަމަށެވެ. އެހެނަސް، ޔައިލްގެ ނަޒަރު ހުއްޓިފައިވީ އިޒީގެ މޫނަށެވެ. އޭނާއަށް މުހިއްމުވީ އިޒީގެ މޫނުމަތީގެ އަސަރުތައް ތަރުޖަމާކުރުން ކަހަލައެވެ.
ފުރަތަމަ ފަހަރަށް އިޒީއަށް އިހުސާސްވީ އޭނާގެ މާޒީ އާއި ޔައިލް އާއި ގުޅުމެއް ވެދާނޭ ކަމެވެ. ކޮންމެ ކަމެއް އިއްތިފާގަކަށް ނުވާނެއެވެ.
********
ބާލުހާނާއަށް ނުކުތް އިޒީގެ ހަށިގަނޑުގައި ބީހިލީ ފިނި ރޯޅިއެކެވެ. ތެމިފައިވާ އިސްތަށިގަނޑުން ފެން ހިއްކަމުން ދިޔައިރު، އިޒީގެ ވިސްނުމުގައިވީ ޔައިލްއެވެ. އައިޝާ އާއި ޔައިލް އާއި ދެމެދު އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މިހާރު އައިޝާ ކޮބައި ހެއްޔެވެ؟ ޔައިލް އޭނާގެ ދިރިއުޅުމަށް އައި މަގުސަދު ގުޅިފައިވީ ހަމައެކަނި އައިޝާ އާއި ހެއްޔެވެ؟
ލިބެމުންދިޔަ އިންޒާރުތަކަށްވުރެ ބޮޑަށް އިޒީގެ ހިތުގައި ބިރުވެރިކަން އުފެދުނީ ޔައިލްގެ ފިކުރުތަކުން އެ ހިތަށް ވަމުންދިޔަ ގޮތުންނެވެ. ޔައިލްގެ ކޮންމެ ކަމެއް އޭނާގެ ހިތަށް އުނދަގޫ ކުރަނީ، އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް ބާރު ފޯރުވޭ މިންވަރަށްވުރެ ބޮޑަށެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
އެތައް އިރަކު އެނދުގައި ފުރޮޅުނުއިރުވެސް، އިޒީއަށް ނިދޭގޮތެއް ނުވިއެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އިޒީއަށް ފެންނަނީ އެންމެ މަންޒަރެކެވެ. ތުރުތުރުލަމުންދިޔަ އަތެކެވެ. ބޯ ވާރޭއެވެ. ރޯން އިން އަންހެން ކުއްޖެކެވެ. އޭގެ ފަހުގައި ޔައިލްގެ ހިތާމަވެރި މޫނެވެ.
އޮފީހަށް ދިޔައިރު، އިޒީގެ މޫނުން ފެންނަން ހުރީ ވަރުބަލިކަމެވެ. ރޭގައި ނުނިދާ އުޅުނުކަމުގެ އަސަރުތަކެވެ. ދެލޯ ކައިރި ވަނީ ކަޅުވެފައެވެ. ދެލޮލުގައިވީ މަޑު ރަތްކަމެވެ. އެންމެ ފުރަތަމަ އެކަން ފާހަގަވީ ޝިފްލީނަށެވެ.
"ހާލަތު ވަރަށް ގޯސްކޮށް ތިހުރީ..." އިޒީ އޭނާގެ ކެބިން އާއި ހަރައި ހަމަވުމުން، ޝިފްލީން ބުނެލިއެވެ.
"ހެނދުނުގެ ތި ސަލާން ވަރަށްވެސް ފުރިހަމަ..." ލާނެތް ސަމާސާއެއް ކޮށްލަމުން، އިޒީ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.
"ތިއޭ ބޭނުންވި ގޮތަކީ... އިޒީގެ ތި ލޯބި ސްމައިލް..." ޝިފްލީންވެސް ހިނިތުންވެލިއެވެ.
އިޒީ ކެބިންއަށް ވަނުމުން، ޝިފްލީން އެނބުރި އައީ ހިފައިގެންނެވެ. ކޮފީތަށި އިޒީގެ މޭޒުމަތީގައި ބަހައްޓާފައި ޔައިލްގެ މޭޒާއި ދިމާއަށް ބަލައިލިއެވެ. ގޮނޑި ހުރީ ހުސްކޮށެވެ.
"މިއަދު އެކުއްޖާ ނާންނަ ދުވަހެއް؟..." ޝިފްލީން ބަލައިލީ ގަޑިއަށެވެ.
އަށެއް ޖަހަން ދިހަ މިނެޓު ހުއްޓެވެ. ޔައިލް އަކީ ގަޑިއަށް ފަރުވާތެރި މީހެކެވެ. ފަހަކަށް އައިސް އިޒީއަށްވުރެ ކުރިން އޮފީހަށް ދެއެވެ.
ޔައިލްގެ ގޮނޑި ހުސްކޮށް ހުރިތަން ފެނުމުން، އިޒީއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ޔައިލް ބަލިވީ ހެއްޔެވެ؟ ނޫނީ ކަންތައް ވީގޮތުން ހިތްހަމަނުޖެހިގެން އޮފީހަށް ނައީ ހެއްޔެވެ؟ އެކަމަކު، އިޒީއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟
"އިއްޔެ ކަމެއް ވީތަ؟..." ގޮނޑީގައި އިށީންނަމުން ޝިފްލީން އަހައިލިއެވެވެ.
ކޮފީތަށި ނެގި އިޒީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މަޑުޖެހުނެވެ. ޝިފްލީންގެ ސުވާލުން އޭނާއަށް ސިހުމެއް ލިބުނެވެ. ދުލުން ބުނެވޭ ވަރަށްވުރެ މާ ގިނަ ކަންކަން އޭނާއަށް އިއްޔެ ކުރިމަތިވިއެވެ.
"އިއްޔެ ކަމެއް ހަނދާންވި...." އިރުކޮޅަކު ވިސްނަން އިނދެފައި އިޒީ ބުނެލިއެވެ.
"ގޯސް ކަމެއް؟..." އިޒީގެ މޫނަށް ވެރިވި މަޑުމޮޅިކަން ފެނި ޝިފްލީނަށް ވީގޮތް ވިސްނުނެވެ. އިޒީއަށް މާޒީގެ ހަނދާނެއް ވީއެވެ.
"ނޭނގެ..." އިޒީ އިނީ ކޮފީތަށްޓަށް ބަލާށެވެ.
"މާބޮޑަށް ނުވިސްނާ... ހުރިހާ ކަމެއް ރަނގަޅުވާނެ އަދި..." ޝިފްލީން ތެދުވިއެވެ. "ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ލަސްނުކުރާތި..."
ޔައިލް އޮފީހަށް އައީ، ފަހު މިނެޓުކޮޅުގައެވެ. ކެބިންއަށް ވަދެ، މޭޒުމަތީގައި ދަބަސް ބާއްވާފައި ބޭރަށް ނުކުތީއެވެ. އިޒީއާއި ވާހަކައެއް ނުދައްކައެވެ. ހެނދުނުގެ ސަލާމެއް ނުކުރެއެވެ. ކުރިންހެން ސަމާސާ ގޮތަކަށް ހީވެސް ނުލައެވެ. ދުވަހުގެ ބޮޑުބައި ނިމިގެން ދިޔައިރު، ޔައިލް ގިނަ ވަގުތު ހޭދަކުރީ އޮފީހުން ބޭރުގައެވެ. އެ ހުރިހާ ކަމަކުން ފޮތިފޮތިވަމުން ދިޔައީ އިޒީގެ ހިތެވެ. ޔައިލްގެ ލާނެތް ސަމާސާތަކަށް އިޒީ ވަނީ އާދަވެފައެވެ. ޔައިލް ނުފެނި ގިނައިރުވުމުން، އިޒީއަށް އުނދަގޫ ވަނީއެވެ.
ހުއްޓާނުލައި އިޒީއަށް ބެލެމުން ދިޔައީ ޔައިލްގެ މޭޒަށެވެ. ޔައިލްއަށް އިންތިޒާރު ކުރާފަދަ ނަޒަރަކުންނެވެ. ދޮރު ހުޅުވޭ ކޮންމެ ފަހަރަކު ޔައިލް ކަމަށް ހީކޮށް ބަލައިލައެވެ. އެހެނަސް، އެހެން މީހަކު ފެނުމުން، މާޔޫސްވެއެވެ. އެ މާޔޫސްކަން ހުރީ އިޒީގެ މޫނުން ފެންނާށެވެ. އިޒީ އޭނާގެ އަމިއްލަ ނަފުސުދެކެ ފޫހިވީ، އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވުމަށް ނުކުޅެދުނުކަން އިހުސާސްވުމުންނެވެ.
"މީ ބޮޑުވަރު..." އަމިއްލަ ނަފުސަށް އެއްޗެހި ކިޔަމުންދިޔަ އިޒީ ގޮނޑިން ތެދުވެ، ދެކޮޅަށް ހިނގަން ފެށިއެވެ. އެވަރުންވެސް ހިތަށް ތަސައްލީއެއް ލިބޭގޮތެއް ނުވިއެވެ.
ކެބިންގެ ދޮރުގައި ޓަކި ޖަހައިލިހެން އިޒީއަށް ހީވިއެވެ.
"ވަދޭ..."
އިރުކޮޅެއް ފާއިތުވެދިޔައިރުވެސް އެކަކުވެސް އެތެރެއަކަށް ނުވަނެވެ.
"އަހަންނަށް މިހާރު އަޑުއަޑުވެސް އިވެނީތަ؟..." އިޒީ ދެލޯ މަރައިލިއެވެ. އެވަގުތު ދެވަނަ ފަހަރަށް މީހަކު ޓަކި ޖަހައިލިހެން އޭނާއަށް ހީވިއެވެ.
އިޒީ ކުދިކިޔަމުން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ޔައިލްއެވެ. އިޒީ ދޮރު ލެއްޕީ އޭނާގެ ވަހުމެއް ކަމަށް ހީކޮށެވެ. އަނެއްކާވެސް ދޮރު ހުޅުވިއެވެ. މަންޒަރު ބަދަލެއް ނުވިއެވެ. ޔައިލް ހުރީ ފައިލުތަކެއް ހިފައިގެންނެވެ. އިޒީ ދޮރުމަތިން ދުރަށްޖެހިލުމުން، އޭނާ އެތެރެއަށް ވަނެވެ.
"ޖިންނިއެއް ފެނިގެން ބިރުން ދޮރު ލެއްޕީކަމަށް ހީކުރީ..." ޔައިލް ސަމާސާ ރާގަކަށް ބުނެލިއެވެ.
ޔައިލްގެ މޫނުން މާ ބޮޑު އަސަރެއް ނުފެނެއެވެ. ކުރީދުވަހު ކަމެއް ވީކަމަށްވެސް ހަދައިނުލައެވެ. ހިތުގެ އިހުސާސްތައް ފޮރުވަން ޔައިލް ކުޅަދާނައޭ އިޒީގެ ހިތަށް އެރިއެވެ. އިޒީގެ ހިތަށް އެވަރު ކޮށްފައި، އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެން ހުންނަން ޔައިލް އެހާ މޮޅީ ކީއްވެ ހެއްޔެވެ؟ ކޮންމެވެސް ސަބަބަކާއި ހުރެ، އިޒީއަށް ރުޅި އިސްކުރެވުނެވެ. އަމިއްލަ ނަފުސުގެ މައްޗަށް އިޒީއަށް އެއްވެސް ބާރެއް ނުފޯރުވުނެވެ.
"ތިއުޅެނީ އަހަންނަށް ފިލައިގެންތަ؟..." ހިތްހަމަނުޖެހިފައި، އެހެނަސް، މަޑުމަޑުން އިޒީ އަހައިލިއެވެ.
ޔައިލްގެ މޫނުން ފެނުނީ ހައިރާންކަމެވެ. އިޒީގެ ފަރާތުން އެފަދަ ކަމަކަށް އޭނާ ކުޑަކޮށްވެސް އުއްމީދު ނުކުރާ ކަހަލައެވެ. އިޒީގެ އެ ސިފަ އޭނާއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.
"އަހަރެން މި އުޅެނީ މަސައްކަތެއް..."
ޔައިލްގެ ޖަވާބު ފުރިހަމަނުވަނީސް، އިޒީގެ ރުޅި އިތުރަށް ގަދަވިއެވެ.
"ކުރިންވެސް އަބަދުވެސް އުޅެނީ މަސައްކަތެއްގައެއްނު..." ކުރިން މަޑުން ވާހަކަ ދެއްކިޔަސް، އެފަހަރު އިޒީއަށް މަޑުން ވާހަކައެއް ނުދެއްކުނެވެ. "ކުރިން އަހަރެން ކުރިމަތިން ދުރަށްވެސް ނުދެވޭ... މިހާރު އަހަރެން ކުރިމަތީ އެއްވެސް މަސައްކަތެއް ނުކުރެވޭ... ކީއްވެ؟..."
ދެން ހޭދަވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އިޒީ ގޮސް ގޮނޑީގައި އިށީނެވެ. ޔައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
(ނުނިމޭ)