ނަޝީދު މި ސަރުކާރާ ދެކޮޅުވީ ކެބިނެޓުން ޖާގައެއް ނުދިނުމުން: ޝުޖާއު

ނަޝީދާއި ރައީސް މުއިއްޒު: ކެބިނެޓުން ޖާގައެއް ދޭން ނަޝީދު އެދުނު ކަމަށް މެންބަރު ޝުޖާއު ވިދާޅުވި --

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމުގެ ޖާގައެއް ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ.

އއ. ތޮއްޑޫ އިންތިޚާބީ ކައުންސިލް އަދި އަނެހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަދައްކަވަމުން، މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާ ޝުޖާއު ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަދައްކަވާފައެވެ.

ޝުޖާއު ވިދާޅުވީ، ނަޝީދާއި އެމްޑީޕީއަށް މިއަދު ސިޔާސީ ގޮތުން މިނިވަންކަމާ އެކު ޚިޔާލުފާޅުކުރުމުގެ ފުރުސަތު ލިބިފައިވަނީ ރައީސް މުއިއްޒަށް ވެރިކަމުގެ ނިޒާމު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި، ނަޝީދު މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ އެ މަނިކުފާނު "ހަމައިގައި ހުންނަވައިގެން" ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށް ވެސް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ވިދާޅުވީ ނަޝީދާ މައްސަލަ ޖެހުނީ ކެބިނެޓުން ޖާގައެއް ނުދިނުމުން ކަމަށް -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި، ނަޝީދު މި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ ކެބިނެޓުން ވަޒީރުކަމެއް ދިނުމަށް އެދިވަޑައިގަތުމުން އެކަން ނުކޮށްދިނުމާ ގުޅިގެންނެވެ.

"މީގެ ކުރިން ނަޝީދަކީ މި ވެރިކަމަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެއް. އެހެންނަމަވެސް ޚިޔާލުތަފާތުވެ ދެކޮޅަށް ނުކުމެ ފާޑުވިދާޅުވާން ފެށި ހިސާބަކީ، ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ކައިރީގައި އެބަޖެހެޔޭ މި ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމެއް ދޭން،" ޝުޖާއު ތުހުމަތުކުރެއްވިއެވެ.

އެކަން ނުވުމުން މައްސަލަ ޖެހިގެން ސައުތު އެފްރިކާއަށް ވަޑައިގަތީ ކަމަށާއި މި ކަމަށް ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފް ވެސް ހެކިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުގެ ކުރީކޮޅު ނަޝީދު ވަނީ މިއީ އެ މަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. އަދި، ޑިމޮކްރެޓްސްގެ ފަރާތުން ހަސަން ލަތީފް، ރައީސް މުއިއްޒާ ބައްދަލު ވެސް ކުރެއްވިއެވެ.

https://sun.mv/182772

އެކަމަކު، އޭރު ސަރުކާރުން ވަނީ ނަޝީދުގެ ހިއްސާއެއް ސަރުކާރުގައި ވާ ވާހަކަފުޅު ދޮގުކޮށްފައެވެ.

އެނބުރި އެމްޑީޕީއަށް ވަޑައިގެން އެ ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު ގެންދަވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީން ހުށަހެޅީ، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ އެކަން ހުއްޓުވަން ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.

ރައީސް ނަޝީދު ގެންދަވަނީ މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ބަދަކުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ޖާގައެއް ހޯއްދެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި، ސަރުކާރަށް މިހާރު ފާޑުވިދާޅުވަނީ އެކަން ކާމިޔާބު ނުވުމުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މި ތުހުމަތުތައް ކުރެއްވީ، ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ. މީގެ އިތުރުން، ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ ހަމައިގައި ހުންނަވައިގެން ދައްކަވާ ވާހަކަފުޅުތަކެއް ނޫންކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ. އަދި ވަޒީރުކަން ނުލިބުމުން އުފެދުނު މައްސަލަތަކަށް ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ޙަސަން ލަޠީފު ވެސް ހެކިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

  • ކުރީގެ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވަނީ ކެބިނެޓުން ޖާގަ ނުދިނުމުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވުން.
  • ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޕީއެންސީން ރައްދުދިނުން.
  • ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ ހަމައިގައި ހުންނަވައިގެން ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށް ޝުޖާއު ވިދާޅުވުން.
  • މި އަހަރު ނިމުމުގެ ކުރިން ސަރުކާރު ބަދަލުކުރާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުން.
  • ނަޝީދުގެ ފާޑުކިޔުންތަކުގެ އަސްލަކީ ސަރުކާރުގެ މަޤާމުތައް ނުލިބުން ކަމަށް ވެރިކަންކުރާ ޕާޓީން ގަބޫލުކުރުން.
  • ސިޔާސީ މައިދާނުގައި ނަޝީދާއި ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވުން.
  • އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ނަޝީދުގެ ސިޔާސީ ޙަރަކާތްތައް ވަރުގަދަކޮށްފައިވުން.
comment ކޮމެންޓް