އާންމުންގެ ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް, ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންނަށް ދޭން ނިންމި މުސާރަ ކުޑަކޮށްފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41،000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް 21،000 ރުފިޔާ ދޭން ނިންމިއެވެ.
ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު އުޖޫރައެއް ކަނޑައެޅުމާ ގުޅިގެން ސޯޝަލް މީޑިއާގައާއި އާންމުންގެ ތެރޭގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
https://www.sun.mv/222324
މި ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް މިހާރު މި ވަނީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 33،000 ރުފިޔާއަށް ކުޑަކުރަން ނިންމާފައެވެ. ނަމަވެސް ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންގެ މުސާރައަށް ބަދަލެއް ނުގެނެއެވެ.
މި ބަދަލުތަކުގެ ތަފުސީލު ހާމަކުރައްވަމުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ އަންހެނުންގެ ކޮމިޓީތަކުގެ ތާރީޚުގައި ވެސް އައި ވަރަށް ހެޔޮ ބަދަލެކެވެ.
ނިމާލް ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް މިހާރު ކަނޑައަޅާފައިވަނީ 33،000 ރުފިޔާއެވެ. މީގެ ކުރިން އެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް ލިބެމުން އައީ 7،000 ރުފިޔާއެވެ. އެހެންކަމުން މިއީ 26،000 ރުފިޔާގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ބަލާއިރު، ރައީސާއިންނަށް 21،000 ރުފިޔާ، ނައިބު ރައީސާއިންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ރަށްރަށުގެ ކޮމިޓީތަކުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އެހެންކަމުން ރަށްރަށުގެ ރައީސާއިންގެ މުސާރަ ވެސް ވަނީ 15،000 ރުފިޔާ ބޮޑުވެފައެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅެކެވެ. އެގޮތުން، މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފިނަމަ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ނިމާލްގެ ޕޯސްޓުގައި ވެސް ވަނީ މިއީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއް ހަގީގަތަކަށް ހައްދަވައިދެއްވުން ކަމަށް ސިފަކުރައްވާފައެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ފަސްވަނަ ދައުރާއެކު މިއީ އަންހެނުންގެ މަސައްކަތުގެ އަގުވަޒަންކުރާނެ ކަމުގެ ހެޔޮ ފާލެއް ކަމަށާއި، މިއީ އެކަނބަލުންގެ ވަރަށް ދިގު އިންތިޒާރަކަށް އައި ހެޔޮ ބަދަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުސާރައަށް ގެނައި މި ބޮޑު ބަދަލުގެ އިތުރުން، މިދިޔަ ރަމަޟާން މަހާ ދިމާކޮށް އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.