"ތޫފާން މައިތިރިކުރުމަކީ ތިބާގެ ބާރުގައިވާ ކަމެއް ނޫންކަން އެނގި އެ ތޫފާންތައް ކޮންޓްރޯލް ކުރައްވާ ރައްބަށް އިތުބާރު ކުރެވެއެވެ. ހާސްކަން ފިލާދެއެވެ.ދޮރެއް ބަންދުވިނަމަ، އެއީ ތިބާއަށްޓަކައިވާ ދޮރެއް ނޫނެވެ. ކަމެއް ބަރުބާދުވެއްޖެނަމަ އޭގެ މާނައަކީ މިއަށްވުރެ މާ ފުރިހަމަ ނިއުމަތެއް ތިބާއަށް މިންވަރު ކުރެއްވުމެވެ. ލަސްވުމުގެ ހިކުމަތް ވިސްނިދެއެވެ.ތިބާގެ ހަޔާތުގެ ސަފުހާތައް ލިޔުއްވަނީ އެންމެ ރަހުމާންވަންތަ ރައްބުކަން އެނގި ހިތަށް ޔަގީންކަން ލިބެއެވެ. ބިރުވެރިކަމުގެ ބަދަލުގައި ހިތްހަމަޖެހުން ލިބެއެވެ. "
***
އެމިލީގެ ސިހުން ބަދަލުވީ ހައިރާންކަމަކަށެވެ. އެއަށްފަހު ދެމީހުން ދެއްކީ ކޮން ވާހަކައެއްކަން އެހެން ބަޔަކަށް ނޭގުނެވެ. އެމިލީ ކާކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު މަޑުމަޑުން ވާހަކަދައްކަމުން ދިޔައިރު ދޭތެރެއަކުން ރޮމުން ދިޔައެވެ. ސިއްރުން ފުރިގެންވާ ވާހަކަތަކެއް ދެމީހުންގެ ދޭތެރޭގައި ދެކެވުނެވެ. ތިރީހަކަށް މިނިޓްވާންދެން އެމީހުން ދެއްކި ވާހަކަތަކުން އެމިލީގެ ހިތުގައިވި ގިނަ ސުވާލުތަކަށް ޖަވާބު ލިބުނު ނަމަވެސް އެ ސިއްރު އޮތީ ދެމީހުންގެ މެދުގައެވެ.
ޒިހާމް އެމިލީގެ އަތުގައި ހިފަހައްޓައިގެން ދަމާފައި ކަހަލަގޮތަކަށް ގެނެސް ކޮޓަރިއަށްވަދެ ބާރަށް ދޮރު ލެއްޕިއެވެ. ޒިހާމްގެ ބުމަގޮށްޖެހިފައިވާގޮތުން ހިތްހަމަނުޖެހިފައިވާވަރު އެނގުނެވެ.
"ޢެމިލީ..އަހަރެންގެ އަގު ވައްޓާލަން ތިއުޅެނީ ކީއްވެ؟ އެކަންނެތް ޒިންމާއެއް ނުނަގާ އަދަލްއާއި ގާތްވެގެން އުޅެން ޖެހޭތަ؟ އޭނައަކީ މަސްތުވާ އެއްޗެހި ބޭނުންކުރާ ސޮރެއްކަމަށް ނޯޔާވެސް ބުނި..ތިއީ މަގޭ އަންހެނުން.. މިރަށަށް އައީ ބޮޑު ޕްރޮޖެކްޓަކަށް..ތިވައްތަރަށް އުޅުނީމަ މަގޭ އަބުރާއި އިއްޒަރް ގެއްލޭނީ.."
އެމިލީގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ޒިހާމް ރުޅިގަދަވިޔަސް މިވަރަށް ހަރުކަށިކަން އަދި އިސްކޮށްފައެއްނުވެއެވެ. އަދަލް އެ ހަގީގަތް ސިއްރުކުރަން އޭނަ ލައްވާ ވައުދުކުރުވާފައިވާތީ އެވާހަކަ ބުނެވޭކަށް ނެތެވެ.
"ޒިމް ހެޔޮނުވާނެ..ތިހެން ނުވިސްނާ.އަދަލްއަކީ ޒިމްގެ ކޮއްކޮއެއް..އެ ހައިސިއްޔަތުން އަހަރެން ވާހަކަދެއްކީ.....ތިހީކުރާކަހަލަ ގޯސްކުއްޖެއްނޫން އެއީ..އަދި އަހަރެމެން ގެ ދޭތެރޭ ތިހީކުރާހަ ކަހަލަ ގޯސް ގުޅެމެއްނެތް..ނޯޔާވެސް ހެދީ ދޮގު..އަދަލް ޑްރަގް ޔޫޒް ނުކުރޭ..ނޯޔާ ކައިވެނިން ރެކެންވެސް އޭނަގެ މަންމަ ގާތު ދޮގުހެދީ......."
"ދެން ކޮން ގުޅުމެއް އޮތީ؟" އޭނަ އެމިލީގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ."އެތައް އިރެއްވާންދެން ކާކޮޓަރީގައި ތިބެ ސިއްރުން ދެއްކީ ކޮން ވާހަކައެއް؟ މިއަދު އޭނަ އެމިލީގެ ގައިގާ އަތްލިއިރު ވެސް ހަމަ ހެވިލާފައެއްނު ހުރީ....އަހަރެން މިއީ މޮޔައެއްނޫން...ކުރިން ގުޅުމެއްއޮތީމަ އެގޮތަށް އުޅެން ކެރޭނީ..ދެ ބޯ ޖެހޭހާ ކައިރީގައި.......ބުނަން ވާހަކައެއް.މިއަދުން ފެށިގެން އަދަލްގެ ހިޔަނިވެސް އެމިލީގެ ގަޔަށް އެޅިގެންނުވާނެ...."ޒިހާމް އިންޒާރު ދީފައި އެތަނުން ނުކުމެގެން ދިޔުމުން އެމިލީ އެނދުގައި އިށީދެ ވިސްނުމަކަށް ގެއްލިފައި އެތައް އިރެއްވާންދެން އިނެވެ.
***
އަދަލް އޭނާގެ މަންމަ ގޮވައިގެން މެޑިކަލް ޗެކަޕަށް ދިޔައީ އެތައް އާދޭހެއްކޮށްގެންނެވެ. ސަރަފީނާ ނުދާންވެގެން އެތައް ބަހަނާއެއް ދެއްކިޔަސް، އަދަލް އޭނާގެ ގޮތް ދޫނުކޮށް ގެންގޮސް ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ހެއްދިއިރުު ނަތީޖާ އައީ ހީކުރި ވަރަށްވުރެ މާ ގޯސްކޮށެވެ. ހަކުރާއި ލޭގެ ޕްރެޝަރުގެ އިތުރުން ކޮލެސްޓްރޯލް ހުރީ އަތް ނުފޯރާފަށަށް މަތިވެފައެވެ. ސަރަފީނާއަށް އޮތީ ދެގޮތުން ކުރެ އެއްގޮތެކެވެ. ހަރުކަށި ޑައިޓަކާއި ކަސްރަތުކޮށްގެން ސަލާމަތްވުން ނޫނީ މުޅި އުމުރަށް ބޭސްފެށުމެވެ. އެންމެ ފަހުން ތިން މަސްދުވަހުގެ ތެރޭގައި ބަރުދަން ލުއިކޮށްގެންވެސް މައްސަލަތަކަށް ހައްލެއް ނައިއްޔާ ބޭސްކާން ސަރަފީނާ އެއްބަސްވިއެވެ.
ޖެހިގެން އައި ދުވަހުގެ ފަތިސްނަމާދުގެ ބަންގީގެ އަޑަށް އަދަލްވެސް ތެދުވެ ނަމާދުކޮށްލިއެވެ. މަންމަ ގޮވައިގެން އަދަލް ހިނގައިލަން ދާން ތައްޔާރުވާކަން އެނގިގެން ސިދްރާވެސް ނަމާދު ފޮށާ އަޅައިގެން ހުރެ އަވަހަށް އައެވެ.
"މިއުޅެނީ ޕިކްނިކް ދާކަށް ނޫން... ފަރުވާއަކަށް މިދަނީ......" ސަރަފީނާ ކުޑަކޮށް މޫނު ހަދާލިއެވެ.
"އޯ..." ސިދްރާގެ މޫނުގެ ކުލަ އޮއްސުނެވެ. އެކުއްޖާގެ މޫނަށް ވެރިވި ކުލަވަރު ފެނުމާއެކު ސަރަފީނާގެ މޭތެރޭގައި ނުތަނަވަސްކަމުގެ ވިންދެއް ޖަހައިލިއެވެ. އަބަދާއަބަދު ކައިރިން ފެންނަން ފެށުމުން ސިދްރާއަށްޓަކައި ހިތުގައި ކުލުނާއި ލޯބި އުފެދެން ފެށީބާވައެވެ؟
"ސިދްރާ.. ފަލަކަމުން ލުއިވާން ޑޮކްޓަރު އެންގީމާ ހިނގަން ދާން މިއުޅެނީ........." ސަރަފީނާގެ މޫނުމަތިން ވަކި ދިރުމެއް ނުފެނެއެވެ. އަބަދާ އަބަދު ފިކުރާއި ހާސްކަމުގެ ސަބަބުން އޭނާގެ ރީތިކަން ވަނީ މިލާފައެވެ. "ސިދްރާ ތިހިރީ ހުރިލެއް ހިކިކަން.. ބާރަށް ވައިޖެހިލިޔަސް އުދުހިގެން ހިނގައިދާނެހެން ހީވޭ. އެވަރު ކުއްޖަކަށް ކަސްރަތު ހިނގުމެއްގައި ދެވޭނެ؟ މިއީ ސަމާސާއަކަށް ކުރާކަމެއް ނޫނޭ....."
ސަރަފީނާގެ ބުމަ ގޮށްޖެހިފައި ހުންނަ ގޮތުން ސިދްރާވެސް އޭނާގެ ބޮޑުދައިތަދެކެ ކޮންމެވެސް ވަރަކަށް ޖެހިލުންވެއެވެ.
"މަންމާ.. ފަލަ މީހުން އެކަންޏެއް ނޫން ކަސްރަތު ކުރަންޖެހެނީ. ހިކިކޮށް ތިބޭ ކުދިންވެސް ފިޓްވާނީ އޭރުން........" އަދަލް ސިދްރާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަން ފެނިގެން އަވަހަށް ބުނެލިއެވެ. "މިހާރުގެ ޖެނެރޭޝަން ކުދިން ސޯޝަލް މީޑިއާގެ އަވައިގާ ޖެހި ހެލިފެލިވެ ނޫޅެވޭތީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހޭލެއް މި ގިނަވަނީ. އަދަލް އަމިއްލައަށްވެސް ވާހަކަ މިބުނީ......"
ސިދްރާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. "އެންމެ ރަނގަޅު. އަދަލް ގްރޫޕް ބޮޑުކޮށްލަން ބޭނުންވަނީ ދޯ؟"
"އާނ.. ފެންނަ ކޮންމެ މީހަކަށް އިންވައިޓް ކުރާނަން،..."އަދަލް ގެ ހުދުދަތްތައް ފެންނަވަރަށް ހީލިއެވެ.
"ނޯޔާއަށްވެސް؟" ސިދްރާ އެއްލޯ މަރާލިއެވެ.
"ޚާއްސަކޮށް ނޯޔާއަށް...... އެހާ ތެދު ހަދާ ސާފު ހިތެއްގެ ކުއްޖަކަށް ވީމާ..." އަދަލް ހަމަޖެހިލާފައި ބުނެލިއެވެ.
"އެކުއްޖާގެ ވާހަކަ މިތާ ނުދައްކާ.." ސަރަފީނާ ރުޅިވެރިކަމާއެކު ދަތްކުނޑި ވިކާލާފައި އަމުރުކުރިއެވެ. އޭރު މުޅި މޫނު ރަތްވެކަމުން އަނގުރު އަލިފާންކޮޅެއްފަދައެވެ. "ސިދްރާ އަހަރެމެންނާއެކު ދާން ބޭނުމިއްޔާ ހިނގާ ތައްޔާރުވެލައިގެން އާދޭ..."
ސިދްރާ އަވަސްއަވަހަށް ކޮޓަރިއަށް ވަދެ ޓެނިސް ބޫޓަކަށް އަރައި ކަޅުކުލައިގެ ބުރުގާކޮޅެއް ބޮލަށް މަހާލައިގެން ނުކުތެވެ. އަދަލް އޭނާގެ މަންމަމެން ގޮވައިގެން ހިނގަމުންދިޔައީ މީހުން މަދު ހިމޭން ގޯޅިތަކުންނެވެ. އެހެންނޫނަސް މިފަދަ ފަތިސް ގަޑިއެއްގައި ގިނަ މީހުން ތިބޭނީ އަރާމު ތަންމަތީގައެވެ. ފުރަތަމަ ދުވަހަށްވުމުން ފަނަރަ ވަރަކަށް މިނިޓަށް ހިނގާލާފައި މޫދުކައިރީގެ ފިނިރޯޅީގައި ސްޓްރެޗްކޮށްލާ ފެންވަރާލައިގެން އެމީހުން ގެއަށް އައީ ހީނުކުރާހާ ހިތްހަމަޖެހިގެންނެވެ. ހެނދުނުގެ ގަޑިތަކުން ބަރަކާތް ލިބިގަންނަން އެންމެންވެސް މަސައްކަތްކުރަންވާ ސަބަބަކީ އެއީއެވެ.
ހަފްތާއެއްހާ ދުވަސް ވީއިރު އަދަލް މަންމަމެން ގޮވައިގެން ކޮންމެ ދުވަހަކު ހިނގަންދާކަން އަވަށްޓެރިންނަށް އެނގިއްޖެއެވެ. އެންމެން ހަމަ އެ ގަޑިއަށް ނުކުމެ މޫދުކައިރީގައި ހުންނަ ގަސްތަކުގެ ހިޔަލުގައި ހުރި ޖޯލިފަތިތަކަށް އަރާ ސުމާރެއްނެތި ފާޑުކިޔަން ތިބޭތަން ފެނެއެވެ. ބޭކާރު އަނގަތަޅައި މީހުންނަށް އީބަ ކިޔުމަކީ މި އަންހެންވެރިންގެ ފަތިހުގެ ސައެވެ.
"އަދަލް އެއުޅެނީ މަންމައަށް މާ ހެޔޮއެދޭ މީހަކަށް ހެދިގެން....ކަންދައްކަން......." ދަލޭކަ ބުނެލިއެވެ. "ބަލާބަލަ.. އެއްވަރެއްގެ މޮޔަ ތިން މީހުން އެދަނީ......."
"ޖިޔާދުގެ އަންހެންދަރިވެސް އެއުޅެނީ ކޮން ފާޑަކަށް؟ ދީންވެރިކަމަށް ހެދިގެން އެއުޅެނީ ހަމަ މީހުންގެ ލޮލުގައި އަނދުން އަޅުވަން..." ބޮޑު ޖޯލީގައި އިން ސުރައްޔާ ބިލެތްގަނޑެއް ކޮލަށްލަމުން ބުންޏެވެ. "އެއް ދުވަހު މޫނުފޮތިގަނޑު އަޅާލައިގެން... އަނެއް ދުވަހު މޫނު ދައްކައިގެން. މިއީ މީހުން އުޅޭ ފާޑެއްތަ؟ އަދަލް އެހާ ކަންނެތް.. އަބަދު މާރިޔާމެންގެ ފްރިޖުން ކައިގެން އިތުރުކަމެއްނެތި އޮންނަނީ.......ސޯފާގައި ދެފައި ދަމާލައިގެން ނިދުން ނޫންކަމެއް ނޯވޭ. ޒިހާމްމެން ބުރަ މަސައްކަތްކުރީމާ އަދަލްމެން އެމީހުން އަތުން ކައިގެން އެއުޅެނީ. ވަރަށް ހުތުރު......."
"ސަރަފީނާވެސް ދެން ތަސްބީހަ ގުނާލަ ގުނާލާ ހުންނާނީ...." މަރީނާގެ އަޑު މަލާމާތުން ކަޅިވެފައެވެ.
"އޭގެ މާނަ ނޭގުނަސް ހެޔޮވިއްޔާ......" އެންމެން އެކީގައި ހީގަތެވެ.
ސަރަފީނާމެންނަށް އެމީހުން ދައްކާ ވާހަކައިގެ އަޑު ސީދާ ނީވުނަސް އެ ދައްކާނެ ވާހަކަ ހިތަށް ވަޒަންކުރެވުނެވެ. އޭނާވެސް ވަނީ އެމީހުންނާއެކު އެ ޖޯލިފަތިތަކުގައި އެތައް ދުވަހެއް ހޭދަކޮށްފައެވެ. އަންހެންވެރިންގެ އަނގަ ތެޅުމާއި މީހުންގެ ނެތިނުބައި މޮށުމާއި ހަސަދަވެރިކަން ފިޔަވައި އިތުރު ކަމެއް އެތާކު ނޯވެއެވެ. ބަދޫރާއާއި ޖެހުނު މައްސަލައަށްފަހު ސަރަފީނާ އިތުރަށް އެމީހުންނާ ގާތްގުޅުމެއް ބާއްވަން ބޭނުންނުވީ އެހެންވެއެވެ. ނަމަވެސް، އަދަލްއާ ދިމާލަށް އެމީހުން ކިޔާ ކޮންމެ އެއްޗަކީ ސަރަފީނާގެ އަމިއްލަ މޫނުމަތީގައި ޖަހައިލެވޭ ތަފާލެއް ފަދަ ހިތްދަތި އެއްޗަކަށް ވިއެވެ.
***
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އިރުގެ ހޫނުކަން ކެނޑި ފިނިރޯޅިތައް ބާރުވާން ފެށިއިރު ނޯޔާ ހީރާ އަދި އަޒާލީ ތިބީ އަތިރިމަތީގެ ފުން ހިސާބެއްގައި މޫދަށް އެރިގެންނެވެ. ލޮނުގަނޑުގެ ތެރޭގައި ތިބެގެން އެކަކު އަނެކަކަށް ފެންޖަހައި ސަކަރާތްޖެހުމުގައި ތިބިއިރު ރަށުގެ އާންމު ޚަބަރުތަކުގެ މައުޟޫޢު އަނެއްކާވެސް ފެންމަތިވިއެވެ.
"އޭ. ނޯއަށް އަޑުއިވުނު އާ ޚަބަރު؟" ހީރާ ފަތަމުން އައިސް ނޯޔާގެ ކޮނޑުގައި އެލިގަންނަމުން ބުންޏެވެ. "މިހާރު ފަތިހު ފަތިހާ މި ރަށު އަތިރިމަތިން އޮޮލިމްޕިކްސް އަށް ތައްޔާރުވާ ބަޔަކު ފެންނަކަމަށްވޭ......."
"އެއީ ކޮން ބަޔެއް؟" ނޯޔާ ފެނުގެ ތެރެއިން ބޯހިއްލާލަމުން ހައިރާންވެފައި އެހިއެވެ.
އަޒާލީ ހޭންފަށާފައި ފެންގަނޑު ތެރޭގައި ދެފައި ތަޅުވައިގަތެވެ. "އެއީ އަހަރެމެންގެ ޑްރަގް ލޯޑް އަދަލް.... އޭނާ އެއުޅެނީ ސަރަފީނާދައްތަގެ ބަނޑުގެ މަސްގަނޑު ހިންދަންވެގެން ފަތިހު ހިނގަން ނިކުމެ... މިހާރު އެއްކަލަ ހިކިކޮށް ހުންނަ ސިދްރާވެސް އެމީހުންގެ ވޯކިންގް ގްރޫޕް އާ ގުޅިއްޖެއޭ......"
"ވަޓް؟ އަދަލް އާއި ސަރަފީނާ ދައްތަ ހިނގަންދަނީއޭ؟" ނޯޔާގެ ލޯ ބޮޑުވިއެވެ. "އަދަލްއަކީ ހެނދުނު ދިހައެއް ޖަހާއިރުވެސް ސޯފާއިން ނުނެއްޓިއޮންނަ ސޮރެއްނު؟ އޭނާ ކިހިނެއް ފަތިހު ހޭލަނީ؟"
"އެއީނު މަޖާ ތަންކޮޅަކީ........." އަޒާލީ ހެމުން ހެމުން ކިޔައިދިނެވެ. "ދައްތަގެ ހަކުރާއި ޕްރެޝަރު މަތިވީމާ ޑޮކްޓަރު އެންގީ ކަސްރަތުކުރަން..... ދެން އަދަލް އެހެރީ އޭނަގެ މަންމަގެ ޕާސަނަލް ޓްރެއިނަރަކަށް ވެގެން. އެކަމަކު ރަށުތެރޭގެ އަންހެންވެރިންނަށް އެކަން ވެގެން އެއުޅެނީ ބޮޑު ރިއަލިޓީ ޝޯ އަކަށް..."
"އާނ މަށަށްވެސް އެ ޚަބަރު އެނގުނު....."ހީރާ ބުނެލިއެވެ. "މޫދުކައިރީ ޖޯލިތަކުގައި ތިބޭ ކަންމަތީ އާންޓީމެން ކިޔަނީ ޔޯ.... އަދަލް އެއުޅެނީ މަންމައަށް މާ ހެޔޮއެދޭ މީހަކަށް ހެދިގެން ކަންދައްކާށޭ. އަދި ސިދްރާއާ ދިމާލަށް ކިޔަނީ ބާރަށް ވައިޖެހިލިޔަސް އުދުހިގެން ހިނގައިދާނެހާ ހުލިހުލިސާއެކޭ.... ދެން ކީއްކުރަން ކުރާ ކަސްރަތެއްހޭ އެއީ....."
"އެމީހުންގެ އަނގަ ހާދަ ސަޅިއޭ ދޯ...." ނޯޔާ ހީގަނެފައި ފެނުގެ އަޑިއަށް ފީނައިގަތެވެ. އިރުކޮޅަކުން މައްޗަށް އެރިއެވެ. "އެންމެން ތިބޭނީ މީހަކު ކަމެއް ކުރާނެ ކަމެއްގެ އިންތިޒާރުގައި.މަގޭ މަންމަވެސް އެ ގްރޫޕްގައި ޚަބަރު ކިޔާހިތުން އޮވޭ......މަގޭ ވީޑް ބޯ ކްލައިންޓްގެ ވާހަކަވެސް މިހާރު އެމީހުންގެ ކަންފަތާ ހަމައަށް ފޯރާފައި އޮންނާނީ..މަންމަ އަށް މަޑުން ނުހުރެވޭނެ..މަގޭ މަންމައަކީވެސް ގޮސިޕްގާލްއެއް......"
"ޔަގީންނު.މިހާރު މުޅި ރަށަށް އެނގޭނެ އޭނާއަކީ ޑްރަގް ލޯޑެއްކަން.." އަަޒާލީ ބުނެލިއެވެ. "އެކަމަކު މަ ބޭނުން ފަތިހު ސިއްރުން ގޮސް އަދަލްމެން ހިނގާ މަންޒަރު ބަލަން. ސަރަފީނާ ބޮޑުދައިތަ ހުންނާނީ ހަމަ ބުމަ ގޮށްޖަހައިގެން...އަދަލް ހުންނާނީ ނިދިގަނޑު ނުފިލާ ހުރެގެން ގަދަކަމުން ފިޔަވަޅު އަޅަން. ސިދްރާ ކަޅު ނިންޖާއެއްހެން...އެއީ ހަމަ ބަލާލަން ސަޅި މަންޒަރަކަށް ވާނެ..ޓިކްޓޮކްގައި ވައިރަލްވާނެ...."
"އޭރުން ޖޯލީގައި ތިބޭ އަންހެންވެރިން ބުނާނެ އެއޮތް ދަނީ އެދަނީ މޮޔަ ގްރޫޕްގެ ހަތަރުވަނަ މީހާއޭ..."ހީރާ ދިމާކޮށްލިއެވެ.
ތިން އަންހެން ކުދިން އެކަކު އަނެކަކަށް ފެންޖަހަމުން އަދަލް ހިނގާނެ ފާޑާއި ރަށު އަންހެންވެރިން ޖޯލީގައި ތިބެގެން ދައްކާނެ ވާހަކަތައް ނަކަލުކޮށް ހެމުން ހެމުން މޫދުގައި ސަކަރާތްޖަހަމުންދިޔައެވެ. ލޮނުގަނޑުގެ ފިނިކަމުގެ ތެރޭގައި އެމީހުންގެ ބަކަ ތެޅުމާއި ހިނިގަނޑުގެ އަޑު މުޅި އަތިރިމަތީގައި ގުގުމައިލިއެވެ.
***
އަދަލް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮތީ އައިސްކްރީމް ޓައްޕެއް އުނގުގައި ބަހައްޓައިގެންނެވެ. ބޮޑުއެތިގަނޑެއް އަނގަޔަށް ލަމުން ލިބުނު ރާހަތަކުން ލޯ މަރާފައި ހުޅުވައިލިއިރު ކުރިމަތީގައި ސިދުރާ ހުރިތަން ފެނި ރަކިވިއެވެ.
"އަދަލް.އެވަރަށް މީހުން އެއްޗެހި ކިޔާއިރުވެސް ހަމަ އެެގެއިން އައިސްކްރީމް ގެނެސް ކަނީ........" ސިދުރާގެ ހަށަން ބަދެލިއެވެ.
"ފަހުން އަގު ދައްކާނަން އިންޝާﷲ..ރަހަ ބަލައިލަބަލަ..ކިހިނެއް ނުކައި ހުރެވޭނީ؟" އޭނަ ސިދްރާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިވަގުތުން ބޮޑު ސަމުސާއެއް އަނގަޔަށް ލެއްވިއެވެ. ފިނިކަމުން ހަޅޭއްލަވައިގަނެވުނުއިރަށް ކޮންމެވެސް މީހަކު އަޒުއާ ހައިޓްސްގެ ދޮރު ހުޅުވާލާފައި ބަލައިލިކަން އެނގުނެވެ. ދެމީހުން އައިސްކްރީމް ތަށި ކައި ހުސްކޮށްލީ ޖޯލިފަތީގައި އިށީދެލައިގެން ތިބެއެވެ.
"އަހަރެން ބޭނުން އަދަލްއާ ކައިވެނިކުރަން."
އަދަލް ސިހިފައި ޖޯލިން ތެދުވިއެވެ. "ކީކޭ؟ ސިދުރާ. ތިއީ ކޮން ކަހަލަ ސަމާސާއެއް؟"
"ސަމާސާއެއް ނޫން. އަހަރެމެން ދެމީހުންނަށްވެސް އެންމެ ރަަގަޅުވާނީ އަވަހަށް މެރީކުރީމަ........"
ނުނިމޭ