ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމި ނިންމުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް 'ބަޣާވާތެއް' ކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ފެށި ތަހުގީގުގައި ޖިނާއީ ކުށެއް އެކުލެވިގެން ނުވާތީ އެ މައްސަލަ ފައިލްކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'މަހޯލި' ޕޯޓަލް މެދުވެރިކޮށް އާންމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ފޮނުވި ޖަވާބުގައި ފުލުހުން ވަނީ މައްސަލަ ފައިލްކުރިކަން މި މަހު އަށްވަނަ ދުވަހު ހާމަކޮށްފައެވެ.
މި މައްސަލަ ފެންމަތިވީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމުމާ ގުޅިގެންނެވެ. އެ ނިންމުމާ އެކު އިދިކޮޅު ސިޔާސީ ފަރާތްތަކުން ބަޣާވާތެއް ކުރަން އުޅޭ ކަމަށް ތުހުމަތުކޮށް، ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފެށީ އޮގަސްޓު 27، 2024 ގައެވެ.
އެއާ ޖެހިގެން އައި ދުވަހު ޕީއެންސީގެ ހަރުގޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެއީ ބަޣާވާތެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އެ މައްސަލައިގައި އޭރު ބީއެމްއެލްގައި ހުންނެވި ސީއީއޯ ވެސް އިސްތިއުފާދެއްވިއެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ލިޔުމުން ދެއްވި ޖަވާބުގައި ބުނެފައިވަނީ، އެ މައްސަލައިގައި ކުރެވުނު ތުހުމަތުތައް ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، މައްސަލަ މިހާރު ކްލޯސްކޮށްފައިވާ ކަމަށެވެ.
"މި ޚިދުމަތުގެ ރިކޯޑްތަކުން ދައްކާގޮތުން، 2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ޙާލަތެއް ނެތުމާ އެކު އެ ކަމަކީ ކްލޯސްކޮށް ނިންމާފައި އޮތް ކަމެކެވެ." ފުލުހުން ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެއެވެ.
އެކަމަކު، އެއީ ބަޣާވާތެއް ކަމުގެ ތުހުމަތުގައި ތަހުގީގު ފެށީ ވެސް ފުލުހުން އަމިއްލައަށެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބަޔާނުގައިވެއެވެ.
އެ ދުވަސްވަރު ސަރުކާރުގެ ބައެއް ވެރިން ވަނީ އޭރު ބީއެމްއެލްގައި ތިއްބެވި ބައެއް އިސްވެރިންނަށް ވެސް ތުހުމަތު އަމާޒުކޮށްފައެވެ. އޭގެ ފަހުން އޮގަސްޓް 28، 2024 ގައި ވެސް ފުލުހުން ވަނީ އެ "ބަޣާވާތުގެ" މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެ ދުވަސްވަރު ބީއެމްއެލްއިން ވަނީ ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި 250 ޑޮލަރުގެ ސަޕޯޓު ކަނޑާލައި، ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު 100 ޑޮލަރަށް ތިރިކޮށްފައެވެ. އެހެންނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެންގުމާ ގުޅިގެން ހަމަ އެ ދުވަހު ބޭންކުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ވެސް ވަނީ އެއީ ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"މި ކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު އަޙްމަދު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ވެރިކަން ހިންގާ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެއީ ބަޣާވާތެއްކަން އެނގޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭރު އެމްއެމްއޭއިން އެންގުމާ ގުޅިގެން ބީއެމްއެލްއިން ހަމަ އެ ދުވަހުގެ ހަވީރު ޑޮލަރު ލިމިޓަށް ގެނައި ބަދަލުތައް އުވާލިއެވެ. އޭގެ ފަހުން ބީއެމްއެލްއަށް ވަނީ އާ ސީއީއޯއެއް ވެސް އައްޔަންކުރައްވާފައެވެ. އޭރު ބީއެމްއެލްގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިވެފައެވެ.
އެ ގޮތުން ބީއެމްއެލުން އޭރު ބުނީ، ބީއެމްލުން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރަން 180 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އެކަމަކު ބޭންކަށް ގަންނަން ލިބެނީ 60 މިލިއަން ޑޮލަރު ކަމަށެވެ. އެހެންވެ، އިތުރު ގޮތެއް ނެތިގެން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމީ ކަމަށް ބޭންކުން އޭރު ބުންޏެވެ.
އެކަމަކު، އޭގެ ފަހުން އަނެއްކާ ވެސް ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ވަނީ ބަދަލު ގެނެސްފައެވެ.
އެ ގޮތުން، ބޭރުގެ ސައިޓްތަކުން ރުފިޔާ ކާޑް މެދުވެރިކޮށް މުއާމަލާތްކުރެވޭ އަދަދު ވަރަށް ބޮޑަށް ވަނީ ލިމިޓްކޮށްފައެވެ. އެހެންވެ، ގިނަ ބަޔަކަށް ބޭރުން މުދާ ގެނައުމުގައި ގޮންޖެހުންތަކާ ކުރިމަތިވެ، އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ.
ބީއެމްއެލް މި ފަހަރު ވެސް ޑޮލަރުގެ ލިމިޓަށް ބަދަލު ގެނައީ ބޭންކަށް ވަންނަ ޑޮލަރަށްވުރެ، ވިއްކަންޖެހޭ ޑޮލަރު ގިނަވުމުންނެވެ.