އެމެރިކާއިން ނުރުހުނަސް، ކަނޑުއޮޅީގެ ކޮންޓްރޯލް ދެން ދޫނުކުރާނަން: އީރާން

އީރާނުގެ ޕާލަމެންޓްގެ ތަރުޖަމާން އިބްރާހީމް ރިޒާއީ

ތެހެރާން (19 މެއި 2026): ހުރުމުޒު ކަނޑުއޮޅީގެ މައްސަލަ އުފެދުނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ ހަނގުރާމައިގެ ސަބަބުން ކަމަށްވާތީ އެ މައްސަލައިގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި އިސްރާއީލުން ކަމަށް އީރާނުން މިއަދު ބުނެފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ތަރުޖަމާން އިބްރާހީމް ރިޟާއީ ވިދާޅުވީމ އެމެރިކާ ރުހުނަސް އަދި ނުރުހުނަސް ހަނގުރާމައިގެ ކުރީގައި އޮތް ހާލަތަށް ދެން ދުވަހަކު ވެސް ހުރުމުޒު ކަނޑުއޮޅީގެ ހާލަތު ނުދާނެ ކަމަށެވެ. ރިޟާއީ ވިދާޅުވި ގޮތުގައި ހަނގުރާމަގެ ނަތީޖާއެއްގެ ގޮތުން އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅި އީރާނުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.

"އެމެރިކާއަށް ވެސް މިހާލަތު ބަދަލު ނުކުރެވޭނެ، އަދި އެހެން ގައުމަކަށް ވެސް އަދި ގައުމުތައް ގުޅިގެން ވެސް ދެން މި ހާލަތު ބަދަލު ނުކުރެވޭނެ،" ރިޟާއީ ވިދާޅުވިއެވެ.

އީރާނުގެ ރަސްމީ މީޑިއާއަށް ދެއްވި ބަޔާނެއްގައި ރިޟާއީ އިތުރަށް ވިދާޅުވި ގޮތުގައި އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރީ ހަމައެކަނި އިސްރާއީލުގެ ހުރިހާ އުޅަނދުތަކަށާއި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށެވެ. އީރާނާ ކޯޑިނޭޓްކޮށް، ދައްކަން ޖެހޭ ފީ ދެއްކުމަށް ފަހު އެހެން ގައުމުތަކުގެ އުޅަނދުތަކަށް ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވެސް ވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އީރާނާ ކޯޑިނޭޓްކޮށް، ދައްކަން ޖެހޭ ފީ ދެއްކުމަށް ފަހު އިސްރާއީލުގެ ހުރިހާ އުޅަނދުތަކާއި އެމެރިކާގެ އަސްކަރީ އުޅަނދުތައް ފިޔަވައި އެހެން ހުރިހާ ގައުމުތަކެއްގެ ހުރިހާ އުޅަނދުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރެވޭނެ ކަމަށް އިރަގްޖީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އީރާނުގެ ނިއުކްލިޔާ ހައްގުތަކަށް އެމެރިކާއިން ދިން ގެއްލުންތަކަށް ބަދަލު ލިބޭ އަދި ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތްވާ ފަދަ އެއްބަސްވުމަކަށް އެމެރިކާއިން ގޮސްފި ނަމަ، ހުރުމުޒު ކަނޑުއޮޅީގެ މައްސަލައިގައި އީރާނުން ދޫތަކެއް ދީފާނެ ކަމަށް އިރަގްޖީ ވިދާޅުވިއެވެ.

ރޮއިޓާސް ބުނާގޮތުން ޔޫރަޕްގެ ގައުމުތައް ވެސް ހިމެނޭގޮތަށް ގިނަ ގައުމުތަކަކުން ގެންދަނީ އެ ގައުމުތަކުގެ އަމިއްލަ އުޅަނދުތަކާއި އެ ގައުމުތަކުގެ މަސްލަހަތު ހުރި އުޅަނދުތައް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމަށްޓަކައި އީރާނާ ކޯޑިނޭޓްކުރަމުންނެވެ.

ހަނގުރާމައިގެ ސަބަބުން މިހާތަނަށް ހުރުމުޒު ކަނޑުއޮޅިން ހުރަސްކުރަމުން ގެންދިޔައީ ދުވާލެއްގެ މައްޗަށް އެންމެ ތިން ހަތަރު އުޅަނދެވެ. ނަމަވެސް، އީރާނާ ކޯޑިނޭޓްކޮށްގެން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 15 ވަރަކަށް އުޅަނދު ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަމުން ގެންދާ ކަމަށް ރޮއިޓާސްއިން ބުނެއެވެ.

މުހައްލިލުން ވަނީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަކީ ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބުނު ސްޓްރެޓިޖިކް ގޮތުންނާއި ފައިސާއާއި އާމްދަނީގެ ގޮތުން ބެލި ނަމަވެސް އަގު ނުކުރެވޭވަރުގެ ބޮޑު އެސެޓެއް ކަމަށް ސިފަކޮށްފައެވެ. އީރާނުން ވަނީ މި އެސެޓްގެ ސްޓްރެޓީޖިކް ބޭނުމާއި އަސްކަރީ ބޭނުމާ އަދި އާމްދަނީގެ ބޭނުން ވެސް ފުރިހަމަ ގޮތުގައި ހިފުމުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްފައެވެ.

އީރާނަށް ގޮންޖަހާފައި ގަދަބާރުން ހުރުމުޒު ކަނޑުއޮޅި ހުޅުވަން އެމެރިކާ ފެށި އޮޕަރޭޝަން ވެސް ވަނީ ފެށިތާ ތިން ދުވަސް ތެރޭގައި ނާކާމިޔާބުވެގެން ހުއްޓާލާފައެވެ.

އީރާނުން ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާފައިވަނީ އީރާނުގެ ފަސްގަނޑުގައި (ބައްރުގައި) އެ ކަމަށް ބޭނުންވާ ހުރިހާ އަސްކަރީ ވަސީލަތްތަކެއް ގާއިމުކޮށްގެން، އީރާނުގެ ސިފައިން އީރާނުގެ ފަސްގަނޑުގައި ތިބެގެންނެވެ. ނަމަވެސް، މި ކޮންޓްރޯލް އީރާންގެ އަތްދަށުން ނަގަން އެމެރިކާއިން މަސައްކަތްކުރަނީ ކަނޑުމަތީގައި ތިބެގެންނެވެ.

މުހައްލިލުންގެ ނަޒަރުގައި އެމެރިކާއިން އީރާނާ ދެކޮޅަށް މި ކަމުގައި މަސައްކަތްކުރަނީ އަސްކަރީ އުޅަނދުތަކެއް ގަލްފުގެ ކަނޑަށް ފޮނުވައިގެން ކަނޑުމަތީގައި ތިބެގެން ވަރަށް ބަލިކަށި ހާލަތެއްގައެވެ. މިއީ ކަނޑުމަތީ އުޅަނދުތަކެއްގައި ތިބެގެން ކުރެވޭ ވަރަށް ވުރެ ބޮޑު އަދި މާ އުނދަގޫ މަސައްކަތެއް ކަމަށާއި މި މައްސަލައިގައި އީރާންގެ ބާރުގަދަވަނީ ހުރުމުޒު ކަނޑުއޮޅި ކޮންޓްރޯލްކުރެވޭ ހާލަތުގައި ޖޯގްރަފިކަލް ގޮތުން އީރާން އޮތުމާއި އެ ކަމަށް ބޭނުންވާ ވަސީލަތްތަކާއި ބޭސްތައް އެއްގަމުގައި އީރާނުން ގާއިމުކޮށްފައިވާތީ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް