މާލޭގެ ގެއެއްގައި އުނދުނެއް ރޯކުރަން އުޅުމުގެ ތެރޭ ގޮވުމެއް ގޮވައި، އެކަކަށް ކުދި އަނިޔާތަކެއް ލިބިއްޖެއެވެ.
ހެންވޭރު ފިލިގަސްމަގުގައި ހުންނަ ގެއެއްގައި ގޭސް ލީކުވެގެން ހިނގި މި ހާދިސާގައި އެކަކަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، ހާލު ސީރިއަސް ނޫނެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ ވައި ބަންދުކޮށްފައި ހުރި ތަނެއްގައި ގޭސް ލީކުވެފައި ހުއްޓައި، ގޭސް ލީކުވިކަން ނޭނގި އުނދުން ރޯކުރުމުގެ ސަބަބުން، އުނދުނުގެ އަލިފާން ވައިގެ ތެރޭ ހުންނަ ގޭހުގައި ހިފައި ޕްރެޝަރަށް ބަދަލުވުމުގެ ސަބަބުން ކަމަށެވެ.
މި ހާދިސާގައި ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް، ބިއްލޫރިކޮޅުކޮޅު މަގުމައްޗަށް ވެރިފައި އެބަހުއްޓެވެ.
"ތަނެއްގައި އަލިފާނެއްވެސް ނުހިފާ، އަޑަށް ބިއްލޫރިތައް ތަޅައިގެން ދިޔައީ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގޭސް ލީކުވެ، ބަދިގެ ފަދަ ތަންތަނުގައި މިފަދަ ހާދިސާތައް އާންމުކޮށް ހިނގައެވެ. ގޭސް ލީކުވުމުގެ ސަބަބުން، މީގެ ކުރިން ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވެސް ހިނގައި، އެތައް ބަޔަކަށް ނުރައްކާވެފައި ވެސް ވެއެވެ.