އެމެރިކާގެ ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ މިސްކިތެއްގައި ތިބި ތިން މީހުން ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ބަޑީގެ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ފުރާވަރުގެ ދެ ކުދިން ހަަމަލާ ދިނުމަށް ފަހު, އަމިއްލައަށް މަރުވެފައި ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އިއްޔެ އެ ހަމަލާ ދީފައިވަނީ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ގެއިން ނުކުމެގެން ދިޔަ ފުރާވަރުގެ ކުއްޖެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދަނިކޮށެވެ.
ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ހުންނަ އެ މިސްކިތުގައި ބަޑިޖަހާފައިވާ ކަމަށް ފުލުހުންނަށް އެންގިއިރު، އެ އިމާރާތުގެ ބޭރުން ބަޑީގެ ހަމަލާ އަމާޒުވި ތިން މީހުން ވަނީ ފެނިފައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން އިމާާރާތުގެ ކައިރީގައި އޮތް ކާރަކުން ބަޑީގެ އަޑު އިވިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ކާރުގައި އުމުރުން 17 އަހަރާއި 18 އަހަރުގެ ދެ ކުދިން ޒަޚަމުތަކާ އެކު މަރުވެފައި ތިބި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
މަރުވި މީހުންގެ ތެރޭގައި އެ ސެންޓަރުގައި މަސައްކަތްކުރި ސެކިއުރިޓީ ގާޑެއް ހިމެނޭ ކަމަށާއި އޭނާ އުޅުނީ ހަމަލާ ދިން މީހުން ހުއްޓުވަން ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. މަރުވި ތިން މީހުންގެ ނަން ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، ސެކިއުރިޓީ ގާޑަކީ އަށް ކުދިންގެ ބައްޕައެއް ކަމަށް އޭނާ ދަންނަ މީހަކާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ.

ކެލިފޯނިއާގެ މިސްކިތެއްގައި ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ދެ މީހުންވެސް ވަނީ އަމިއްލައަށް މަރުވެފައި. ފޮޓޯ/އީޕީއޭ
ހަމަލާ ދިން ސަބަބު ނޭނގުނު ނަމަވެސް ބަޑީގެ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ މީހުން ލިޔެފައިވާ ލިޔުންތަކުގެ ސަބަބުން އެއީ ނަފުރަތުގެ ޖަރީމާއެއް ކަމަށް ބެެލެވޭ ކަމަށް ފުލުހުން ބުނެއެވެ. އެ މިސްކިތަކީ ސެން ޑިއޭގޯ ކައުންޓީގެ އެންމެ ބޮޑު މިސްކިތެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ބަޑީގެ ހަަމަލާ ދިން ކަމަށް ޝައްކުކުރެވޭ އެކަކު ކިޔަވާ ސްކޫލަށާއި އެ މީހުން ދަތުރުކުރި ކާރު ޓްރެކްކުރިއިރު އޮތް ޝޮޕިން މޯލްއަށް ވެސް ވަދެފައެވެ. އެ ހާދިސާ ހިނގިއިރު މިސްކިތް ހުންނަ އިސްލާމިކް ސެންޓަރު ކެމްޕަހުގައި ދީނާއި ބަހުގެ ކޯސްތައް ހިންގާ އަލް ރާޝީދު ސްކޫލްގައި ކުދިން ކިޔަވަން ތިއްބެވެ. ހާދިސާ ހިނގުމުން ސްކޫލްގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ.
މަންޒަރު ދުށް މީހަކު ބީބީސީއަށް ބުނީ "ސެމީ އޮޓޮމެޓިކް" ހަތިޔާރަކުން ގޮވާ ކަހަލަ އަޑަކުން 30 ވަރަކަށް ފަހަރު ބަޑީގެ އަޑު އިވުނު ކަމަށެވެ. އަޑުއިވުނުއިރު އޭނާ އިނީ ގޭގައި ކަމަށާއި ފުލުހުންނަށް ގުޅީ ވެސް އެ މީހާ ކަމަށް ބީބީސީން ބުނެފައިވެއެވެ.
ހާދިސާއާ ގުޅިގެން ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގެ ޑިރެކްޓަރު އިމާމް ތާހާ ހަސަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަޅުކަންކުރާ ތަނަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށެވެ.
"އެ ފެސިލިޓީއަކީ އަޅުކަންކުރާ ގެއެއް، ހަނގުރާމައިގެ މައިދާނެއް ނޫން،" ހަސަން ވިދާޅުވިއެވެ.
ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ނެރުނު ބަޔާނެއްގައި ވިދާޅުވީ، އާއިލާތަކާއި ކުޑަކުދިން އެއްވެ، އަވަށްޓެރިން ސުލްހަވެރިކަމާއި އެކުވެރިކަމާ އެކު އަޅުކަންކުރާ މަރުކަޒަށް ދިން ހަމަލާގެ ސަބަބުން ކަންބޮޑުވެވަޑައިގަންވަނާ ކަމަށެވެ.
އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެއީ "ބިރުވެރި ހާލަތެއް" ކަމަށް ވިދާޅުވެފައެވެ.