މިހާރު އުވާލާފައިވާ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ލީޑަރު މުޙައްމަދު ނަޝީދު ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފިއެވެ.
ޑީއާރުޕީގެ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ލީޑަރު ނަޝީދު (ކާނަލް ނަޝީދު) ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި އިސްތިއުނާފު ކުރީ ނަޝީދުގެ ފަރާތުންނެވެ. އެކަމަކު، މިދިޔަ އާދިއްތަ ދުވަހު ހައިކޯޓުން ނިންމީ އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަންނާށެވެ.
ހައިކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމީ، އެ މައްސަލައަކީ ނަޝީދުގެ ޣައިރު ހާޒިރުގައި ހުކުމް ކުރި މައްސަލައަކަށްވުމުން އެ މައްސަލަ ސިވިލް ކޯޓަށް އަލުން ހުށަހެޅޭނެ ކަމަށް ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އާމިރަށް ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި، އެ ޕާޓީގެ ކުރީގެ ލީޑަރު ނަޝީދު ދައްކަން ޖެހޭނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ހުކުމް ކުރީ ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލް ގަފޫރުއެވެ.
އަޒްފާގެ ހުކުމަކުން، ކާނަލް ނަޝީދުގެ މައްޗަށް ޒިންމާކުރުވި ފައިސާއަކީ، ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އާމިރު ހިންގި ވީޑިއޯ ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި، އެޑިޓް ކުރުމާއި، ސާމާނު ފޯރުކޮށްދީގެން ދީފައިވާ ޚިދުމަތްތަކުގެ އަގެވެ. އޭރު ނަޝީދަކީ ޑީއާރުޕީގެ ލީޑަރެއް ނޫނެވެ.
ޑީއާރުޕީން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އޮތްނަމަވެސް، ހައިކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ޚިދުމަތުގެ އަގު އެކަނި ނަގައިދޭށެވެ.
ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓާ ހިސާބަށް ވެސް ދިޔައެވެ. އެކަމަކު އެ މައްސަލަ ޝަރުއީ މަރުހަލާގައި އޮއްވައި، ޑީއާރުޕީ ވަނީ އުވާލާފައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވާތީއެވެ.
އެ ޕާޓީ އުވާލިއިރު ގިނަ އަދަދެއްގެ ދަރަނި އޮތްއިރު، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ.
ޑީއާރްޕީ އުވާލިއިރު ޕާޓީގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނެވި ނަމަވެސް، ނަޝީދުގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން ކޭސް ނިންމީ ޣައިރު ހާޒިރުގައެވެ.
ނަޝީދު ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ޚާލާސްކުރުމަށެވެ.