ދައުރު ދަންމައިލުމަށްފަހު ތާވަލުކުރި ފުރަތަމަ ޖަލްސާ ކެންސަލް، ސަބަބެއް ނޭނގޭ

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެރެއިން: ދައުރު ދަންމާލަން ފާސްކުރުމަށްފަހު ތާވަލުކުރި ފުރަތަމަ ޖަލްސާ ވަނީ ކެންސަލްކޮށްފައި --- ފޮޓޯ: މަޖިލިސް

މުހިންމު މަސައްކަތްތަކެއް ނިންމަން ހުރިކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 21 އާ ހަމައަށް ދަންމައިލުމަށްފަހު، މިއަދު ބާއްވަން ތާވަލުކުރި ފުރަތަމަ ޖަލްސާ ވަނީ ސަބަބެއް ނާންގައި ކެންސަލްކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ޖަލްސާ ނޯންނާނެކަން ކަށަވަރުކޮށްދިން ނަމަވެސް، ޖަލްސާގެ އެޖެންޑާއާއި ކޮމިޓީތަކުގެ މައުލޫމާތު ވެސް އާންމުކޮށްފައެއް ނުވެއެވެ. މީގެ ކުރިން މިދިޔަ ބުދަ ދުވަހުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައިވާއިރު، އެ ދުވަހުގެ މުހިންމު ކޮމިޓީތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. ވެރިކަންކުރާ ޕާޓީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން މި ދައުރުގައި އެންމެ 19 ޖަލްސާ ބާއްވާފައިވާއިރު، މެންބަރުންނަށް ލިބޭ ބޮޑު މުސާރައާއި އިނާޔަތްތަކާ އެއްވަރަށް ނަތީޖާ ނުނެރެވޭތީ އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

  • މަޖިލީހުގެ ރައީސްގެ ހުށަހެޅުއްވުމަކަށް، 58 މެންބަރުންގެ ތާއީދާއެކު ފުރަތަމަ ދައުރު ވަނީ މޭ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދަންމައިލާފައި.
  • ދައުރު ދަންމައިލުމަށްފަހު ބާއްވަން ތާވަލުކުރި ފުރަތަމަ ޖަލްސާ، އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި މިއަދު ވަނީ ކެންސަލްކޮށްފައި.
  • ހާޒިރުވީ އެންމެ 7 މެންބަރުން ކަމަށްވުމުން، ކޯރަމް ހަމަނުވެގެން މިދިޔަ ބުދަ ދުވަހުގެ ޖަލްސާއާއި ކޮމިޓީތައް ވެސް ވަނީ ކެންސަލްކޮށްފައި.
  • ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީން ވަނީ ހުށަހަޅާފައި.
  • ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް، މެންބަރުންނަށް ބޮޑު މުސާރައެއް ދެމުންދާއިރުވެސް، މަޖިލީހުގެ މަސައްކަތްތައް ލަސްވުމުގެ ޝަކުވާ ވަނީ ބޮޑުވެފައި.

މިިދިޔަ ބުރާސްފަތި ދައުރު ދަންމައިލައި، މިއަދަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ވިހިވަނަ މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އޮންނާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15އަށެވެ.

ގަވައިދުގައިވާ ގޮތުން، ދައުރު ނިމޭ ޖަލްސާ އޮންނާނީ ދައުރުގެ ތެރޭ އޮންނަ ފަހު ބުރާސްފަތި ދުވަސް، ނުވަތަ ހޯމަ ދުވަހެވެ.

އެހެންކަމުން ގަވައިދުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިމޭނެއެވެ. ނަމަވެސް މިދިޔަ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ، "ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް" ހުރި ކަމަށް ވިދާޅުވެ، ދައުރު ދަންމައިލަން ހުށަހަޅުއްވައިފައެވެ.

އެ ޖަލްސާގައި އެކަމަށް ވޯޓަށް އެހުމުން، ވެރިކަންކުރާ ޕީއެންސީގެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ މި މަހުގެ ނިޔަލަށް ދައުރު ދަންމައިލައިފައެވެ. ދައުރު ދަންމައިލަން ފެންނަ ކަމަށް 58 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީ ދިހަ މަޖިލިސް މެންބަރަކާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާނެވެ.

https://sun.mv/221965

އެހެން ނަމަވެސް، މަޖިލީހުގެ މި ދައުރު ނިމޭނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހަށެވެ. ސަބަބަކީ އަންނަ ހަފުތާގައި އަޟްޙާ ޢީދު އަންނާތީ، އެ ހަފުތާ އެއްކޮށް ބަންދު ކަމަށް ސަރުކާރުން ކަނޑައަޅައިފައިވާތީއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ޖަލްސާ ނިންމަވައިލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މިއަދު ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއެއް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ނެތެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެއް ނެތެވެ.

އެހެންވެ، 'ސަން'އިން ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޖަލްސާ ކެންސަލްކަން ކަށަވަރުކޮށްދިން ނަމަވެސް، ޖަލްސާ ކެންސަލްކުރި ސަބަބެއް އަދި ހިއްސާނުކުރެއެވެ.

މިދިޔަ ބުދަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކެންސަލްކުރަން ޖެހުނެވެ. އެ ޖަލްސާ ކެންސަލްކޮށް، ބުރާސްފަތި ދުވަހަށް ބަދަލުކުރަން ޖެހުނީ ބުދަ ދުވަހު އޮތް ޖަލްސާގެ ކޯރަމް ހަމަނުވުމުންނެވެ. އެ ދުވަހު މަޖިލީހަށް ހާޒިރުވީ އެމްޑީޕީއަށް ނިސްބަތްވާ ހަ މެންބަރަކާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ.

ހަމަ އެ ދުވަހު މަޖިލީހުގެ މުހިއްމު ކޮމިޓީތަކުގެ ތެރޭ ހިމެނޭ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުންތައް ވެސް ކެންސަލްކުރިއެވެ.

https://sun.mv/221919

ކަން އެހެން އޮއްވައި، ޕީއެންސީގެ މަޖިލިސް މެންބަރުންގެ ވަޓްސްއަޕް ގްރޫޕުން ބުދަ ދުވަހު ނާޒިމް ބޭރުކޮށް، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް، ޕީއެންސީން ވަނީ ހުށަހަޅައިފައެވެ. އެކަމާ ގުޅޭ ގޮތުން ނާޒިމްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

https://sun.mv/221969

ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ މިހިނގާ ދައުރުގެ ގިނަ ޖަލްސާތައް ވެސް ބާއްވައިފައެއް ނުވެއެވެ. އެ ގޮތުން، ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ދައުރުގައި ބާއްވާފައިވަނީ 19 ޖަލްސާއެވެ.

މި ދައުރު ފެށިގެން ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް އަދި ނުފެނެއެވެ.

ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ ބޮޑެވެ.

comment ކޮމެންޓް