ގެއްލުނު ފަތުރުވެރިން ހޯދުމަށް ހުރިހާ އެހީތެރިކަމެއް އެބަ ފޯރުކޮށްދެން: މިނިސްޓަރު

އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ލެކްޗަރާ މޮނިކާ މޮންޓެފަލްކޯން: އޭނާ ވަނީ ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލިފައި-- ފޮޓޯ: ޑެއިލީ މެއިލް

ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ. މިހާތަނަށް އެކެއްގެ ހަށިގަނޑު ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއިން ފެނިފައިވާއިރު، އަނެއް ހަތަރު މީހުންވެސް ތިބީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން މި ނުރައްކާތެރި އޮޕަރޭޝަނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

  • ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ދިޔަ އިޓަލީގެ ފަސް ފަތުރުވެރިން ވަނީ ގެއްލިފައި.
  • މީގެ ތެރެއިން އެކެއްގެ ހަށިގަނޑު 60 މީޓަރު އަޑީގައިވާ ހޮހަޅައަކުން ވަނީ ފެނިފައި.
  • ބާކީ ތިބި ހަތަރު މީހުންވެސް ތިބީ 200 ފޫޓު ދިގު އެ ހޮހަޅައިގެ ތެރޭގައި ކަމަށް ލަފާކުރެވޭ.
  • މިއީ ނުރައްކާތެރި އޮޕަރޭޝަނަކަށް ވުމާއެކު، ކަމާބެހޭ އިދާރާތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުން.
  • އިޓަލީގެ ސަރުކާރުންވެސް ދަނީ މި ހާދިސާ ގާތުން ބަލައި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން.

ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ އިދާރާތަކުން ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެ މީހުން ހޯދުމަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިއްޔެ ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް އަންނަނީ މި އޮޕަރޭޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

https://www.sun.mv/222009

މި ހާދިސާއާ ގުޅިގެން މިނިސްޓަރު މުހައްމަދު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހިނގައިދިޔަ ޑައިވިން ހާދިސާއާ ގުޅިގެން ހިތާމަކުރައްވާ ކަމަށެވެ. ކޯސްޓްގާޑާއި ކަމާބެހޭ ހުރިހާ އިދާރާތަކުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ފަތުރުވެރިކަމުގެ ސިނާއަތުން އަންނަނީ ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ކަމަށް މިނިސްޓަރު ވިފާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ގެއްލިގެން އުޅޭ ފަސް މީހުންނަކީ ވެސް އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. މި މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:45 ހާއިރުއެވެ. ފުލުހުން ކުރިން އެމީހުން ފެނިފައިވާ ކަމަށް ބުނި ނަމަވެސް، ފަހުން ވަނީ އެއީ މައުލޫމާތު އޮޅުމަކުން ބުނެވުނު ވާހަކައެއް ކަމަށް ވިދާޅުވެ، އެކަން ސާފުކޮށްދެއްވާފައެވެ.

މި މީހުން ޑައިވްކުރަން ގޮސްފައިވަނީ ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ މަޝްހޫރު ޑައިވިން ސަރަހައްދަކަށެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ އިރުއޮއްވި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ލަފާކުރައްވާ ގޮތުގައި ބާކީ ތިބި ހަތަރު މީހުން ވެސް ތިބީ 200 ފޫޓު ދިގު އެ ހޮހަޅައިގެ ތެރޭގައެވެ. ފެނުނު ހަށިގަނޑު މިހާރު ވަނީ ވ. އަތޮޅު ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ލެކްޗަރާ މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. އުމުރުން 51 އަހަރުގެ މޮނިކާއަކީ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ މަޝްހޫރު ޕްރޮފެސަރެކެވެ. އޭނާ ރާއްޖެއަށް އައީ އެ ޔުނިވާސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ އުމުރުން 31 އަހަރުގެ މުރިއަލް އޮޑެނީނޯއާ އެކު ދިރާސާ މަޝްރޫއެއްގެ މަސައްކަތުގައެވެ. ނަމަވެސް، އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި މިއަދު މި މީހުން ޑައިވް ކުރަން ދިޔައީ އެ ދިރާސާގެ މަސައްކަތަކަށް ނޫނެވެ. މީގެ އިތުރުން މޮނިކާގެ 23 އަހަރުގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމަކާލް ވެސް މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ދެން ހިމެނެނީ އުމުރުން 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީއެވެ. އޭނާއަކީ މިދިޔަ މާރިޗު މަހު މެރިން ބަޔޮލޮޖީ އެންޑް އިކޮލޮޖީން ދަސްވެނިވި ދަރިވަރެކެވެ. ފެޑެރިކޯގެ ތީސީސް ހާއްސަކޮށްފައިވަނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގެ ފަރުތަކުގެ ދިރުންތަކާ ގުޅޭގޮތުންނެވެ. އޭނާގެ ތީސީސްގައި ޕްރޮފެސަރު މޮނިކާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވާ ކަމަށް ވެސް ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި، މޮނިކާއަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރުދީ، މަގުދެއްކި އެންމެ ގާތް އެހީތެރިޔާއެވެ. މި މީހުންގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީ ވެސް މި ހާދިސާގައި ގެއްލިފައިވެއެވެ.

މި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި މި މަސައްކަތުގައި ސަފާރީއަކާއި، ވ. އަތޮޅު ފުލުހުންގެ އިތުރުން އަލިމަތާ ރިސޯޓުން ވެސް ދަނީ އެހީތެރިވަމުންނެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ގާޒީ ވެސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުންނާއި، ކަނޑުއަޑީގެ އޮއިވަރު ހުރި ގޮތުން މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.

އިޓަލީގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މި ހާދިސާ ގާތުން ބަލަމުން އަންނަ ކަމަށާއި، ސްރީލަންކާގައި ހުންނަ އިޓަލީގެ އެމްބަސީ މެދުވެރިކޮށް އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފައެވެ. މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްދަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ އަނެއް ހަތަރު މީހުން ހޯދައި، އެ މީހުންގެ ހަށިގަނޑުތައް ސަލާމަތުން ނެގުމުގެ މަސައްކަތެވެ.

comment ކޮމެންޓް