ޖަލުގައި ހުރި މައުމޫން ގޮވައިގެން ދައުލަތުން ހައިކޯޓަށް

މޯލްޑިވްގޭސްގެ ކުރީގެ އެމްޑީ މައުމޫން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ 7 ދައުވާގެ ތެރެއިން ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި 5 ދައުވާގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އޭނާ މިހާރުވެސް ގެންދަވަނީ ސާބިތުވި 2 ދައުވާއަކާ ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

  • ރިޝްވަތުގެ 5 ދައުވާއެއް ސާބިތުނުވާކަމަށް ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކުރުން
  • މައުމޫން މިހާރުވެސް 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިއުން
  • މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައި ނުވުން
  • މައުމޫންގެ ފަރާތުންވެސް އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކުރުން

ކޮރަޕްޝަންގެ ކުށުގައި މިހާރު ވެސް 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ހިފުމުގެ ހަތް ދައުވާގެ ތެރެއިން ފަސް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ގޭސް މާނުގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި އޮތީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން، މާނުގެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހެވެ.

މައުމޫންގެ މައްޗަށް ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނެވިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ރިޝްވަތުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް އުފުލިއެވެ.

އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވާފައެވެ. އެކަމަކު، ބާކީ އޮތް ފަސް ދައުވާ ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މައުމޫންގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ކުރިން އިއްވާފައ އޮތް 12 އަހަރު ދުވަހުގެ ޖަލު ހުކުމް ވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މައުމޫން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި، ޑިސެންބަރު 2013 އިން ނޮވެމްބަރު 2018 އަށެވެ.

comment ކޮމެންޓް