ނާޒިމް ވަކިކުރަނީ ފިތުނައާއި މަސްލަހަތު ގެއްލުވާލަން އުޅުމުގެ ތުހުމަތުގައި!

މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު: ނާޒިމަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރު ހިންގާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް މިއަދު ވަނީ ހުށަހަޅާފައެވެ. އޭނާގެ މައްޗަށް މައިގަނޑު ތިން ތުހުމަތެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ފިތުނަ އުފެއްދުމާއި، އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރުން ހިމެނެއެވެ. މީގެ ކުރިން އޭނާއަށް އިސްތިއުފާ ދިނުމަށް އެންގުމުން އެކަމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން މި ފިޔަވަޅު އަޅާފައިވާއިރު، ރައީސްގެ ވަޓްސްއެޕް ގްރޫޕުންނާއި މަޖިލީހުގެ މުހިންމު ކޮމިޓީތަކުން ވެސް އޭނާ ވަނީ ދާދި ފަހުން ވަކިކޮށްފައެވެ.

  • ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅުން.
  • މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ފިތުނަ އުފެއްދުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރުން.
  • އިސްތިއުފާ ދެއްވަން އެންގުމުން އެކަމަށް ދެކޮޅު ހެއްދެވުން.
  • ރައީސްގެ ވަޓްސްއެޕް ގްރޫޕުންނާއި މުހިންމު ކޮމިޓީތަކުން ނާޒިމް ބޭރުކޮށްފައިވުން.

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅީ ބޮޑު ތިން ތުހުމަތެއް ކޮށްފައިކަން މިއަދު އެނގިއްޖެއެވެ.

ޕީއެންސީގެ 73 މެންބަރުންގެ ސޮޔާ އެކު މިއަދު ވަނީ ނާޒިމް މަގާމުން ވަކިކުރަން ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައި އެ ޕާޓީގެ މެންބަރުން ބުނެފައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކުރަމުން ދާތީއާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބު ރައީސް ހިތްވަރު ދީ، ޒިންމާއިން ބަރީއަވެފައިވާތީ،" މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ގަރާރުގައިވެއެވެ.

https://sun.mv/221965

އެ ގަރާރު ހުށަހަޅާފައިވަނީ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާ އެކެވެ. އެ އަދަދަށް މެންބަރުން ވޯޓުދެއްވައިފި ނަމަ، ނާޒިމް މަގާމުން ވަކި ވެސް ކުރެވޭނެއެވެ.

އެކަމަކު، ޕީއެންސީއާއި ނާޒިމާ ދެމެދު ޖެހުނު ސީދާ މައްސަލައެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އެ ކަމާ ގުޅިގެން ތަކުރާރުކޮށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހާ ސުވާލުކުރުމުން ވެސް ޖަވާބެއް ނުދެއްވައެވެ. އަދި، މި ކަމުގައި ބަހެއް ހޯދަން ތަކުރާރުކޮށް މަސައްކަތްކުރުމުން ނާޒިމް ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް އިއްޔެ ވަނީ ބޭރުކޮށްފައެވެ. އެ ގްރޫޕުން އޭނާ ބޭރުކުރީ އިއްޔެ ހެނދުނު 6:00 އެހާކަންހާއިރެވެ.

https://sun.mv/192545

ޕީއެންސީގެ ސީނިއާ މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

މިދިޔަ މަހު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ގޮތުން، މިދިޔަ މަހު 21 ގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ މިދިޔަ މަހު ވަކިކޮށްފައެވެ. އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަތްކެއް ނުކުރެއެވެ.

އޭރު ވެސް މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ ކަމަށް އަޑުފެތުރުނެވެ. އެކަމަކު، އެ ފަހަރު ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް އެކަން ދޮގުކުރެއްވިއެވެ.

comment ކޮމެންޓް