މިހާރު ވެރިކަމުގައި އޮތް ޕީއެންސީއިން އިދިކޮޅުގައި އޮތްއިރު, އަވައްޓެރި އިންޑިއާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ފެށުނީ ނުފޫޒަކުން ކަމަށް ވެދާނެ ކަމަށާއި ނަމަވެސް މި ސަރުކާރުން ބޭނުން ވަނީ އިންޑިއާއާ އެކު އޮންނަ ގުޅުން ބަދަހިކުރަން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިއްޔެ ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ފަހު ވިއޯން ނޫހަށް ދެއްވި އިންޓަވިއޫއެއްގައި އިރުތިޝާމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތައް އެކުލެވިގެންވަނީ އެއް ގައުމު އަނެއް ގައުމަށް ފައިދާކުރަނިވި ގޮތަކަށް ކަމަށެވެ.
މީގެ ކުރިން އިންޑިއާއާ ދެކޮޅަށް އުފެދުނު ޝުޢޫރުތަކާ ގުޅޭގޮތުން ނޫސްވެރިޔާ ސުވާލުކުރުމުން އިރުތިޝާމް ވިދާޅުވީ، އެފަދަ ކަމެއް ހިނގާފައިވަނީ ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރުން އޮތީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ސަރުކާރުގެ އިސްވެރިންތަކެއް އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީއަށް ކުޑާމީސްކޮށް ވާހަކަދެއްކި މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން ވަރަށް ގޯސްވިއެވެ. އަދި، ރައީސް މުއިއްޒު ވެސް ވަނީ ރާއްޖެ ކުޑަ ނަމަވެސް "ބުލީ ނުކުރެވޭނެ" ކަމަށް ވިދާޅުވުންފަދަ ވާހަކަތައް ދައްކަވާފައެވެ. އޭރު އަވައްޓެރި އެންމެ ބޮޑު ގައުމާއި ރާއްޖެއާ އޮތް ގުޅުން ވަރަށް ގޯސްވިއެވެ. ނަމަވެސް، ފަހުން ދެ ގައުމުން ވަނީ އެ ގުޅުން ބަދަހިކުރަން ވަރަށް މަސައްކަތް ކޮށްފައެވެ.

ޖައިޝަންކަރާއި އިރުތިޝާމް ބައްދަލު ކުރެއްވުން---
އިރުތިޝާމްގެ މި ދަތުރުފުޅުގައި އުމްރާނީ ތަރައްގީއާއި، އިޖުތިމާއީ ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ އިތުރުން ބަނދަރުތަކާއި ވައިގެ ބަނދަރުތައް ތަރައްގީކުރުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި މިއީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މުހިންމު މަޝްރޫއުތަކެކެވެ. އަދި، މި މަޝްރޫޢުތައް އަވަސްކުރުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސާކް ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން އިންޑިއާއިން ދާދި ފަހުން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ މާލީ އެހީތެރިކަމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ ފޯރުކޮށްދިނުމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށާއި، ކާބޯތަކެއްޗާއި ބޭހުގެ ސަބްސިޑީތައް ދެމެހެއްޓުމަށް މި އެހީގެ ސަބަބުން ކުރު މުއްދަތެއްގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައާއި އެހެނިހެން ކާރިސާތަކުގައި ވެސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން އިރުތިޝާމް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އޭޕްރީލް އަދި ސެޕްޓެންބަރު މަހު އިންޑިއާއަށް ދައްކަންޖެހުނު 50 މިލިއަން ޑޮލަރުގެ ދަރަނި ރާއްޖެއިން ދައްކާ ޚަލާޞްކޮށްފައިވާކަން ފާހަގަކުރައްވައި، ދަރަނި ނުދެއްކިގެން ރައްޔިތުންނަށް އުނދަގޫތަކަކާ ކުރިމަތިލާން ނުޖެހޭނެކަމުގެ ޔަގީންކަން އިރުތިޝާމް ދެއްވިއެވެ.
މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަމުގައި އޭނާ ސިފަކުރެއްވިއެވެ.
ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް މި ދަތުރުފުޅުގައި މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމުގެ މަޝްވަރާތައް މިހާރު ފެށިފައިވާއިރު، މި އަހަރުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް އިރުތިޝާމް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުވެ، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ފަތުރުވެރިކަމަށް ބަލާއިރު، ކުރިން އެއް ވަނާގައި އޮތް އިންޑިއާއަކީ މިހާރު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މާކެޓް ސިންދަފާތުކުރުމާއެކު ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން އިރުތިޝާމް ފާހަގަކުރެއްވިއެވެ.
ދިފާއީ އަދި ސަލާމަތީ ރޮނގުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިރުތިޝާމް ސިފަކުރެއްވީ ވަރަށް ހަރުދަނާ ގުޅުމެއްގެ ގޮތުގައެވެ. ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށާއި، ގުޅިގެން ހިންގާ ތަމްރީނުތަކުގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް, އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.