ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ އޮތޯރިޓީގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 59 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު"އަށް މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމާއި، ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމެވެ.
މި ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީން ވަނީ ބިލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން، އެލްޖީއޭއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އޮތޯރިޓީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި، މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔާއަކީ ސީއީއޯ ކަމަށާއި މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ކޮމިޓީން ގެނައި އިތުރު އިސްލާހެއްގައި ވަނީ ކައުންސިލްތަކަށް އާމްދަނީ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާ އުނިކުރުމަށް ފަހު ބާކީވާ އަދަދު ކައުންސިލްތަކަށް ދޫކުރުމަށް ވަނީ ހިމަނާފައެވެ.
އެލްޖީއޭއަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ ޒިންމާ އޮންނަ އިދާރާއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގައި މުވައްޒަފުން އައްޔަންކުރުމުގެ ބާރު އެލްޖީއޭގެ ބޯޑަށް އޮތް ނަމަވެސް، މި ގެނައި ބަދަލާއެކު އެ ނިޒާމު ސިވިލް ސާވިސްގެ އުސޫލުތަކަށް ބަދަލުވާނެއެވެ.