2 ނޫސްވެރިން ޖަލަށް ލާން ކޯޓުން ހިންގީ އިންސާފުވެރި ޝަރީއަތެއްނޫން، ކަންބޮޑުވޭ: ބާ ކައުންސިލް

އަދަދު ނޫހުގެ ޝަހުޒާނާއި ލީވާން ޖަލަށް ލައިފި -- ފޮޓޯ/ މުހައްމަދު ޝަރުހާން

އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ އިންސާފުވެރި ޝަރީއަތަކުން ނިންމި ނިންމުމެއް ނޫންކަމަށް ބުނެ، ބާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ ބަންޑާރަނައިބު، ޕްރޮސެކިއުޓަރ ޖެނެރަލް އަދި ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވައި، ނޫސްވެރިކަމުގެ މިނިވަންކަމާއި އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާފައެވެ.

  • އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމަކީ ބޭއިންސާފުން ކޮށްފައިވާ ކަމެއްކަމަށް ބާ ކައުންސިލުން ބުނުން
  • ބަންޑާރަނައިބާއި، ޕީޖީ އަދި ކްރިމިނަލް ކޯޓަށް އެ ކައުންސިލުން ސިޓީ ފޮނުވުން
  • ޣައިރު ދުސްތޫރީ އަމަލުތައް ހުއްޓުވުމަށް ބަންޑާރަނައިބަށް ގޮވާލުން
  • ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާ މުރާޖަޢާކުރުމަށް ޕީޖީގެ ފަރާތުން އެދުން

އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ޖުމަށް، ކްރިމިނަލް ކޯޓުން ހިންގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނޫންކަމަށާއި އެކަމާއި ކަންބޮޑުވާކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ބާކައުންސިލުން މިއަދު ވަނީ ދެ ނޫސްވެރިއަކު ޖަލަށްލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކްރިމިނަލް ކޯޓަށާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ބަންޑާރަނައިބުގެ އޮފީހަށްވެސް ސިޓީއެއް ފޮނުވާފައެވެ.

ބާކައުންސިލުން ބަންޑާރަނައިބު އަހްމަދު އުޝާމަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައިވަނީ، ގާނޫނުއަސާސީއާއި ގާނޫނުގެ ހުކުމް ނެގެހެއްޓުމުގެ އިލްތިޒާމް މަތިކޮށްފައިވާ އެންމެހައި އިދާރާތަކުގެ އަމަލުތައް، ގާނޫނީ އިމުގެ ތެރޭގައި ހުރިކަން ކަށަވަރުކޮށް ރާއްޖެއިން އަމަލުކުރުމަށް އެއްބަސްވެފައިވާ ބައިނަލްއަގްވާމީ ގާނޫނީ އިލްތިމާޒުތަކަށް އިޚްތިރާމްކުރެއްވުމަށް ބަންޑާރަނައިބަށް ހަނދުމަކޮށް އަރުވާކަމަށެވެ.

އަދި ދައުލަތުގެ އެކި އިދާރާތަކުން ގާނޫނުއަސާސީގެ އަސާސީ ހައްގުތަކަށް އުނިކަން އަންނާނެ ގޮތަށް ހިންގާ ޣައިރު ދުސްތޫރީ އަމަލުތައް ހުއްޓުވައިދެއްވުމަށް އެދިފައެވެ. އަދި ގަނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގުތައް ކުރިއަރުވައި ދެމެހެއްޓުމަށް ދައުލަތަށް އޮންނަ ޒިންމާގެ ދަށުން، ބަނޑާރަނައިބަށް ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެދަށުން އޮތް ދުސްތޫރީ ވާޖިބުގެ ދަށުން އެފަދަ ކަންކަން އިސްލާހުކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.

ބާ ކައުންސިލުން ޕްރިސެކިއުޓާ ޖެނެރަލް އައްބާސް ޝާރީފަށް އެޑްރެސްކޮށްފައިވާ ސިޓީގައިވަނީ، ނޫސްވެރިންނަށް ދައުވާކުރުމާމެދު ނިންމާ ނިންމުންތަކަކީ އަސާސީ ހައްގުތަކާއި އިޖުރާއީ ހަމަތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އިހްތިރާމްކޮށްގެން ނިންމާ ނިންމުންތަކެއްކަން ކަށަވަރުކުރުމަށް ގޮވާލާފައެވެ.

އަދި ޕީޖީގެ ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު މުރާޖާކުރުމަށް ޕީޖީގެ ފަރާތުން އިސްވެ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށާއި ސިޓީއަކަށް ބިނާކޮށް ނޫސްވެރިއެއްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި ކޯޓުން ނިންމެވި ނިންމުން މުރާޖާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާއިދެއްވުމަށް ޕީޖީގެ އަރިހުން ބާ ކައުންސިލުން ވަނީ އެދިފައެވެ.

އެ ކޯޓުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދަށް ފޮނުވާފައިވާ ސިޓީގައިވަނީ ތަބީއީ އިންސާފުގެ އުސޫލުތަކަށް ފުރިހަމައަށް އިޚްތިރާމްކުރުމާއެކު، ގާނޫނުން ލިބޭ އެންމެހައި ހައްގުތަށް ހަމަހަމަކަމާއެކު ލިބިދެވޭކަން ކަށަވަރުކުރުމަކީ އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށާއި ގާނޫނުގެ ވެރިކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްކަން ފާހަގަކޮށްފައެވެ.

އަދި މި މައްސަލައިގައި އެ ކޯޓުން އަމަލުކޮށްފައިވާ ގޮތަކީ ބާ ކައުންސިލުން އިންތިހާއަށް އެކަމުގައި ކަންބޮޑުވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަދަދު ނޫނުހެ ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

https://sun.mv/221890

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެންނެވެ. އަދި، ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

comment ކޮމެންޓް