ކްރިޕްޓޯކަރަންސީ މާކެޓަށް އައި ލޮޅުންތަކާއެކުވެސް ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގު 81,000 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިއްޖެއެވެ.
އެމެރިކާގެ އިންފްލޭޝަން ރޭޓް އުންމީދު ކުރިވަރަށްވުރެ މަތިވެ، އީޓީއެފް (އެކްސްޗޭންޖް ޓްރޭޑެޑް ފަންޑްސް) އަށް ލިބުނު ކުރިއެރުން އެއްވަރެއްގައި ނުހިފެހެއްޓުނު ނަމަވެސް، މާކެޓްގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ބިޓްކޮއިންގެ އަގަށް ވަނީ 0.64 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ.
ބިޓްކޮއިންގެ އިތުރުން މާކެޓްގެ ދެވަނައަށް އެންމެ ބޮޑު ކޮއިން ކަމަށްވާ އިތީރިއަމްގެ އަގު މިހާރު ހުރީ 2,300 ޑޮލަރުގައެވެ.

މާކެޓްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ކްރިޕްޓޯ ކަރަންސީ އަދި ވެސް ދާނީ އުފުލެމުން ----
މާކެޓް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އިޤްތިޞާދީ ގޮންޖެހުންތަކާއި އިންފްލޭޝަނާ މެދު ކަންބޮޑުވުންތައް ހުރި ނަމަވެސް، ބޮޑެތި ކުންފުނިތަކާއި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވުމާއި، ކޮއިންތައް ގަންނަ މިންވަރު ވަރުގަދަވުމުގެ ސަބަބުން މާކެޓަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
ބައެއް އެހެން އޯލްޓްކޮއިންތަކަށް ބަލާއިރު، ބައިނޭންސް ކޮއިންގެ އަގު އުޅެނީ 678.15 ޑޮލަރުގައެވެ. އަދި ސޮލާނާ 95.13 ޑޮލަރުގައި ހުރިއިރު، އެކްސްއާރްޕީ ހުރީ 1.45 ޑޮލަރުގައެވެ. މީގެ އިތުރުން ޑޯޖްކޮއިންގެ އަގު ހުރީ 0.11 ޑޮލަރުގައެވެ.
މުދަލާއި ޚިދުމަތްތަކުގެ އަގު މަތިވުމާ ގުޅޭގޮތުން މުދްރެކްސްގެ ލީޑް ކުއަންޓް އެނަލިސްޓް އަކްޝަތު ސިންތު ވިދާޅުވީ، އުންމީދު ކުރި ވަރަށްވުރެ ސީޕީއައި (ކޮންސިއުމާ ޕްރައިސް އިންޑެކްސް) މަތިވި ނަމަވެސް ބިޓްކޮއިން 81,000 ޑޮލަރުން މަތީގައި ހިފެހެއްޓުމުން އެނގެނީ އިންވެސްޓަރުންގެ އިތުބާރު އަދިވެސް ބޮޑުކަމެވެ.
މީގެ ކުރިން ސީޕީއައިގެ މައުލޫމާތުތައް އާންމުވުމުން ބިޓްކޮއިންގެ އަގު ވަގުތީ ގޮތުން ދަށަށް ދިޔަ ނަމަވެސް، މިފަހަރު މާކެޓުން ދައްކުވައިދިނީ ތަފާތު ހެޔޮ ބަދަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖިއޮއްޓޯގެ ސީއީއޯ ވިކްރަމް ސުއްބުރާޖް ވިދާޅުވި ގޮތުގައި މާކެޓަށް އެންމެ ބޮޑު ފިއްތުމެއް ކުރިމަތިވަނީ އެމެރިކާގެ މެކްރޯ އިޤްތިޞާދީ މައުލޫމާތުތަކުންނެވެ. އެގޮތުން އޭޕްރީލް މަހުގެ ސީޕީއައި އަހަރީ ގޮތުން 3.8 އިންސައްތައަށް މަތިވެފައިވާއިރު، ހަކަތައިގެ އިންފްލޭޝަން ވަނީ 17.9 އިންސައްތައަށް އުފުލިފައެވެ.
މީގެ ސަބަބުން އިންޓްރެސްޓް ރޭޓް ކަނޑައެޅުން ލަސްވެގެންދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ. އަދި އިންވެސްޓަރުން މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން މާކެޓަށް ނުވަނުމަށާއި، ބިޓްކޮއިންގެ އަގު 85,200 ޑޮލަރުން މަތީގައި ހިފެހެއްޓުމުން ނޫނީ އިތުބާރު ބޮޑު ނުކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ.
މާކެޓްގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުން ވަޒީރްއެކްސް މާކެޓްސް ޑެސްކުން ބުނީ، 2023 ވަނަ އަހަރުގެ މާޗް މަހަށްފަހު ފުރަތަމަ ފަހަރަށް ބިޓްކޮއިންގެ 'ބުލް-ބެއާ ސައިކަލް އިންޑިކޭޓަރ' ހެޔޮ ފާހަގައަކަށް ބަދަލުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ބޮޑެތި މުއައްސަސާތަކުގެ ބައިވެރިވުން އިތުރުވެ، ބިޓްކޮއިން އީޓީއެފްތަކަށް 272 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވަދެފައިވާއިރު، ސްޕޮޓް އެކްސްއާރްޕީ އީޓީއެފްތަކަށް ޖަނަވަރީ މަހަށްފަހު އެންމެ ގިނައިން ފައިސާ ވަދެފައިވަނީވެސް މި ދުވަސްވަރު ކަމަށް އެފަރާތުން ހާމަކުރެއެވެ.
ޖުމްލަ ގޮތެއްގައި މާކެޓް ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް ކްރިޕްޓޯ މާކެޓް އޮތީ ހަމަހަމަވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބިޓްކޮއިންގެ އަގު 80,000 ޑޮލަރުގެ ސަޕޯޓް ލެވެލްއިން މަތީގައި ހިފެހެއްޓި، 83,000 އާއި 85,200 ޑޮލަރާ ދެމެދުގެ ރެސިސްޓަންސް ލެވެލްއެއް ފަހަނައަޅައި ދިއުމަކީ މާކެޓްގެ ކުރިމަގު ބައްޓަންވެގެންދާނެ މުހިންމު ކަމެކެވެ.