އިސްތިއުފާ ނުދިނުމުން، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ އިގުތިސާދު ރަނގަޅުވާތަން ނުފެންނަ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި ޕީއެންސީގެ މެންބަރުން ވަނީ ހަމަކޮށްފައެވެ. މިއީ ސިޔާސީ ގޮތުން މަޖިލީހުގެ ތެރޭގައި ހިނގަމުންދާ މުހިންމު ބަދަލެކެވެ.

  • ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކުރަން ނިންމުން
  • އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުން
  • ޕީއެންސީގެ މެންބަރުންގެ ސޮއި ހަމަކުރުން
  • ސުޕަ މެޖޯރިޓީ އޮތުމުން މައްސަލަ ފާސްވުމުގެ ފުރުސަތު ބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވަން ދެކޮޅު ހެއްދެވުމުން، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ ސުޕަ މެޖޯރިޓީން މިއަދު ސޮއި ހަމަކޮށްފިއެވެ.

މިދިޔަ މަހު ފަހުކޮޅު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވަކިކޮށްފައިވާ ނާޒިމް މިއަދު ވަނީ ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައެވެ. އެ ގްރޫޕުން އޭނާ ބޭރުކުރީ މިއަދު ހެނދުނު 6:00 އެހާކަންހާއިރެވެ.

'ސަން'އަށް އެކަކަށް ވުރެ ގިނަ މަޖިލީހުގެ މެންބަރުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ނާޒިމް ވަކިކުރަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ. އެހެންވެ، އެ ކަމަށް ބޭނުންވާ ސޮއި މިހާރު ހަމަކޮށްފައިވާކަން ވަނީ އެނގިފައެވެ.

ޕީއެންސީގެ ސީނިއާ މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

https://sun.mv/221909

ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލުމަށް ފަހު، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ މައްސަލައިގައި މިހާތަނަށް ޕީއެންސީގެ ރަސްމީ ބަހެއް ނުލިބެއެވެ. އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް ގުޅައި، މެސެޖުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވައެވެ. އެހެންވެ، ނާޒިމް ވަކިކުރަން ނިންމި ސީދާ ސަބަބެއް ނޭނގެއެވެ.

މަޖިލީހުގެ ނައިބު ރައީސް ވަކިކުރަން ހުށަހަޅަންޖެހޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާ އެކުއެވެ. ޕީއެންސީގައި 75 މެންބަރުން ތިއްބަވާތީ، އެއީ އެ ޕާޓީއަށް ވަރަށް ފަސޭހަ ކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓުން އެންޓި ޑިފެކްޝަން އިސްލާހު ރަނގަޅުކަމަށް ނިންމުމާ އެކު، ޕާޓީން ވަކިކޮށްފި ނަމަ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުމުގެ ބިރު ވެސް އެބައޮތެވެ. މިހާރު އޮންނަ ގޮތުން، މެންބަރުން އިންތިޚާބުވާ ޕާޓީން އަމިއްލައަށް ވަކިވުމުންނާއި ވަކިކުރުމުން ވެސް މެންބަރުންގެ ގޮނޑި ގެއްލޭނެއެވެ.

މި މައްސަލައިގައި ނާޒިމާ ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވައެވެ.

މިދިޔަ މަހު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ގޮތުން، މިދިޔަ މަހު 21 ގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ މިދިޔަ މަހު ވަކިކޮށްފައެވެ. އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަތްކެއް ނުކުރެއެވެ.

https://sun.mv/221915

އޭރު ވެސް މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ ކަމަށް އަޑުފެތުރުނެވެ. އެކަމަކު، އެ ފަހަރު ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް އެކަން ދޮގުކުރެއްވިއެވެ.

މީގެ ކުރިން ވެސް ސިޔާސީ ބައެއް ޚިޔާލު ތަފާތުވުންތަކަށް ފަހު، މެންބަރުންނަށް އެފަދައިން ޕާޓީތަކުން ފިޔަވަޅު އަޅާފައި އެބަހުއްޓެވެ. އެ ގޮތުން، މީގެ ކުރިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލިއެވެ. އޭނާ ވެސް އެ ފަހަރު ބާރުގަދަ ކޮމިޓީތަކުން ވަކިކުރިއެވެ.

އެކަމަކު، ފަހުން މައްސަލަ ހައްލުކޮށް އޭނާ ވަނީ އަލުން ކޮމިޓީތަކަށް އައްޔަންކޮށްފައެވެ. އަދި، ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ވެސް ފަހުން އޭނާ ވެއްދިކަން ވަނީ އެނގިފައެވެ.

އޭގެ ފަހުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)ގެ އޯޑިއޯއެއް ލީކްވެފައި އޮއްވާ އޭނާއަށް ވެސް ފިޔަވަޅު އެޅިއެވެ. އޭނާ ވެސް މަޖިލީހުގެ ކޮމިޓީތަކުން ވަކިކުރިއެވެ. އެކަމަކު، ފަހުން އޭނާ ވަނީ އަލުން އިޖުތިމާއީ ކޮމިޓީއަށް އައްޔަންކޮށްފައެވެ. މިހާރު އެ ކޮމިޓީގެ މުގައްރިރުކަން ކުރައްވަނީ ވެސް އޭނާއެވެ.

comment ކޮމެންޓް