ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ އުފާފާޅުކުރުމުގެ ތެރޭގައި ފަލަސްތީނުގެ ދިދަ ބޭނުންކުރުމާ ގުޅިގެން އިޒްރޭލުގެ މީޑިއާތަކުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމާ ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން، އުމުރުން 18 އަހަރުގެ ޔަމާލް ވަނީ ޓީމުގެ ބަހުގައި ދަތުރުކުރިއިރު ފަލަސްތީނުގެ ދިދަ ވިހުރުވާފައެވެ.
ސޯޝަލް މީޑިއާގައި މި މަންޒަރުތައް އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ "ޗެނަލް 12" އިން ބުނެފައިވަނީ، ޔަމާލް ފުޓްބޯޅައިގެ އުފާވެރި މުނާސަބަތެއް ބޭނުންކުރީ އޭނާގެ ސިޔާސީ ފިކުރު ހާމަކުރުމަށް ކަމަށެވެ. އަދި ބާސެލޯނާގެ އެހެން ކުޅުންތެރިން ކްލަބުގެ ކުލަތަކުން އުފާފާޅުކުރަމުން ދިޔައިރު، ޔަމާލް އެހެން ކުޅުންތެރިންނާ ހިލާފަށް ފަލަސްތީނުގެ ދިދަ ހިފައިގެން ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ މީޑިއާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އިޒްރޭލުގެ "ޔެދިއޯތު އަހަރޮނޮތު" ނޫހުން ބުނި ގޮތުގައި، މިއީ ޔަމާލް މިފަދަ މެސެޖެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިދިޔަ މަހު މިސްރާއި ސްޕެއިން ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ސަޕޯޓަރުން އިސްލާމްދީނަށް ފުރައްސާރަކޮށް ގޮވާލި ގޮވާލުންތަކާ ގުޅިގެން، ޔަމާލް ވަނީ އޭނާއަކީ މުސްލިމެއް ކަމަށާއި އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ބުނެ ރައްދު ދީފައެވެ.
މޮރޮކޯ އަދި އިކުއެޓޯރިއަލް ގިނީއަށް ނިސްބަތްވާ އާއިލާއަކުން އައިސް ސްޕެއިންގެ ގައުމީ ޓީމަށް ކުޅެމުންދާ ޔަމާލްއަށް، ފަލަސްތީނަށް ތާއީދުކޮށް ދިދަ ހިފުމުން ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު، އިޒްރޭލުގެ މީޑިއާތަކުން އަންނަނީ އޭނާއާ ދެކޮޅަށް ޕްރޮޕެގެންޑާ ފަތުރަމުންނެވެ.