މާދަމާއާ ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ، ރީތިވާން ފަށާނީ ހުކުރުގައި: މެޓް

މާލެއަށް ބޯކޮށް ވާރޭ ވެހެނީ: މާދަމާއާ ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅަނގު މޫސުމުގެ ސަބަބުން މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މާދަމާއާ ހަމައަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށާއި، ހަފުތާ ބަންދުގައި ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކޮށްފާނެތީ ސަމާލުވުމަށް މެޓުން ވަނީ އިރުޝާދުދީފައެވެ.

  • މާދަމާއާ ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
  • ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ
  • ދެކުނާއި މެދުރާއްޖެތެރެއަށް ގަޑިއަކު 15 އާއި 25 މޭލާ ދެމެދު ވައިޖެހޭނެ
  • ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ލަފާކުރެވޭ

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުން އަންނައިރު، މާދަމާއާ ހަމައަށް މި ވިއްސާރަ ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.

މެޓުން 'ސަން' އަށް ބުނީ، މި ވިއްސާރަ އަލިވާން ފަށާނީ، އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. މިގޮތުން، ހަފުތާ ބަންދުގައި ވާރޭ ވެހޭ މިންވަރު ކުޑަކޮށް މަދުވެދާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

"މާދަމާއާ ހަމައަށް މި ވިއްސާރަ [ދިގުދެމިގެން] ދާނެ އިނގޭތޯ މުޅި ރާއްޖެއަށް. ޖުމްލަކޮށް ވެސް ވިއްސާރަކޮށް އުޅެނީ މުޅި ރާއްޖެއަށް ވެސް،" މެޓުން ބުންޏެވެ.

ވިއްސާރަ ދުވަހެއްގައި ބަޔަކު ކުޑަ ހިފައިގެން މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއާ ހަމައަށް ވިއްސާރަ ކުރާއިރު، މުޅި ރާއްޖެއަށް ވައި ޖެހޭ މިންވަރު ވެސް މަތިވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި، ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް މެޓުން ބުނެއެވެ.

މީގެއިތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ، ހުޅަނގާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައިޖެހޭނީ، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުނެފައިވެއެވެ.

އެ އިދާރާއިން ބުނި ގޮތުގައި، ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ވެސް މިއަދު ގަދަވާނެއެވެ. އެއާއެކު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކޮށްފާނެކަން ފާހަގަކޮށް، އެ ކަމަށް ސަމާލުވާން މެޓުން އިރުޝާދު ދިނެވެ.

comment ކޮމެންޓް