ކާކޮޓަރީގައި އިނދެފައި، ބަސްމާ ބޭރަށް ނުކުމެލީ ބޭރުން ކޮންމެވެސް ތަނެއްގައި ބޭއްވިފައި އޮތް އޭނަގެ ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭނަ ނުކުމެގެން ބޮޑު ކޮޓަރިއާ ދިމާލަށް ދިޔައިރު، ހައިރާންކަމެއް ލިބިގެން ދިޔައީ ސިޑިން މައްޗަށް އަރަމުން ދިޔަ ޒަހްރާން ފެނުމުންނެވެ.
އޭރު ޒަހްރާން ސިޑިން އަރައިގެން ދިޔަތަން ބަލަހައްޓައިގެން ގޭގެ މައިދޮރު ކައިރީގައި ދުވަސްވީ ނޯކަރަކު ހުއްޓެވެ. ބަސްމާ ފެނުމާއެކު ނޯކަރު މީހާވެސް ބޭރަށް ނުކުމެއްޖެއެވެ. ޒަހްރާން މައްޗަށް އެ ދިޔައީ ނޯކަރު ކުއްޖާގެ ފަރާތުން އީލާފްމެން މަތީގައި ތިބެގެން ކަން އެހިނދު ބަސްމާއަށް ޔަޤީންވިއެވެ. އެއާއެކު ކުރިން ދުވަހަކު އީލާފް ފޯނުން ޒަހްރާނާ ދެއްކި ވާހަކަތައް މަތީން ބަސްމާ ހަނދާންވެއްޖެއެވެ.
"މިހާރު އައިރާ މިގެއަށް އައިތާ ތިންވަނަ ދުވަސް. އެކަމަކުވެސް އަދިވެސް ހުންނަނީ ދެރަވެފަ... ބައެއްފަހަރު ހީވޭ އުނދަގޫވެފަ ހުންނަހެންވެސް... ކުޑަބެ މިގެއަށް އައިރާ ލާފަވެސް ދިޔައީވިއްޔަ. ޝީ ވިލް ބީ މޯރ ކޮމްފޮޓަބަލް ކުޑަބެ މިގެއަށް އަންނަނަމަ. އައިމީން އެއްކޮށް ނަޔަސް އައިރާއާ މީޓްކޮށްލަންވިޔަސް..." ބަސްމާގެ ކަންފަތުގައި އެ ޖުމްލަތައް ތަކުރާރުވާން ފެށިއެވެ. އެހެންނަމަވެސް އެވަގުތު ރިންގުވަމުން ދިޔަ ފޯނުގެ ސަބަބުން މާގިނައިރަކު ވިސްނާކަށް އޭނައަކަށް ނުހުރެވުނެވެ. ބަސްމާ ގޮސް ސޯފާމަތީގައި ބޭއްވިފައި އޮތް ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.
އެކޮޅުން ބުނެލި ވާހަކައިން ބަސްމާގެ މޫނުމައްޗަށް ހަމްދަރުދީގެ އަސަރުތައް ވެރިވިއެވެ. އޭނައަށް ގުޅީ އެކުގައި ކިޔަވަން އުޅުނު އިރުގެ ގާތް ރަޙްމަތްތެރިއެކެވެ. އެ ރަހްމަތްތެރިޔާގެ އެދުން ފުއްދަދޭނެކަމުގައި ބުނެ ފޯނު ބޭއްވި ބަސްމާއަށް އަނެއްކާވެސް ބަލައިލެވުނީ ސިޑިއަށެވެ. މިހާރަކު ޒަހްރާން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ސިކުނޑިއަށް ވެރިވި ޝައްކުގެ އަސަރުތައް ފިލައިގެނެއް ނުދިޔައެވެ. އެހާ އާދައިގެ އަންހެން ކުއްޖަކާ ދޭތެރޭ ޒަހްރާން ޝައުޤުވެރިވެ ދާނެހެއްޔެވެ؟ އަބަދުވެސް ޒަމާނީ ފެޝަނަށް ޒަހަރާން ލޯބިކުރެއެވެ. އެހެންނަމަވެސް މިއަދު ފެނުނު މަންޒަރުން އޭނަގެ ނަޒަރިއްޔާތު ބަދަލުވެގެން ހިނގައްޖެއެވެ. އާއެކެވެ. އައިރާއަކީ ހަމައެކަނި ޒަހްރާންގެ އެކުވެރިއެއް ނޫނެވެ. އެއަށްވުރެ ގާތް ގުޅުމެއް އެ ދެމެދުގައި އެބަ ވެއެވެ. އެހެން ނޫން ނަމަ ޒަހްރާން އެ ގެއަކަށް އައިރާއަށްޓަކައި ނާންނާނެއެވެ. މީގެ އެގާރަ އަހަރު ކުރިން ގެއިން ނުކުމެގެން، ރާއްޖޭން ބޭރަށް ދިޔަފަހުން އެ މީހުން އެންމެންގެ އެތަކެއް އާދޭހަކަށް ފަހުވެސް ޒަހްރާން އެންމެ ފަހަރަކު ވެސް އެގެއަށް ވަދެލާފައެއް ނުވެއެވެ. އެހެންނަމަވެސް، މިއަދު އެ މަންޒަރުވެސް ބަދަލުވެއްޖެއެވެ. ސަބަބަކީ ހަމަ އައިރާއެވެ. އެ މީހުން އެންމެންނަށް ނާކާމިޔާބުވީކަމެއް އައިރާ ހަފްތާއެއްގެ ތެރޭގައި ބަދަލުކޮށްލައިފިއެވެ.
ޒަހްރާނަކީ އެއް އިރެއްގައިވެސް، ގޮތް ދޫކުރަން ދަންނަ ޒުވާނެއް ނޫނެވެ. ބޯ ހަރުކަން ދޫކޮށްލާފައި ކަމެއް ނުކުރާނެއެވެ. ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އޭނަ ކުރަން ބޭނުން ނޫންކަމެއް ވެސް ކުރާނެއެވެ. އަދި އެކަން މީހަކަށް އޭނަ ލައްވާ ނުވެސް ކުރުވޭނެވެސް މެއެވެ. ބަސްމާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ޒަހްރާންގެ ހިތުގެ ޙާލަތު އޭނައަށް ފަހުމްވަމުން ދިޔައީތީއެވެ.
"މުރާދު...." ގޮސް ކާކޮޓަރިއަށް ވަނުމާއެކު ބަސްމާ މުރާދަށް ގޮވައިލިއެވެ.
"ކިހިނެއްވީ ބަސްމާ...؟" މުރާދު ސުވާލުކޮށްލިއެވެ.
"ރެން... ރެން އައިސްފި..." ބަސްމާއަށް ބުނެވުނެވެ.
"މިގެއަށް؟" މުރާދަށް އެހެން އަހައިލެވުނީ، ޤަބޫލުކުރަން ދަތިވެފައި އިންފަދަ ގޮތަކަށެވެ.
"ރެން... ކޮބާތަ؟" އަޔާޝްއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. އޭނައަށް ކާކޮޓަރިއަށް ވަންނަން ހުންނަ، ކަހާލެވޭ ގޮތަށް ހުރި ދޮރާ ދިމާލަށްވެސް ބަލައިލެވުނެވެ.
"ހޫމް... މަތީގަ... ޓެރެސްގަ..." ބަސްމާއަށް ބުނެވުނެވެ.
"ޓެރެސްގައޭ؟" މުރާދަށް އިތުރު ހައިރާނަކްމެއް ލިބިގެން ދިޔައެވެ. އޭނައަށް ބުމަ އަރުވައިލެވުނީ މަތީގައި އީލާފްއާއި އާއި އައިރާއާ ދެމީހުން ވީކަން ހަނދާންވެފައެވެ. އީލާފްގެ ފޯނު ކޯލާ ބެހޭގޮތުން، އޭނަގެ ގާތުގައި ބަސްމާ ދެއްކި ވާހަކަތަކާ މެދު މުރާދަށް ވިސްނައިލެވުމާއެކު، ބުމަ އަރުވައިލެވުނެވެ. އެއާއެކު ބަސްމާވެސް ބޯ ޖަހައިލިއެވެ. އަނގައިން ނުބުނި ނަމަވެސް، ލޮލުގެ އިޝާރާތުން އެ ދެމެދުގައި ވާހަކަތަކެއް ދެކެވުނެވެ.
"އައި ގޮތަށް އީލު ކައިރިއަށް ދޯ އެ ދިޔައީ..." އައިރާއާ މެދު އެހާ ބޮޑަށް ވިސްނާނުލެވޭ ޙާލު އަޔާޝްއަށް ބުނެވުނެވެ. އެހެންނަމަވެސް ޚުދު އޭނަވެސް ވަނީ ހައިރާންވެފައެވެ. ކުއްލިއަކަށް އެކަކަށްވެސް އަންގާލުމެއްނެތި ޒަހްރާން އެގެއަށް އައުމުންނެވެ. އަޔާޝްއަށް ބަސްމާއާ މުރާދަށް އަވަސް ނަޒަރެއް ދެވުނެވެ.
*****
"އައިރާއަށް އެނގޭތަ؟ އީލު ވަރަށް ވަރަށް ބޭނުން އެންމެން އެއް ގެއެއްގައި އުޅެން. އެކަމަކު، ކުޑަބެ މިގެއަކަށް ނާންނާނެ. ވަރަށް ދެރަވޭ އަސްލު... ބަސްމާ މަންމަ ވަރަށް ރަނގަޅު. އީލު ބޭނުމެއް ނުވޭ ބަސްމާ މަންމައަށްވެސް ދެރަގޮތެއް ވާކަށް. އަދި ކުޑަބެއަށްވެސް. ބަސްމާ މަންމަގެ ރަނގަޅުކަން ކުޑަބެއަށް ފެންނާނެނަމަ..." އީލާފްއަށް ބުނެވުނެވެ. އޭނަ އެވާހަކަތައް އެކުވެރިއަކާ އެ ހިއްސާކުރީ އަލަށެވެ. މި ނޫނީ ދުވަހަކުވެސް އީލާފް އެކަމާ ގުޅިގެން އޭނަގެ ހިތުގެ އިޙްސާސްތައް ހާމަކޮށްފައެއް ނުވެއެވެ. ޓެރެސްއަށް އަރަން އައި ޒަހްރާންގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު، ދޮރުގެ އެއްފަރާތުގައި އޭނަ މަޑުކޮށްލީ އީލާފް އެ ވާހަކަ ދައްކަނީ އައިރާއާކަން އެނގޭތީއެވެ. އައިރާ ބުނާނެ އެއްޗަކަށް އޭނަ އިންތިޒާރުކުރިއެވެ.
"ޑޯންޓް ވޮރީ އީލު. އިންޝާ ﷲ. އަދި އީލުގެ ކުޑަބެއަށްވެސް ހުރިހާކަމެއް އެނގޭނެ. އީލު އެންޑް އީލުގެ ފެމިލީ އަސްލު ހާދަ ލަކީ އޭ... މިގޭގައި މި ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް އީލު މަންމަގެ ރަނގަޅުކަން އަހަންނަށް ފާހަގަވެއްޖެ. ނުވެސް ދަންނަ މީހަކާ ދޭތެރޭ އެހާ ހިތްހެޔޮ މީހަކު އާއިލާގެ މީހަކާ ދޭތެރޭ ހިތް ގޯހެއް ނުވާނެ. އަދި ޚާއްސަކޮށް އީލުމެންނާ ދޭތެރޭ... ލޯބިވާނެ މަންމައަކާއި ބައްޕައެއް ލިބުމަކީ އެންމެނަށް ލިބޭނެ ނަސީބެއް ނޫން... އެކަން އަދި ޒަހްރާނަށްވެސް ވިސްނޭނެ..." އައިރާ ބުނެލިއެވެ.
"ހީ އިޒް ސޯ ސްޓަބަން... އައި ހެވެންޓް ސީން އެނޯވަން މޯ ސްޓަބަން ދެން ހިމް އިން މައި ހޯލް ލައިފް..." އީލާފް ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ. އެހެންނަމަވެސް އެހިނިތުންވުމުގައި އުފާވެރިކަމެއް ނެތެވެ. ހީވަނީ މާޔޫސްކަން ފަރުދާކޮށްލަން ތުންފަތަށް ވެރިކޮށްލި ހިނިތުންވުމެއް ހެންނެވެ.
"އިޒް ހީ؟" އައިރާއަށް ދެބުމަ ކުޑަކޮށް އަރުވައިލެވުނެވެ. އޭނައަށް ޒަހްރާންގެ އެ ސިފަ ފެނިފާ ނުވާތީ ކަމަށްވެސް ވެދާނެއެވެ.
"ބިލީވް މީ ވެން އައި ސޭ އިޓް... ހީ ރިއަލީ އިޒް!!!..." އީލާފް ބުނެލިއެވެ. އެ އަޑު އަހަން ހުރި ޒަހްރާންގެ ތުންފަތް މައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ޓެރެސްގެ ދޮރު ހުޅުވާލާފައި ނުކުމެއްޖެއެވެ.
"އީލު..." ޒަހްރާން އީލާފަށް ގޮވައިލަމުން، އައިރާއަށްވެސް އަވަސް ނަޒަރެއް ދިނެވެ. ޒަހްރާން ހުރި ގޮތުން، އެ ދެމެދުގައި ދެކެވުނު ވާހަކަތައް އަޑު ނީވޭނެކަމުގައި އީލާފްއާ އައިރާއާ ދެމީހުންވެސް ތިބީ ޤަބޫލުކޮށްގެންނެވެ. އެއްވެސް ތަފާތު އަސަރުތަކެއް އެ މޫނުމައްޗަކު ނުވެއެވެ.
"ކުޑަބޭ...." އީލާފްއަށް ދެލޯ ބޮޑުކޮށްލެވުމާއެކު ގޮނޑިން ވެސް ތެދުވެއްޖެއެވެ. އެއީ އޭނަ އުންމީދުކޮށްގެން ހުރިކަމެއް ވެސް ނޫނެވެ. ކުއްލިއަކަށް ޒަހްރާން ފެނުމުން ވިސްނަންވީ އެއްޗެއްވެސް އޭނައަކަށް ނޭނގުނެވެ.
"ދެން އިށީނދޭ... " ޒަހްރާން ލުއިކޮށް ހީނލަމުން ދުރުގައި ހުރި ގޮނޑިއެއް ދަމާލާފައި މޭޒާ ކައިރިކޮށްލައިފިއެވެ. އޭނަގެ ނަޒަރު އައިރާއަށް ހުއްޓުމާއެކު، ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ރޭގައި ވެސް އީލާފް އޭނައަށް ގުޅާފައި އައިރާ ހުރީ ހާސްވެފައިކަމަށް ބުނުމުން ޒަހްރާނަށް އައިރާގެ ގާތަށް ނައިސް ކެތްނުކުރެވުނީއެވެ. އެ ހުރިހާ ހިތްދަތިކަމަކަށްފަހު، އައިރާގެ ހިތަށް ތަސައްލީއެއް، ލިބޭނެކަމެއް ވިއްޔާ ކޮންމެ ކަމެއްވެސް އޭނަ ކޮށްފާނެއެވެ. އެގެއަށް އަނބުރާ އައުމަކީ އޭނަ ކުރަން ބޭނުންވިކަމެއް ނޫނެވެ. އަމިއްލަ ނަފްސަށް ވެފައިވާ ވަޢުދުވެސް މިއަދު އޭނަ އެ އުވާލީ ހަމައެކަނި އައިރާއަށްޓަކައެވެ. އެހިތުގައި އައިރާއަށްޓައި ޖަހަމުންދިޔަ ވިންދުގެ ބާރުގައެވެ. އެ ލޯބީގެ ބާރުގައެވެ. އެހެން އެއްވެސް މީހަކަށް ތަސައްވަރުވެސް ކޮށްނުލެވޭފަދަ ފުން ޖަޒުބާތުތަކެއް އޭނަގެ ހިތުގައި އައިރާއާ މެދު އުފެދިފައިވެއެވެ.
"ކޮމްފޮޓަބަލް؟" ޒަހްރާން ސުވާލުކޮށްލިއެވެ.
"ހޫމް... އައި އޭމް.... ޔޯ މޯމް.. ޝީޒް ވެރީ ކޮންސިޑަރޭޓް... އެންމެނާ އެކީ ބެރްކްފާސްޓް ނަގަން އުނދަގޫވާކަން ވިސްނުނީމަ ޝީ ޑިޑް ދިސް..." މޭޒަށް އިޝާރާތްކޮށްލަމުން އައިރާ ބުނެލިއެވެ.
ޒަހްރާން އައިރާއަށް ބަލަމުންދިޔަ ނަޒަރުގައި ޚާއްސަގޮތެއް، ހުރިކަން އީލާފްއަށް ފާހަގަކުރެވުނެވެ.
"އެއްޗެއް ބޭނުންތަ؟" ޒަހްރާން ދެވަނަ ސުވާލެއް އަމާޒުކޮށްލިއެވެ. މިފަހަރު އައިރާ ދެފަރާތަށް ބޯހޫރައިލިއެވެ. ވެރިވެގެންދިޔަ ހިމޭންކަމާއެކު، އައިރާ ޒަހްރާނާ ނަޒަރު ވަކިކޮށްލި ނަމަވެސް ޒަހްރާންގެ ތޫނު ނަޒަރު ސީދާވެފައިވަނީ ސީދާ އައިރާއަށެވެ.
"ކުޑަބެ ސައި ބޮއިފިންތަ؟" އީލާފް ސުވާލުކޮށްލުމާއެކު، ނޫނެކޭ ބުނުމުގެ ގޮތުން ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އެބަ ގުޅަން ތަށި ގެނެސްދޭށޭ ބުނަން..." މޭޒުމަތީގައި ބާއްވާފައި އޮތް ފޯނު ނެގުމަށްފަހު، އީލާފް ނޯކަރަކަށް ގުޅައިލިއެވެ. އޭނަ ގެންނަންވީ އެއްޗެހި ބުނެފައި، ފޯނު ކަނޑާލުމަށްފަހު މޭޒުމަތީގައި ބާއްވަން އުޅެނިކޮށް ފެންތަށީގައި އަތުން ޖެހި އޭނަގެ ގަޔަށް ފެންތައް އެޅިއްޖެއެވެ. މޭޒުމަތީން ތިރިއަށް ތަށި ވެއްޓުމުގެ ކުރިން ޒަހްރާން ހުޝިއާރުކަމާއެކު ޖޯޑުގައި ހިފެއްޓިއެވެ.
"ޔޫ އޯކޭ؟" ޒަހްރާނަށް ހާސްކަމާއެކު ބުނެވުނެވެ.
"ޔާ. އައެމް ފައިން. އެބަ އަންނަން އިނގޭ ޗޭންޖްކޮށްލައިގެން." އީލާފް ތެދުވެގެން ގޮސް ޓެރެސްއިން ނުކުތެވެ. ޒަހްރާންވެސް ޓިޝޫ ފޮށިން ޓިޝޫއެއް ނަގާ، މޭޒުމަތީގައި ހުރި ފެންތައް ފުހެލިއެވެ.
"ޔޫ ކޭން ކޮންޓިނިއު..." އައިރާ ކެއުން ހުއްޓައިލުމާއެކު، ޒަހްރާން ބުނެލިއެވެ. އައިރާ ފުންކޮށް ޒަހްރާނަށް ބަލައިލިއެވެ.
"އަހަންނަކަށް ނޭނގެ ތި އެންމެން އަހަންނަށް ތި ކޮށްދޭ ކަންތައްތަކަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް...." އައިރާއަށް ބުނެވުނެވެ.
"ޔޫ ޑޯންޓް ހޭވް ޓު..." ޒަހްރާންގެ މޫނުމަތިން ސީރިއަސްކަމުގެ އަސަރުތައް ފެނިލިއެވެ. އައިރާ އެފަދަ އެއްވެސް ކަމަކާ ވިސްނާ މާޔޫސްވާކަށް އޭނަ ބޭނުމެއް ނޫނެވެ. އެ ދެލޮލުން ހިތާމައިގެ ކަރުނަތައް އަލުން އޮހޮރޭތަން ބަލާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނައަށް ވެގެންވާނަމަ، މިހާރުން މިހާރަށްވެސް އައިރާއަށް ހުރިހާ އުފަލެއް ހިބަކޮށްދޭނެއެވެ.
"މާލޭގަ ހުރިހާވެސް އެއްޗަކީ ފައިސާ... އައިލް... އައިލް ޕޭ އިޓް ބެކް ސަމްޑޭ..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، އައިރާއަށް ބުނެވުނެވެ. އެކަން އޭނަ ކުރާނީ ކިހިނެއްކަން ނޭނގުނު ނަމަވެސް، އެފަދަ ގޮތަކަށް ނުދަންނަ ބަޔެއްގެ އިޙްސާންތެރިކަން ޤަބޫލުކުރަން އޭނަގެ ޒަމީރު ޤަބޫލުނުވަނީއެވެ. ދޭ މީހާ ދިނަސް ކާ މީހާ ކާންވާނީ ބަލައިގެންނެވެ. އެ ޢާއިލާ އަކީ ހެޔޮ ޢާއިލާއެކެވެ. މީހުންނަށް އެހީތެރިވާން ދަންނަ ޢާއިލާއެކެވެ. މުއްސަދިންގެ ތެރޭގައި އުޅެނީ ހުސް ބޮޑާ ކިބުރުވެރިންތަކެއް ކަމުގައި އޭނަ ހީކުރިއެވެ. އެގެއަށް އައިސް އެންމެ ޖެހިލުންވީވެސް އެހެންވެގެންނެވެ. އެހެންނަމަވެސް، ފެންނަމުން ދިޔަ މަންޒަރުން އެ އޭނަގެ ވިސްނުން ބަދަލުކޮށްލައިފިއެވެ. އެންމެން އެގޮތް ނުވާނެކަން ޤަބޫލުކުރެވިއްޖެއެވެ. އެހެންނަމަވެސް ހިލޭ ކޮށްދޭ އެފަދަ ބޮޑެތި ކަންތައްތައް އޭނަ ޤަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟
"އަހަރެން ބުނެފީމެއްނު އައިރާ ނުޖެހޭނެޔޭ އެއްވެސް ބަދަލެއް ދޭކަށް. އެއްވެސް ކަމަކަށް." ޒަހްރާން ބުނެލިއެވެ.
"އުހުމް... އައި ޑޯންޓް ޑިޒާރވް ދިސް... އަހަންނަކީ އެހާ މާތް މީހެއް ނޫން..." އައިރާއަށް ބުނެވުނެވެ.
"ޔޫ ޑިޒާރވް އެވްރީތިންގ... އެވްރީ ހެޕިނަސް އިން ދިސް ވޯލްޑް... ބިލީވް މީ ވެން އައި ސޭ ދިސް..." ޒަހްރާން އައިރާއަށް ބަލަން އިނދެ މާނަފުން ޖުމްލައެއް ބުނެލައިފިއެވެ. ހަޤީޤަތުގައި އޭނައަށްވެސް އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވީއެވެ. އައިރާ އޭނަގެ އަމިއްލަ ނަފްސަށް އެފަދަ ލަފުޒުތަކެއް އަމާޒުކުރާތަން ބަލާކަށް އޭނައަކަށް ކެތެއް ނުވާނެއެވެ. އެވަގުތު ޒަހްރާންގެ އެ ޖުމްލަތަކާ މެދު އައިރާއަށް ފުންކޮށް ވިސްނައިލެވުނެވެ. އޭނައާ މެދު އެހާ ވަރަށް ޒަހްރާން ވިސްނަނީ ކީއްވެހެއްޔެވެ؟
ނޯކަރު ކުއްޖާ ތަށިތައް ހިފައިގެން އައުމުން ޒަހްރާން ކަރު ކެހިލުމަށްފަހު، ގޮނޑީގައި ލެނގިލިއެވެ. އެ ކުއްޖާ އެ ދެމީހުންނަށް ބަލައިލުމަށްފަހު، ތަށިތައް ބަހައްޓާފައި އިތުރު އެއްޗެއް ނުބުނެ ހިނގައްޖެއެވެ.
"އައިރާ ކީއްވެތަ އަމިއްލަ ނަފްސާ މެދު ތިހާ ދަށްކޮށް ދެކެނީ؟ އައިރާ އަމިއްލައަށްވެސް ތިހެން ހީކުރާނަމަ، އަދި ކޮބާ އެހެން މީހުންގެ ޙާލަކީ... މި ދުނިޔޭގަ އެއްވެސް މީހަކު ނުހުންނާނެ ހުރިހާކަމެއް އެންމެ ފުރިހަމަ.... ވީ އޯލް ހޭވް އިންޕާފެކްޝަންސް... އައިރާގެ މަންމައަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އެއީ އައިރާގެ ކުށެއް ނޫން. ކޮންމެ މީހަކުވެސް ކޮނޑުގައި އުފުލަން ޖެހޭނީ އެމީހަކު ކުރިކަމެއް. އައިރާގެ މަންމަ ކުރި ހުރިހާކަމެއްގެ ޒިންމާ އައިރާ ނުޖެހެޔޭ އައިރާގެ ކޮނޑުގައި އުފުލާކަށް. އައިރާ އަމިއްލަ ނަފްސަށް ރެސްޕެކްޓްކުރަން ދަސްކޮށްބަ... ޕްލީޒް... އަމިއްލަ ނަފްސު ދެކެ ލޯބިވާން ދަސްކޮށްބަ. ޖަސްޓް ބިކޯޒް ޔޫ ވާރ ބޯން ލައިކް ދެޓް ޑަޒަންޓް މީން ޔޫ އާ އިންފީރިއަރ ދެން އަދާސް..." ޒަހްރާންގެ އަޑުގައި އައިރާއަށްޓަކައި ލޯބި ނޫން އެއްޗެއް ނުވެއެވެ.
"އައި އެމް. އެހެންވެގެން ރިހާމްގެ ޢާއިލާގެ މީހުން އަހަރެން ބަލައިނުގަތީ. އަހަރެންގެ ކައިވެނި ރޫޅުނީ... އަހަންނަކީ ހަ..." އައިރާއަށް އިސްޖަހައިލެވުނެވެ. ޖުމްލަ ފުރިހަމަނުކުރެވުނީ ޒަހްރާންގެ ސަބަބުންނެވެ.
"ޑޯންޓް ޔޫ ޑެއަރ ސޭ ސަމްތިންގ ލައިކް ދެޓް އެގެއިން. ދެންމެ ދެއްކި ވާހަކަތައް އެހާ އަވަހަށް ހަނދާން ނައްތައިލީ ތި. އެހެން އެންމެންނެކޭ އެއްވަރަށް އައިރާއަށްވެސް އުފާވެރިކަން ޑިޒާރވް ވޭ... ރެސްޕްކްޓްވެސް.... ދުވަހަކުވެސް ހަނދާން ނައްތާނުލާތި! އައިރާގެ ކުށެއް ނޫންކަން އަމިއްލައަށް ޤަބޫލުކުރެވޭ ދުވަހުން އައިރާއަށް އަމިއްލަ ނަފްސަށްޓަކައި ތެދުވަން ދަސްވާނެ. ލައިފް އިޒް ގިވިން ޔޫ އެނަދަރ ޗާންސް. އުފަލާ ލޯބި ނެތް ޙަޔާތަކުން އައިރާ ތި ވަނީ ސަލާމަތްވެފަ....ގޮތެއް ނެތިފައި ހުންނަންޏާ އެހެންމީހުން އަބަދުވެސް އަނެކާގެ ފައިދާ ނަގާނެ. އެ ފުރުސަތު ދީގެން ނުވާނެ!" ޒަހްރާން ބުނެލިއެވެ. އެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ހުއްޓުނީ، އީލާފް އައުމުންނެވެ. އެހެންނަމަވެސް އޭރު ޒަހްރާންގެ ޖުމްލަތައް އައިރާގެ ސިކުނޑީގެ ތެރޭގައި ތަކުރާރުވަމުން ދިޔައެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އެފަދަ ގޮތަށް މީހަކު އޭނަގެ ހިތައް ތަސައްލީއެއް އެ ދިނީ އަލަށެވެ. ޝުކުރުވެރިކަމުގެ ބެލުމަކުން އައިރާއަށް ޒަހްރާނަށް ބަލައިލެވުނީ އެ ބަސްތަކުން އޭނަގެ ހިތުގައި ގަނޑުފެން އަޅައިލަދިނީތީއެވެ. ހިތުގައިވި ބަރުކަމަށްވެސް ލުއިކަމެއް ލިބިގެން ހިނގައްޖެއެވެ. ބައެއްފަހަރު ތަކުލީފުލިބެމުންދާ ހިތަކަށް ހަމަޖެހުން ގެނެސްދިނުމަށް އޯގާތެރިބަސްތަކެއް އެކަނިވެސް ފުދެއެވެ. އެންމެ ބަހަކުން އަނެކާކުގެ ދިރިއުޅުމުން ބަދަލުކޮށްލުމުގެ ޤާބިލުކަންވެސް ބަހަށް ލިބިފައިވެއެވެ.
ސައި ބޮއި ނިމިގެން އީލާފް ތިރިއަށް ދާންވެގެން ތެދުވެލިއެވެ.
"އައިރާ ބޭނުމިއްޔާ އޯކޭ ވެއިޓް ކޮށްލިޔަސް. ކުޑަބެވެސް އެހުރީނު..." އީލާފް ބުނެލިއެވެ. އޭނަ ގޮސް ޓެރެސްގެ ދޮރުން ބޭރަށް ނުކުތުމާއެކު، މަޑުޖެހުނެވެ.
"ޔަޤީން ކުޑަބެ އައިރާ ދެކެ ލައިކްވާކަން. ދެޓް ލުކް... ކީއްވެތަ ކުރިން އަހަންނަށް ނޯޓިސް ނުވީ... އަނެއްކާ މިއަދު، އެކަކު ބުނެގެންވެސް ގެއަށް ނާންނަ ކުޑަބެ... ހަމައެކަނި ގެއަށް އެއައީ އައިރާއަށްޓަކައި... މީ ކުޑަބެ ފްރެންޑަކަށްޓަކާ ކޮށްދޭނެކަމެއް ނޫން... އަހަންނަށް ޔަޤީން..." އީލާފްއަށް އަމިއްލަނަފްސާ ވާހަކަ ދެކެވެމުން ދިޔައިރު، އޭނަގެ ދެ އަތްވެސް ދިޔައީ ހަރަކާތްކުރަމުންނެވެ.
އައިރާ ގޮނޑިން ތެދުވެގެން ގޮސް ރެއިލިންގެ ކައިރީގައި ހުއްޓިލިއެވެ. ޒަހްރާންވެސް އައިރާގެ ފަހަތުން ގޮސް ރެއިލިންގައި އަތް އަޅުވައިލިއެވެ.
"ކިހިނެއްވީ؟" އައިރާ ކޮންމެވެސް ކަމަކާ ވިސްނާކަން ޒަހްރާނަށް އެހިނދު އެނގުނެވެ.
"އަހަރެން ސުވާލެއް ކޮށްލިޔަސް އޯކޭތަ؟" އައިރާ އަހައިލިއެވެ. އޭނަ ޒަހްރާނަށް ބަލައިލިއެވެ. އައިރާ އޭނަ ގާތުން އޮޅުން ފިލުވަން ބޭނުންވަނީ ކޮންކަމެއްކަން ޒަހްރާނަށް އެނގެއެވެ. އޭނަ އެ އުޅެނީ ބަސްމާއާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. ނޫނެކޭ ބުނެ އެކަމުން ރެކިގަންނަން ޒަހްރާން ބޭނުންވި ނަމަވެސް، އައިރާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެންމެފަހުން އޭނަ ބޯ ޖަހައިލައިފިއެވެ.
"ކީއްވެ ވަކިން... ވަކިން އުޅެނީ؟ އައި މީން... މިއޮށް ބޮޑު ގޭގަ ކީއްވެ އަމިއްލަ ޢާއިލާއާ އެކީ ނޫޅެނީ..." އައިރާ ހުރީ ޖެހިލުންވެފައެވެ. ޒަހްރާންގެ ޒާތީ ކަންތައްތަކާ ބެހުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫނޭ އޭނައަށް ހީވަނީއެވެ.
"އަހަރެން ތި ސުވާލުގެ ޖަވާބު އެއްވެސް މީހަކަށް ނުދެން..." ޒަހްރާން އެނބުރިލުމަށްފަހު، ރެއިލިންގައި ބުރަކަށި ޖައްސައިލިއެވެ.
"ސޮރީ.... އެނގޭ މީ އަހަރެން ކުރަން ޖެހޭ ސުވާލެއް ނޫންކަން. އެކަމަކުވެސް އަހާ...." އައިރާއަށް އޭނަގެ ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ޒަހްރާން އޭނަގެ ވާހަކަ މެދުކަނޑާލައިފިއެވެ.
"އެކަމަކު... އަހަރެން އައިރާއަށް ކިޔައިދީފާނަން." ޒަހްރާން ބުނެލިއެވެ. އޭނަ ހިނިތުންވެލުމަށްފަހު ބާކީ ބައި ބުނެލީ ހިތު ތެރެއިންނެވެ. "އެނގޭ އައިރާއަށް އެނގޭކަން... ބޭނުންވަނީ އަހަރެންގެ ދުލުން އަޑު އަހާކަށްނު. އައިރާއަށް ނޫނެކޭ ބުނުމުގެ ހިތްވަރެއް އަހަރެންގެ ނެތް...އެއަށްވުރެ މާ ބޮޑަށް ލޯބިވޭ... އައި ލަވްޔޫ ސޯ މަޗް..."
(ނުނިމޭ)