'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފިއެވެ.
ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އަޑުއެހުންތައް ވަނީ ސިއްރު ވެސް ކޮށްފައެވެ.
'ސަން' އަށް މައުލޫމާތު ދެއްވައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ވެސް ހައްޔަރުކުރީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.