އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު އިސްތިއުފާދެއްވުމާ ގުޅިގެން، ހުސްވެފައިވާ އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވައިލައިފިއެވެ.
ޒާހިދު މަގާމުން އިސްތިއުފާދެއްވީ މި މަހުގެ ފުރަތަމަ ދުވަހެވެ. އޭނާ އިސްތިއުފާދެއްވި ސަބަބެއް ނޭނގެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ހުޅުވައިލައިފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑު ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށެވެ.
މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރު ޑައުންލޯޑުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް ޒާހިދު އައްޔަންކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހެވެ. އޭގެ ފަހުން، އޭނާއަށް އެ ކޮމިޝަންގެ ރައީސްކަން ލިބުނީ އެ އަހަރުގެ ފެބްރުއަރީ މަހެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން އިލެކްޝަންސް ކޮމިޝަނަށް ވަނީ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އެ ކޮމިޝަނުން އިތުރުކުރަން ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރިއެވެ.
އެހެން އެކަންވީ، އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)، ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމެވުމުންނެވެ. އޭނާ ވަނީ އެ ނިންމުން އިލެކްޝަންސް ކޮމިޝަނަށް ހިއްސާކޮށްފައެވެ. އަދި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް އެ ޕާޓީގެ ޓިކެޓު ދޭން ޕީއެންސީން ބުދަ ދުވަހު ނިންމިއެވެ.