ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވާހަކަ ދައްކައިގެން ފުލެޓުތައް އަޅަން އިތުރު ބިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި މި ވަގުތު ބިން ލިބިފައި ހުރީ 10،700 ފުލެޓު އެޅޭ މިންވަރަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުއްޠަލިބު ވިދާޅުވީ، 10،700 ފުލެޓު މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން އިމާރާތްކުރާނެ ކަމަށެވެ.
މުއްޠަލިބު ވިދާޅުވީ، މާލެ ސަރަހައްދުގައި ބިން ހުރި ގޮތުން އިމާރާތްކުރެވެން އަންނަނީ 12،000 ފުލެޓު ކަމަށެވެ.
ނަމަވެސް، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ފުލެޓުތައް އަޅާ ބިންތައް ދިމާވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުލައިޓުތައް ޖައްސަން އަންނަ ރޫޓަށް ވާތީ، ޓަވަރުތައް ނެގޭ އުސްމިން ތަފާތު ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އެގޮތުން، މީގެ ކުރިން 17 ބުރިއަށް ބައެއް ޓަވަރުތައް އިމާރާތްކުރެވޭނެ ކަމަށް ބެލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މުއްޠަލިބު ވިދާޅުވީ، ބައެއް ޓަވަރުތައް އިމާރާތްކުރެވޭނީ 14 ބުރިއަށް ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފައިވާ ކަމަށެވެ. އެކަން އޭނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މި މަހު ކުރީކޮޅު ވެސް ފާހަގަކުރައްވާފައިވެއެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ހަގީގަތުގައި، މި ދެންނެވި 10،700 ޔުނިޓަށްވުރެ އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް މިނިސްޓްރީއަކަށް މި ވަގުތަކުއެއް ލިބިފައެއް ނެތް. އެހެންނަމަވެސް މިނިސްޓްރީން މަސައްކަތްކުރަމުން އެބަ ގެންދަން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުގެ ތެރެއިން ނަމަވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ،" މުއްޠަލިބު ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ހައުސިން މިނިސްޓްރީއަށް ނެގޭނީ ކޮން ބިން ބިމެއްތޯ ބަލައި، ފުލެޓުތައް އެޅުމަށްޓަކައި ބިންތައް އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓާގައި އެބަހުރި ވަރަށް ބޮޑު އިންޓްރެސްޓެއް، މި ދެންނެވި ގޮތަށް ދައުލަތުން ހިލޭ ބިން ދީގެން އިންސެންޓިވްސްތަކެއް ދީގެން ކުރިއަށް ގެންދާކަމުގައިވާނަމަ. މި ދެންނެވި ކޮންޓްރޯލްޑް އަގުތަކުގައި އަޅުގަނޑުމެން މި ދަންނަވާ ކެޓަގަރީގައި ފަސްޓް ޓައިމް ހޯމް ބަޔާސްއަށް ވިއްކަން، އިމާރާތްކުރުމުގެ އިންޓްރެސްޓް ވަރަށް ބޮޑަށް ޕްރައިވެޓް ސެކްޓާގައި އެބަހުރި،" މުއްޠަލިބު ވިދާޅުވިއެވެ.
ގުޅީފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން އާންމުންނަށް ގޯތި ދީފައިވާކަން ފާހަގަކުރައްވައި މުއްޠަލިބު ވިދާޅުވީ، އެ ފަރާތްތަކަށް އެ ތަންތަން ތަރައްގީކޮށް، އެ ތަންތަނުގައި އުޅެވޭނެ މަގެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.