ބޯހިޔާވަހިކަމަށް 20،000 ފޯމު ހުށަހަޅައިފި، އިތުރު 17،000 ފޯމު ޑްރާފްޓިން މަރުހަލާގައި

ގޯތިތަކާ މީހުން ހަވާލުވަނީ: މި ސަރުކާރުގެ ބޯހިޔާވަހިކަމަށް 20،000 ފޯމު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ/ ހައުސިން މިނިސްޓްރީ

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ފުލެޓަށް އެދި މިހާތަނަށް ވިހިހާހަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. އަދި އިތުރު ސަތާރަހާސް ފޯމު ޑްރާފްޓިންގ މަރުހަލާގައި ވާއިރު، ޖުމުލަ ތިރީސްހަތްހާސް ފޯމު ލިބޭނެކަމަށް ހައުސިންގ މިނިސްޓަރު ވަނީ ލަފާކުރައްވާފައެވެ. މިއިން ދައްކުވައިދެނީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު ބޮޑުކަމެވެ. ބޭރުގެ އެކި ފަރާތްތަކުގެ އެހީއާއެކު ގިނަ ހައުސިންގ ޔުނިޓުތަކެއް އެޅުމަށް ހަމަޖެހިފައިވާއިރު، ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނާ ގުޅިގެންވެސް މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމުގެ ދަށުން ހަތްހާސް ނުވަސަތޭކަ ފުލެޓާއި ފަނަރަހާސް ގޯތި ދޫކުރާނެއެވެ.

  • ފުލެޓަށް އެދި ވިހިހާހަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވުން
  • ޑްރާފްޓިންގ މަރުހަލާގައި ސަތާރަހާސް ފޯމު އޮތުން
  • މާލެ ސަރަހައްދުގައި ތިންހާސް ދުއިސައްތަ ފަސްދޮޅަސް ފުލެޓުގެ މަސައްކަތް ފެށިފައިވުން
  • ހަތްހާސް ނުވަސަތޭކަ ފުލެޓާއި ފަނަރަހާސް ގޯތި ދޫކުރުމަށް ނިންމާފައިވުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މިހާތަނަށް ފުލެޓަށް އެދި 37،000 އެއްހާ މީހުންގެ ފޯމު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަމަށް އެދެން ހުޅުވައިލި ފުރުސަތުގައި މިއަދާ ހަމައަށް 20،000 އަށް ވުރެ ގިނަ ފޯމު މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި، 17،000 އެއްހާ ފޯމު މިހާރުވެސް ޑްރާފްޓިން ސްޓޭޖުގައި އެބައޮތް ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

އޭނާ އަންދާޒާކުރެއްވި ގޮތުގައި، ޑްރާފްޓިން ސްޓޭޖުގައިވާ ފޯމުތައް ހުށަހަޅައިފިކަމުގައިވާ ނަމަ، 37،000 އެއްހާ މީހުންގެ ފޯމު ލިބޭނެއެވެ.

"މި ނަންބަރުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން، ނޫނީ ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތައް ގިނަކަން،" މުއްޠަލިބު ވިދާޅުވިއެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އޭރުގެ ސަރުކާރުތަކުން މަސައްކަތްކުރިކަން ފާހަގަކުރައްވައި މުއްޠަލިބު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް މާލެ ސަރަހައްދުގައި 3،260 ފުލެޓުގެ މަސައްކަތް އަމަލީގޮތުން ފަށާފައިވާ ކަމަށެވެ.

https://sun.mv/221495

"މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން އިތުރަށް 540 ހައުސިން ޔުނިޓަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވޭ، ޗައިނާގެ އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓު އެޅުމަށްޓަކައި މަސައްކަތްތައްކުރަމުން އެބަދޭ، ސަޢޫދީ ފަންޑުގެ އެހީގައި 400 ހައުސިން ޔުނިޓު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަދޭ، އަދި އިންޑިއަން އެލްއޯސީގެ އެހީގައި ގުޅީފަޅުގައި 4،000 ހައުސިން ޔުނިޓު އެޅުމަށްޓަކައި ބޭނުންވާ ލިޔެކިއުންތައް ވަނީ ފައިނަލްކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުތައް ހިނގަނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް ވިދާޅުވެ، މުއްޠަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންހާ އަވަސް ދުވެއްޔެއްގައި މަޝްރޫއުތައް ނުހިނގި ކަމުގައިވިޔަސް، މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައެވެ.

މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ދައުލަތުގެ ދަރަނި ހުރި މިންވަރުގެ ސަބަބުން ބޭރުން ލޯނުތައް ހޯދަން ދަތިވެފައިވާތީ، ހައުސިން ޔުނިޓު އެޅުމަށްޓަކައި އިތުރު ގޮތްތަކެއް ހޯދައިފައިވާ ކަމަށެވެ.

https://sun.mv/220570

އެގޮތުން، ދައުލަތުން ހިލޭ ބިން ދީގެން އަދި އިތުރު ލުއިތަކެއް ދީގެން ފުރުސަތު ހުޅުވައިލުމުން، ދިވެހި ކޮންޓްރެކްޓަރުންގެ ފަރާތުން 2،000އެއްހާ ފުލެޓު އެޅުމަށް ޕްރޮޕޯސަލްތައް ލިބުނު ކަމަށާއި އެ ކޮންޓްރެކްޓަރުންނާ އެކު ސޮއިކޮށްގެން ފުލެޓުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދައަކަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިފައިވާ ކަމަށް، އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ޖުމުލަ 7،900 ފްލެޓު ދިނުމަށް ނިންމާފައި ވާއިރު އޭގެތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ޕްލެޓު ދިނުމަށް ނިންމާފައިވާއިރު ބާކީ 2،400 ފްލެޓު ދިނުމަށް ނިންމާފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށެވެ.

comment ކޮމެންޓް