އއ. ރަސްދޫގައި މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީއެއްގައި ދަރިފުޅަށް ލިބުނު އަނިޔާތައް ފެނިގެން ހޭނެތުނު މަންމަ މިއަދު މަރުވެއްޖެއެވެ.
ފުލުހުން 'ސަން'އަށް ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ރަސްދޫ ގެސްޓްހައުސެއްގައި މަސައްކަތް ކުރާ ޗައިނާގެ ދެ ރައްޔިތުން، އެ ރަށު މީހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ، މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ބުނި ނަމަވެސް، އިތުރު ތަފުސީލެއް ނުދެއެވެ.
ރަސްދޫއިން 'ސަން'އަށް މައުލޫމާތުދިން މީހަކު ބުނީ، މާރާމާރީ ހިނގީ، އެ ރަށު ފިރިހެނަކަށް ޗައިނާ ފަތުރުވެރިންތަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ކަމަށެވެ.
މިގޮތުން، އެ ރަށު ފިރިހެން މީހާއަށް ދަގަނޑުބުރިއަކުން ހަމަލާ ދީފައިވާ ކަމަށާއި އެކި ވަރުގެ ޒަޚަމުތައް ލިބުނު ކަމަށް އެ މީހާ ކިޔައިދިނެވެ.
އެ މަންޒަރު ފެނި، ފިރިހެން މީހާގެ މަންމަ ހޭނެތިގެން ވެއްޓުނު ކަމަށް 'ސަން'އަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ. އެ ދެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ، ރަސްދޫ ހެލްތު ސެންޓަރުންނެވެ. އެއަށް ފަހު، އިތުރު ފަރުވާއަށް ހަމަ އެ ދުވަހު މާލެއަށް ވަނީ ގެނެސްފައެވެ.
ފަސްދޮޅަސް ފަސް އަހަރުން މަތީގެ އެ އަންހެން މީހާ މިއަދު ހެނދުނު 08:39 ހާއިރު މަރުވެފައިވާކަން އައިޖީއެމްއެޗުން ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. އަދި، ފަރުވާއަށް ފަހުގައި، ފިރިހެން މީހާ މިހާރު ވަނީ ދޫކޮށްލާފައެވެ.