ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ އޮންލައިންކޮށް ފަށާފައިވާ ''އެމްބާޕޭ އައުޓް'' ކެމްޕޭނުގެ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 73 މިލިއަނަށް އަރައި، އޭނާއަށް އޮތް ޕްރެޝަރު އިންތިހާއަށް ބޮޑުވެއްޖެއެވެ.
ރެއާލް މެޑްރިޑަށް ކުޅުނު 100 މެޗުން 85 ލަނޑު ޖަހައިދީފައިވީ ނަމަވެސް، މި ސީޒަނުގައި އެޓީމަށް އެއްވެސް ތައްޓެއް ނުލިބި ޗެމްޕިއަންސް ލީގުން ކެޓުމާ ގުޅިގެން ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ވަނީ އޭނާއަށް އަމާޒުވެފައެވެ.
ވަކިން ހާއްސަކޮށް، ފަޔަށް ލިބުނު އަނިޔާއެއްގައި ހުރެ ރިކަވަރީ ހަދަމުން ދިޔަ ވަގުތު، އޭނާގެ ބައިވެރިޔާއާއެކު އިޓަލީގައި ޗުއްޓީ ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމުން، އޭނާގެ ކްލަބަށް އޮތް ވަފާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މީގެ އިތުރުން، އެމްބާޕޭ ޓީމާ ގުޅުނު ފަހުން ރެއާލް މެޑްރިޑްގެ ޑްރެސިން ރޫމްގެ އެއްބައިވަންތަކަން ގެއްލި، "އަމިއްލަ އެދުން ބޮޑުވުން" އިތުރުވެފައިވާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
މި ހުރިހާ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވަމުންދާއިރު، މިހާރު ލިޔޯންއަށް ލޯނު އުސޫލުން ކުޅެމުންދާ ރެއާލްގެ ޒުވާން ތަރި އެންޑްރިކް ވަނީ އެމްބާޕޭގެ ދިފާއުގައި ވާހަކަދައްކާފައެވެ.
އެންޑްރިކް ބުނި ގޮތުގައި މީހުން ކިޔާ ވާހަކަތަކަށް އޭނާ އަޅައެއް ނުލައެވެ. އަދި އެމްބާޕޭއަކީ ރެއާލް މެޑްރިޑަށް ގިނަ ލަނޑުތަކެއް ޖަހައިދީ އެހީތެރިވަމުންދާ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާ އަދިވެސް ރަން ބޫޓު ހޯދުމަށް އުންމީދުކުރާ ކަމަށް އެންޑްރިކް ބުންޏެވެ.
އެމްބާޕޭއަށް އެންޑްރިކް ފަދަ ކުޅުންތެރިންގެ ތާއީދު އޮތް ނަމަވެސް، ސަޕޯޓަރުންގެ މި ވަރުގަދަ ނުރުހުމުގެ ސަބަބުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމަވާނެ ނިންމެވުމަކަށް ގިނަ ބަޔަކު މިހާރު ތިބީ އިންތިޒާރުގައެވެ.
ޚާއްސަކޮށް ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވުމުން، މިއީ އެމްބާޕޭގެ މެޑްރިޑް ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު އިމްތިހާނު ކަމަށް ބެލެވެއެވެ.