ޕްރީމިއަމް ފީޗާތަކާއެކު ވަޓްސްއެޕް ޕްލަސް އައިއޯއެސް ތައާރަފްކޮށްފި

މި އައު ސަބްސްކްރިޕްޝަން މިހާރު ލިބެމުންދަނީ އައިއޯއެސް ވާޝަން 26.17.74 ބޭނުންކުރާ މަދު ޔޫޒަރުންތަކަކަށް --- ފޮޓޯ: އޭއައި

އައިފޯން ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ގިނަ އައު ފީޗާތަކަކާއެކު ވަޓްސްއެޕް ޕްލަސް ތައާރަފްކުރަން ވަނީ ފަށާފައެވެ. މިއީ މަހަކު ފައިސާ ދައްކައިގެން އިތުރު ފީޗާތައް ބޭނުންކުރެވޭ ގޮތަށް ތައާރަފްކުރި ސަބްސްކްރިޕްޝަން ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން އެޕްލިކޭޝަންގެ ކުލަތަކާއި އައިކަންތައް ބަދަލުކުރުމާއި، ގިނަ ޗެޓްތައް ޕިންކުރުމުގެ އިތުރުން ޚާއްސަ ރިންގްޓޯންތައް ބޭނުންކުރުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް ވަޓްސްއެޕްގެ އަސާސީ ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް ހުރިހާ ޔޫޒަރުންނަށްވެސް ހިލޭ ލިބޭނެއެވެ.

  • އައިއޯއެސް ޔޫޒަރުންނަށް ފައިސާ ދައްކައިގެން ބޭނުންކުރެވޭ ވަޓްސްއެޕް ޕްލަސް ތައާރަފްކޮށްފި
  • މަހުފީއަކީ ގާތްގަނޑަކަށް 274 ދިވެހި ރުފިޔާ
  • އެޕްގެ ކުލަތަކާއި އައިކަން ބަދަލުކުރުމާއި 20 ޗެޓް ޕިންކުރުމުގެ ފުރުސަތު ލިބޭނެ
  • މެސެޖްކުރުމާއި ކޯލްކުރުން ފަދަ އަސާސީ ޚިދުމަތްތައް ހިލޭ ލިބޭނެ

އައިފޯން ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، ގިނަ އައު ފީޗާތަކަކާއެކު "ވަޓްސްއެޕް ޕްލަސް" ރޯލްއައުޓް ކުރަން ފަށައިފިއެވެ.

މިއީ ވަޓްސްއެޕްގެ މައިގަނޑު ޚިދުމަތްތައް ހިލޭ ލިބޭ ގޮތަށް އޮތް ނަމަވެސް، އިތުރު ފީޗާތައް ބޭނުންވާ ފަރާތްތަކަށް ފައިސާ ދައްކައިގެން ބޭނުންކުރެވޭ ގޮތަށް ތައާރަފްކުރި ސަބްސްކްރިޕްޝަން ޕްލޭނެކެވެ.

ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ "ވާބެޓާއިންފޯ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އައު ސަބްސްކްރިޕްޝަން މިހާރު ލިބެމުންދަނީ އައިއޯއެސް ވާޝަން 26.17.74 ބޭނުންކުރާ މަދު ޔޫޒަރުންތަކަކަށެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި ޚިދުމަތް އިތުރު މީހުންނަށް ލިބޭނެ ކަމަށް ބެލެވޭއިރު، މިއީ ހަމައެކަނި އާދައިގެ ވަޓްސްއެޕް މެސެންޖާ ބޭނުންކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

https://sun.mv/221442

ވަޓްސްއެޕް ބިޒްނަސް ބޭނުންކުރާ ފަރާތްތަކަށް މި ޕްލޭންގައި އަދި ބައިވެރިއެއް ނުވެވޭނެއެވެ.

މި ސަބްސްކްރިޕްޝަންގެ އަގަކީ މަހަކު 2.49 ޔޫރޯ (ގާތްގަނޑަކަށް 274 ދިވެހި ރުފިޔާ) އެވެ. ނަމަވެސް އެކި ޤައުމުތަކުގައި މި އަގަށް ބަދަލު އައުން އެކަށީގެންވެއެވެ.

މި ޕްލޭންގެ ދަށުން ބައެއް ފަރާތްތަކަށް އެއް ހަފުތާ ނުވަތަ އެއް މަސްދުވަހުގެ ހިލޭ ޓްރަޔަލްއެއް ވެސް ލިބޭނެއެވެ. މިއީ ކޮންމެ މަހަކު އަމިއްލައަށް އައުވާ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށްވާއިރު، ބޭނުން ނުކުރަން ނިންމައިފިނަމަ އެޕް ސްޓޯރު މެދުވެރިކޮށް ސަބްސްކްރިޕްޝަން ކެންސަލް ކުރެވޭނެއެވެ.

ވަޓްސްއެޕް ޕްލަސްގެ ސަބަބުން އެޕްލިކޭޝަންގެ ކުލަތަކާއި ފެންނަ ފެނުމަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެއެވެ. އެގޮތުން 18 ތަފާތު "އެކްސެންޓް" ކުލައަކާއި، 14 ވައްތަރެއްގެ އެޕް އައިކަން ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ޚާއްސަ އެނިމޭޓެޑް ސްޓިކާ ޕެކްތައް ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ސްޓިކާތައް ސަބްސްކްރިޕްޝަން ނެތް މީހުންނަށް ވެސް ފޮނުވޭނެ އަދި ފެންނާނެ ނަމަވެސް، އެ ސްޓިކާ ޕެކްތައް ޑައުންލޯޑް ކުރެވޭނީ ހަމައެކަނި ޕްލަސް ޔޫޒަރުންނަށެވެ.

ޗެޓްތައް ތަރުތީބުކުރުމަށް ވެސް މި ޕްލޭންގައި ލުއިތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ކުރިން އެންމެ ގިނަވެގެން ތިން ޗެޓް ޕިން ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، 20 ޗެޓް ޕިން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވަކިވަކި ގްރޫޕްތަކަށް ނުވަތަ ޗެޓް ލިސްޓުތަކަށް ޚާއްސަ ރިންގްޓޯނާއި ނޮޓިފިކޭޝަން އަޑުތައް ސެޓް ކުރެވޭނެއެވެ. މީގެ ތެރޭގައި މުޅިން އަލަށް ތައާރަފްކުރި 10 ރިންގްޓޯނެއް ހިމެނެއެވެ.

ވަޓްސްއެޕުން ބުނެފައިވާ ގޮތުގައި، މި ސަބްސްކްރިޕްޝަންގެ ސަބަބުން ވަޓްސްއެޕްގެ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މެސެޖް ކުރުމާއި، އޯޑިއޯ އަދި ވީޑިއޯ ކޯލް ކުރުމުގެ ޚިދުމަތް ހުރިހާ ޔޫޒަރުންނަށް ވެސް ކުރިއެކޭ އެއްގޮތަށް ހިލޭ ލިބޭނެއެވެ.

ވަޓްސްއެޕް ޕްލަސް އަކީ ހަމައެކަނި އެޕްލިކޭޝަން އިތުރަށް ޒީނަތްތެރިކޮށް، ޚާއްސަ ފީޗާތަކެއް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ނެރުނު އިޚްތިޔާރީ ޕްލޭނެކެވެ.

comment ކޮމެންޓް