ވެލަޔަށް ޖެހޭ ބަލިތަކާއި ލިބޭ އަނިޔާތަކަށް ފަރުވާދިނުމަށް އޭޝިއާ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު "ސީ ޓާޓަލް ހެލްތް އިންސްޓިޓިއުޓް" ޖަވަކަރާ އައިލެންޑް މޯލްޑިވްސް ރިސޯޓުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އެ އިންސްޓިޓިއުޓް ރަސްމީކޮށް ހުޅުވައިދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރު ސާރާ މޫސާއެވެ. މިއީ ވެލާ ކަހަނބުތަކަށް ލިބޭ އަނިޔާއަށް އެންމެ ފުރިހަމަ ފަރުވާއެއް ދިނުމަށް ހުޅުވިގެންދާ ދޮރެކެވެ.
މި އިންސްޓިޓިއުޓުން ވެލާ ކަހަނބުގެ ގުނަވަންތަކަށް ލިބޭ އަނިޔާއާއި ފީނުމާއި ކެއިންބުއިމަށް އުނދަގޫވާ ބަލިތަކަށް ހާއްސަކޮށްފައިވާ އިންސްޓިޓިއުޓެކެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކްލިނިކަލް ތަޖުރިބާ ބޭނުންކޮށްގެން ވެލަޔަށް ދިމާވާ އެކި ކަހަލަ އަނިޔާތަކަށް ފަރުވާދިނުމާއި ބަލިވެގެން ގެންނަ ވެލާތަކަށް އެންމެ އެކަށީގެންވާ މާހައުލެއްގައި ފަރުވާ ދިނުމުގެ އިތުރުން ރިސާޗްތައްވެސް އެ އިންސްޓިޓިއުޓުގައި ކުރިއަށް ގެންދާނެއެވެ.

ޖަވަކަރާ ހުޅުވި "ސީ ޓާޓަލް ހެލްތް އިންސްޓިޓިއުޓް" --- ފޮޓޯ: ޕީއެސްއެމް ނިއުސް
އެ އިންސްޓިޓިއުޓްގައި ގާއިމްކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު، މިވަގުތު އެތަނުގައި ޖުމްލަ ހަތް ޓޭންކެއް އެބަހުއްޓެވެ. އޭގެތެރޭގައި ހޮސްޕިޓަލް ހަތަރު ޓޭންކާއި ތެރަޕިއުޓިކް ބޮޑު ޓޭންކަކާއި ކްރިޓިކަލް ކެއާ ދެ ޓޭންކު ހިމެނެއެވެ.
ޖަވަކަރާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވަނީ މެރިން ރިސާޗް ސެންޓަރެއްވެސް ގާއިމްކޮށްފައެވެ.
އެ ސެންޓަރަކީ ރާއްޖޭގެ އިތުރަށް ބޭރުގެ އެކި ޔުނިވާސިޓީތަކުގެ ދިރާސާތަކަށް ބޭނުންކުރެވޭނެ ތަނަކަށްވާއިރު، ދިރާސާގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެކި ތަމުރީނުތައް އެ ސެންޓަރުން ފޯރުކޮށްދެއެވެ.
މުޙައްމަދު މޫސާ (އުއްޗު)ގެ ހިއްސާ އޮންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ރާއްޖޭގައި 11 ރިސޯޓު ހިންގާއިރު، މި ފަދަ އެކި ކަންކަމަށް މީގެ ކުރިން ވެސް އެހީތެރިވެދެއްވާފައިވެއެވެ.