އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތް ސޯޝަލްގެ ބެލެނިވެރި ކުންފުނި ޓްރޫތު ސޯޝަލް އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.
އޭގެ ބޮޑު ސަބަބަކީ ކްރިޕްޓޯކަރަންސީ އެސެޓްތަކުގެ އަގު ދަށްވުމުން ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މާޗް 31 ވަނަ ދުވަހު ހުށަހެޅި ހިސާބުތަކުން ދައްކާ ގޮތުގައި ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) އަށް އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ގާތްގަނޑަކަށް 870،000 ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ސާފު ވިޔަފާރި ވަނީ ހަ ޕަސެންޓް އިތުރުވެފައެވެ.
ނަމަވެސް އޭގެފަހުން ބައެއް އިންވެސްޓްމަންޓްތަކާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
އާންމުކޮށް ޕޮލިސީ ބަދަލުތައް އިއުލާން ކުރުމަށާއި އިދިކޮޅު ފަރާތްތަކަށް ފާޑިކިޔުމަށް ޓްރަމްޕް އެ ޕްލްޓްފޯމު ބޭނުންކުރައްވާއިރު، ކުންފުނީގެ ގާތްގަނޑަކަށް 41 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރެއެވެ.
ޓްރަމްޕް ޓްރޫތް ސޯޝަލް ލޯންޗުކުރީ 2020 ވަނަ އަހަރުގެ އިންތިޚާބުގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަތުން ބަލިވުމުގެ ސަބަބުން 2021 ވަނަ އަހަރު ޖެނުއަރީ މަހު އެމެރިކާގެ ކެޕިޓަލްގައި އޭނާގެ ސަޕޯޓަރުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އޭނާ ބޭރުކުރުމުންނެވެ.
ކުންފުނިން މިދިޔަ އަހަރު ހާމަކުރި ގޮތުގައި ކްރިޕްޓޯކަރަންސީތަކަށް އިންވެސްޓް ކުރުމަށް 2.5 ބިލިއަން ޑޮލަރު ހޯދި ނަމަވެސް އެ ދާއިރާގެ އަގުތައް ވަނީ ދަށްވެފައެވެ.
ޓްރަމްޕް ގެންދަަވަނީ މުޅި ރިޔާސީ ދައުރުގައި ވެސް ކޮންމެ ދުވަހަކުހެން ޓްރޫތް ސޯޝަލް ބޭނުންކުރައްވަމުންނެވެ. ގިނަ ފަހަރަށް ރަސްމީ އިއުލާންތަކުގެ އިތުރުން އަމިއްލަ ޝަކުވާތައް އާންމުކުރެއްވުމަށްވެސް އެ ޕްލެޓްޕޯމު ބޭނުންކުރައްވައެވެ.