ހިތްވަރުކޮށްފައި ބެލް އަޅައިލުމަށްފަހު، އައިރާ މަޑުކޮށްލިއެވެ. ދޮރު ހުޅުވުމާ ދެމެދު ހޭދަވި މަދު ސިކުންތުކޮޅު ކޮޅަށް ހުންނަންވެސް އޭނައަށް ދަތިވިއެވެ. އަވަސްވަމުން ދިޔަ ނޭވާ ހަމައަކަށް އަޅުވާލާ ކުރިމަތިލާންޖެހޭ ކަންތައްތަކަށް ނަފްސު ތައްޔާރުކޮށްލަން މަސައްކަތްކުރަމުން ދަނިކޮށް ދޮރު ހުޅުވާލައިފިއެވެ. އެއާއެކު އައިރާއަށް އެ ދިމާލަށް ބަލައިލެވުނެވެ.
ކުރިމަތީގައި ހުރީ ޒުވާން ރީތި އަންހެން ކުއްޖެއް ނަމަވެސް މީގެ ކުރިން ދުވަހަކުވެސް އޭނައަށް އެ އަންހެން ކުއްޖާ ފެނިފައެއް ނުވެއެވެ. އެގޭގައި ރިހާމްގެ މައިންބަފައިންގެ އިތުރުން ދެން އުޅޭނީ ރިހާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝުބާއެވެ. އެ އަންހެން ކުއްޖާ ފެނުމާއެކު އައިރާގެ ހިތް ނޭނގޭ ސަބަބަކާ ހުރެ ނުގޮތަކަށް ތެޅިލި ސަބަބަކީވެސް އެއީއެވެ.
ދޮރު ހުޅުވައިލުމާއެކު، ދާނިޔާއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ދާނިޔާއަށްވެސް މީގެ ކުރިން އައިރާ ފެނިފައިނުވާތީ، ޚުދު އޭނައަކަށްވެސް އެއީ އައިރާކަމެއް ނޭނގެއެވެ. އެހެންނަމަވެސް އައިރާއެކޭ އެއްގޮތަށް އޭނަގެ ހިތަށް ޝައްކެތްވިއެވެ.
"ޔެސް؟" އޭނަ ބުމަ އަރުވައިލަމުން ސުވާލުކޮށްލިއެވެ. "ކާކު ހޯދަން؟"
"ރި... ރިހާމް އެބަ އުޅޭތަ؟" އައިރާގެ އަޑު ނުކުތީ އުނދަގުލުންނެވެ. ހިންދިރުވައިލަމުން އޭނަ ވާހަކަ ދެއްކިއިރު، ހުރީ ދާނިޔާގެ ލޮލާ ނަޒަރު ސީދާކޮށްލައިގެންނެވެ.
"ރިހާމް؟ ކީއްކުރަން؟" ދާނިޔާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަނަވެއްޖެއެވެ. އެ މޫނުމައްޗަށް ވެރިވި އަސަރުތައް ވަންހަނާކުރަން ދާނިޔާ މަސައްކަތެއްވެސް ނުކުރެއެވެ. އެކަން އައިރާއަށްވެސް ފަހުމްވެގެން ދިޔައެވެ.
"ރިހާމްއާ ބައްދަލުކޮށްލަން ވެގެން....އައި.. އައިރާ އެބަ ހުއްޓޭ ބުނަލަދީފާނަންތަ؟" އައިރާގެ އަޑުގައި ޖެހިލުންވުން ވިއެވެ. ދާނިޔާގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ޝުޢޫރުތައް ގާތުން ދިރާސާކުރަމުން ދިޔަ އައިރާއަށް އެމޫނުމަތީން ރުޅިވެރިކަންވެސް ފެންނަމުން ދިޔައެވެ. އައިރާ އެގޮތަށް އެގެއަށް އައުމުން ދާނިޔާގެ ރުޅިގަނޑު ފަޅައިގެންދާން އުޅުނު ނަމަވެސް، އެވަގުތު އޭނަ ކެތްތެރިވިއެވެ.
އަހަރެންމީ ރިހާމްގެ އަންހެނުން." ދާނިޔާވެސް ފުރުޞަތުގެ ބޭނުން ހިފަމުން ބުނެލައިފިއެވެ.
"އަންހެނުންނޭ؟" އެހެން އަހައިލިއިރު، އައިރާގެ އަޑަށް ތުރުތުރު އެޅުމެއް ވެރިވެއްޖެއެވެ. ޤަބޫލުކުރަން ދަތިވެފައިވާ ފަދައަކުން އޭނައަށް ކުޑަކޮށް ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. އެހިނދު ހިތުގެ ހިނގުން ވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އެބުނި ބަސްތައް ސިކުނޑީގެ ތެރޭގައި ވަކިހިއްޕައިލާ ތަކުރާރުވާން ފެށުމާއެކު، ދެވަނަ ސިކުންތުގައި ހިތުގެ ތެޅުން އިންތިހާއަށް ބާރުވެގެން ހިނގައްޖެއެވެ.
"އާނ. އައެމް ހިސް ވައިފް. އެން ޔޫ އާ؟" ދާނިޔާ ނޭނގޭ ކަމެއް ހެދުނެވެ. އޭނަ އެއްމިޔަކަށް ހީނލިއިރު، އެ މޫނުމަތީން ފެންނަނީ ކާމިޔާބީގެ އަސަރުތަކެވެ. ދާނިޔާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އައިރާއަށް ހުރެވުނުއިރު، އޭނަގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އެހެންނަމަވެސް ނުރޯން އައިރާ ހިތްވަރުކުރިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ވެސް، ޖެހުނީ އަނގަ ލައްޕާލާށެވެ. އެހިތްވަރު ނުލިބުނީތީއެވެ. އެހެން ހުއްޓާ ދެން އޭނަގެ ކަންފަތާ ހަމައަށް ފޯރީ ރިހާމް ނޫން އެހެން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ.
"ބޭބީ... ކާކުތަ؟ ބޭބީ..." ރިހާމް ގެ އަޑު ކައިރިވަމުން އައުމާއެކު، އޭނަ އެ ދިމާލަށް އަންނަމުން ދިޔަކަން، އައިރާއަށް ފަހުމްވި ހިނދު، އޭނަގެ މޭތެރޭގައި އޮތް ހިތަށްވެސް އެނގުން ވެލައިގެން ދިޔައެވެ. އެހިތުގެ ތެޅުން އިހުނަށްވުރެ ބާރުވެއްޖެއެވެ. އެތެރެހަށީގެ އިޙްސާސްތައް ހަލަބޮލިކުރުވައިފިއެވެ. އޭނައަށް ދާނިޔާގެ ކޮނޑާ ދިމާލުން ގޭތެރެއަށް ވެސް އަވަސް ނަޒަރެއް ދެވުނެވެ. އޭރު ދާނިޔާ ހުރީ ދެބުމަ ގާތްކޮށްލައިގެންނެވެ. އޭނައަށް ދަތްކުނޑި ވެސް ވިކައިލެވުނެވެ.
ރިހާމް މަޑުމަޑުން އައިސް، އެ ހިސާބާ އަރާހަމަވުމާއެކު، އޭނަގެ ލޮލުގައިވެސް އައިރާ އަޅައިގަނެއްޖެއެވެ. އެހިނދު ރިހާމްއަށްވެސް މަޑުޖެހުމެއް އަތުވެއްޖެއެވެ. މަސްހުނި ޝުޢޫރުތަކެއް އޭނަގެ މޫނުމައްޗަށް އަރާ ފައިބަން ފެށިއެވެ. ދާނިޔާ ދިޔައީ ރިހާމްގެ އިތުރުން އައިރާގެ މޫނުމަތީގެ އަސަރުތައްވެސް ދިރާސާ ކުރަމުންނެވެ. ރިހާމް ދާނިޔާއަށް އަވަސް ނަޒަރެއް ދީފައި، އައިރާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
"ކީއްކުރަން ތިއައީ؟" އެތެރެ ހަށީގެ އިޙްސާސްތައް ހަމައަކަށް އަޅުވަމުން ރިހާމް ވާހަކަ ދެއްކިއިރު، އޭނަ ދިޔައީ އަޑަށް ހިތްހަމަނުޖެހުމާއި، ރުޅިވެރިކަމުގެ އަސަރުތައްވެސް ގެންނަން މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، އައިރާ ފެނުނު ހިސާބުން އެކަން ކުރުމަށް އޭނައަށް ވަނީ ދަތިވެފައެވެ.
"އަ... އަހަރެން...." އައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަ ދާނިޔާއަށް ނަޒަރެއް ދިން ހިނދު އަނެއްކާވެސް ރިހާމް ވާހަކަ ދައްކައިފިއެވެ.
"މީ ދޯ.. މީ އަހަރެންގެ އަންހެނުން..." ރިހާމް ބޭނުންވީ، އޭނަގެ ހިތުގައި އައިރާއާ މެދު ވާ އިޙްސާސްތަކަށް ފަސްއަޅާ ފޮރުވާލަން ކަހަލައެވެ. އޭނަ ދާނިޔާއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު ދާނިޔާގެ ތުންފަތްމަތީގައި ދުވެލި ހިނިތުންވުން ފުޅާވިއެވެ. އައިރާއަށް ހިންދިރުވައިލަމުން އިސްޖަހައިލެވުނީއެވެ. އިތުރަށް އޭނަ ދެން ބުނާނީ ކީކޭކަކެއްވެސް އައިރާއަކަށް ނޭނގުނެވެ. ތުންފަތުގައި ތަޅެއްލެވިއްޖެއެވެ. ރިހާމްގެ ދެވަނަ އަނތްބެއް ހުންނަކަން އެނގުމުން އޭނާއަށް ކުރެވުނީ ދިރިހުއްޓާ މަރައިލި ފަދަ އިޙްސާސެކެވެ. އޭނައަށް ސިއްރުން ރިހާމް އެހުރިހާކަމެއް ކުރިއިރު، އޭނައާ މެދު ކުޑަކޮށްވެސް ވިސްނާނުލިއެވެ. މިހުރިހާ ދުވަހު އޭނައާ މެދު ފަރުވާކުޑަކުރި މިންވަރާއި، އޭނަގެ އާދޭސްތަކަށް ދިން ބީރުކަންފަތުގެ އަސްލަކީ އެއީކަން އެނގުމުން މުޅި ހިތާ ޖިސްމުގައިވެސް ރިހުމެއް ފެތުރިގެން ދިޔައެވެ.
"ރިހާމް." އިރުކޮޅެއްގެ ހިމޭންކަމެއް ފާއިތުވެ ދިޔަފަހުން އައިރާގެ ދެތުންފަތް ފޫ އަޅުވާލާފައި، ވައިއަޑުން ނުކުތީ ރިހާމްގެ ނަމެވެ. އައިރާއަށް ބަލަން ހުރެފައި ރިހާމް ދާނިޔާއަށް ނަޒަރެއް ދިނުމާއެކު ދޮރު ޖަހައިފިއެވެ.
އެއާއާއެކު، އައިރާއަށް ފިޔަވަޅު އަޅައިލެވުނީ ފަހަތަށެވެ. ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގެން ހިނގައްޖެއެވެ. އާއެކެވެ. އައިރާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިއްޖެއެވެ. ބިނާކުރަމުން ދިޔަ ލޯބީގެ ގަނޑުވަރު އެކީގައި ބިމާ ހަމަވެއްޖެއެވެ. ލޯބީގެ ދަރުބާރުގައި ފޮޅުނު ހުރިހާ މާމެލާމެލި މޯޅިވެއްޖެއެވެ. ކޮޅަށް ހުންނަން ދަތިވި އައިރާ ލިފްޓުގެ ބަޓަނަށް ފިތަން ފެށިއެވެ. ހަރަކާތްތައް އަވަސްވެފައިވީ އިރު، އޭނަގެ އަތް ތުރު ތުރު އަޅަމުން ދިޔައެވެ. ލިފްޓު އަންނަން ހޭދަވި މަދު ސިކުންތުކޮޅުވެސް އޭނައަށް ހީވީ ގަރުނެއްހެންނެވެ.
ލިފްޓު އައުމާއެކު، އަރައިގެން ތިރިއަށް ގޮސް އައިރާ އެގެއިން ނުކުމެއްޖެއެވެ. މޭގައި އަތް އަޅައިލެވުނީ އަޅަމުން ދިޔަ ވޭނަށް ކެތްކުރަން އުނދަގޫވެފައިވާ ޙާލުގައެވެ. އޭނަ، ފުންކޮށް ނޭވާއެއްލުމާއެކު މަގުގެ ދެކޮޅު ބަލައިލިއެވެ. ފުސްވެފައިވާ ދެލޮލަށް މަންޒަރު ސާފުވާގޮތެއް ނުވިއެވެ. ޓެކްސީއެއް ހުއްޓުވުމުގެ ބޭނުމުގައި އަތް ނެގިތަނާ އޭނަގެ ކައިރިއަށް އައިސް ޓެކްސީއެއް މަޑުކޮށްލައިފިއެވެ. ލަސްނުކޮށް ދޮރު ހުޅުވާލުމާއެކު އައިރާ ކާރަށް އަރާ އިށީނދެއްޖެއެވެ. އޭނަ ދާންވީތަން ބުނެލުމާއެކު، ޑްރައިވަރު ކާރު ދުއްވައިލިއެވެ.
*****
"ރިހާމް..." ރިހާމްގެ އަތުގައި ހިފައްޓައިލަމުން ދާނިޔާ ގޮވައިލީ އޭނަގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ބޭނުންވެފައިވާ ފަދައަކުންނެވެ.
"ހޫމް.." ރިހާމްގެ މޫނުމަތީން ފެންނަނީ ބުނެދޭން ނޭނގޭ ޝުޢޫރެކެވެ.
"ރިހާމް..." ދާނިޔާ ރިހާމްގެ އަތުގައި ހިފައްޓާލާފައި ދަމާލަމުން ގޮވާލުމާއެކު ރިހާމް ފުންނޭވާއެއް ދޫކޮށްލާފައި ދާނިޔާގެ ކޮނޑުގައި ހިފައްޓައިލިއެވެ.
"އަހަރެން... އަހަރެން އޭނަ ވަރިކޮށްފިން..." ރިހާމް ދާނިޔާއަށް ބަލައިލުމާއެކު ދާނިޔާގެ ދެލޯ ވިދައިގަތީ އުފަލުންނެވެ. އެ ދެމެދުގައިވީ ކަންތައްތައް ތަފްސީލުކޮށް ނޭނގުނު ނަމަވެސް، ރިހާމްގެ އެ ޖުމްލައިން ހިތަށް ލިބިގެން ދިޔައީ އާދަޔާ ޚިލާފު ތަސައްލީއެވެ. ރިހާމްއަކީ ހަމައެކަނި އޭނަގެ ހައްޤަކަށްވީކަމުގެ އިޙްސާސްއާއެކު އުފާވެރިކަން މުޅި ހިތާ ނަފްސުގައިވެސް އުފެދިގެން ދިޔައެވެ. ދާނިޔާއަށް އޭނަގެ އުފާވެރިކަން ސިއްރެއް ނުކުރެވުނެވެ. ރިހާމްގެ އުނަގަނޑުގައި އަތް އަޅުވާލުމާއެކު، ރިހާމްގެ ގައިގައި ބާރަކަށް ބައްދާލައިފިއެވެ.
"އައި ލަވްޔޫ ސޯ މަޗް... އައި ލަވްޔޫ ސޯމަޗް ބޭބީ..." ދާނިޔާގެ އަޑުގައިވެސް ވަނީ އުފާވެރިކަމެކެވެ. ރިހާމްވެސް ދާނިޔާގެ އުނަގަނޑުގައި އަތް ވަށައިލިއެވެ. އައިރާގެ ލޮލުން ފެނުނު ކަރުނައިގެ އަސަރުތައް ހަނދާންވާން ފެށުމުން އެ ކަމުން ސިކުނޑި މިންޖުރުކުރުމުގެ ބޭނުމުގައި ދެފަރާތަށް ބޯ ވެސް ހޫރައިލެވުނެވެ.
*****
އޭގެފަހުން އައިރާއާ ރިހާމްއާ ދެމީހުން ދިމާވީ ވަރި ސާބިތުކުރުމަށްޓަކައި ކޯޓަށް ދިޔަ ދުވަހުއެވެ. އައިރާ އިސްއުފުލައިލާ ރިހާމްއަށް ބަލައިލީ އެންމެ ފަހަރަކުއެވެ. އެއީ ކޯޓުގެ ދޮރުން އެތެރެއަށް ވަތް ވަގުތުގައެވެ. އޭގެފަހުން އެންމެ ފަހަރަކުވެސް އޭނަ ރިހާމްއާ ނަޒަރު ސީދާކޮށެއް ނުލައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރިހާމްއަށް ބަލައިލައިފިނަމަ އޭނަ ކުރަމުންދާ ހިތްވަރު އެލި ދާނެތީއެވެ. ރޮވިދާނެތީއެވެ. ބަލިކަށިވެދާނެތީއެވެ. އަނެއްކާވެސް ރިހާމްގެ ފައިމައްޗަށް ތިރިވެ އާދޭސްކުރެވިދާނެތީއެވެ. ރިހާމް އޭނައާ ދޭތެރޭ ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރިނަމަވެސް، އަދިވެސް އެ ހިތުގައި އިޙްސާސްތަކެއް ވާތީއެވެ. ލޯބި ވާތީއެވެ. އެހުރިހާކަމަކަށްފަހުވެސް އެ ހިތުން ރިހާމްގެ ލޯބި ފުހެލެވޭގޮތެއް ނުވެއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ފަހަރުގައި، އޭނަގެ ޙަޔާތުގެ އެންމެ ނާޒުކު ވަގުތު އޭނައަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ރިހާމްއަށް ވީތީ ކަމުގައިވެސް ވެދާނެއެވެ.
ކޯޓުން ނުކުތުމާއެކު، އަތުގައި އޮތް ސިޓީ އުރައަށް އައިރާ ބަލައިލިއެވެ. ތުންފަތުގައި އަތް އަޅައިލިއެވެ. އޭނަ އިސްޖަހާލުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ. ފެންކަޅިވަމުން ދިޔަ ދެލޯ އަތުގެ ނުފުށުން ފުހެލުމާއެކު، ތުންފަތުގައި ދަތް އަޅައިލިއެވެ. އޭނަ ރިހާމްއަށް ބަލައިނުލިއެއް ކަމަކު ރިހާމް އޭނައަށް ބަލަން ހުރިކަން އައިރާއަށް އޭނަގެ ލޮލުގެ ހިމަކޮޅުން ފެނުނެވެ. އެވަގުތު ރިހާމްއަށް ފަހު ފަހަރަށް ބަލައިލުމަށް އޭނަގެ ހިތް އެދުނު ނަމަވެސް، އެކަންކުރުމަށް އައިރާގެ ޒަމީރު އުޒުރުވެރިވިއެވެ. ރިހާމްއަކީ އޭނަ ހީކުރި ކަހަލަ މީހަކަށް ނުވިއެވެ. އުންމީދުތަކެއް ދީފައި އެ އުންމީދުތަކުގައި ހުޅުޖަހާ ރޯކޮށްލީ ޚުދު ރިހާމްގެ ދެ އަތުންނެވެ. އެންމެ ފަހަރަކުވެސް އޭނައާ ދޭތެރޭ ވިސްނައެއް ނުލިއެވެ.
*ތިން މަސް ފަސް*
އިރުގެ އަލިކަން އުދަވެގެން އައި ވަގުތު، "މޭޕަލްވިލާ"ގެ ޓެރެސްގައި ހައްދާފައިވާ ގަސްތަކުގައި އަޅާފައިވާ މާތަކުގެ ލުއި މީރުވަހުން ފަޒާވަނީ އެއްވަސްކޮށްލާފައެވެ. އެއްފަރާތުގައި އޮތް ފަތާފެންގަނޑަށް އެޅިފައިވާ ފަތްތައް ނަގާ ސާފުކޮށްލުމަށްފަހު، ނޯކަރު މީހާ ވެސް ހިނގައްޖެއެވެ. ލުއި ލުއި ވައިރޯޅިތައް ޖެހެމުންދިޔަ ޓެރެސްގައި ހުރި ވަޒްމޭޒު ދޮށުގައި އިށީނދެގެން، އައިރާއާ އީލާފްއާ ދެމީހުން ތިބިއިރު، މޭޒުމަތި ފަޅުފިލުވާލާފައިވަނީ ހެނދުނު ނާސްތާއިންނެވެ. ޕާނުގެ އިތުރުން، މަސްހުންޏާ ރޮށިވެސް ހުއްޓެވެ. އޭގެ އިތުރުން ކަޅު ސަޔާއި ކޮފީވެސް މެއެވެ.
އައިރާ ވަށައިގެންވީ މާހައުލަށް ބަލައިލިއެވެ. އެއީ މި ފާއިތުވެ ދިޔަ އެއް ހަފްތާތެރޭގައި އޭނަ އެންމެ ގިނަ ވަގުތު ހޭދަކުރަމުން ދިޔަ ތަނެވެ. ޙަޔާތުގެ ވީރާނާކަމުގެ ތެރެއިން، މިވަގުތު އޭނައަށް ހަމަޖެހުން ލިބިގެންދާ ހަމައެކަނި ތަނަކީ އެއީއޭވެސް ބުނެވިދާނެއެވެ. ރިހާމް އޭނައަށްޓަކައި ހިފައިދީފައިހުރި އެޕާރޓްމެންޓުގެ މުއްދަތު ހަމަވެ، ޢިއްދައިގެ މުއްދަތު ނިމުމާއެކު އޭނައަށް ޖެހުނީ އެތަނުން ނުކުންނާށެވެ. އެ ޙާލަތުގައި ނިކަމެތިވެފައިވަކިކޮށް އޭނައަށް އެހީތެރިކަން ފޯރުކޮށްދިނީ ޒަހްރާނާ އީލާފްއެވެ. އެގެއަށް އައުމަށް އައިރާ ދެކޮޅު ހެދި ނަމަވެސް، އެންމެފަހުން އެއްބަސްވީ އިތުރު ގޮތެއް ނެތީތީއެވެ. އަނެއްކޮޅުން އެންމެ ފުރަތަމަ އޭނަ އެގެއަށް އައިއިރު، އީލާފްމެންނަކީ ކިހާ ފެންވަރެއްގެ ކޮން ބައެއްކަމެއްވެސް އައިރާއަކަށް ނޭނގެއެވެ. މުރާދަކީ ރާއްޖޭގެ އެންމެން ދަންނަ މަޝްހޫރު މޫނެކެވެ. އެ ޢާއިލާއަކީ މުއްސަނދިންގެ ތެރެއިންވެސް މުއްސަނދި ޢާއިލާއެކެވެ. އެފަދަ ބައެއްގެ ތެރެއިން އޭނައަށް ހިމާޔާތް ލިބިދާނެކަމަށް ދުވަހަކުވެސް އޭނަ އުންމީދެއް ނުކުރެއެވެ. އަނެއްކޮޅުން ބަސްމާގެ ފަރާތުން މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނައަށް ވަރަށް ބޮޑަށް އޯގާތެރިކަމާއި އެހީތެރިކަން ލިބިފައިވެއެވެ. އެމީހުންގެ ނިޔަނެތިކަމާއި، ހިތްތިރިކަމުގެ ސަބަބުން އައިރާގެ ހިތުގައި އެމީހުންނަށް ޚާއްސަ ޤަދަރެއް ދެވިފައިވެއެވެ.
މި ދުވަސްތަކުގައި އައިރާއަށް ފާހަގަވީ ކަމަކީ ޒަހްރާން އެގެއަށް ނާންނަކަމެވެ. އީލާފް ވެސް ޒަހްރާނާ ބައްދަލުކުރަނީ ބޭނުންނެވެ. އެއިން ކޮންމެ ފަހަރަކު އޭނަދަނީ އައިރާވެސް ގޮވައިގެންނެވެ. ޒަހްރާނާ އެ ޢާއިލާއާ އޮތް ގުޅުން ހީނަރުވެފައިވާކަން އައިރާއަށް އެނގުނެވެ. ސަބަބު އެނގެން ބޭނުންވެ، އައިރާގެ ހިތުގައި މިހާރުވަނީ ބޭޤަރާރުކަމެއް އުފެދިފައެވެ. ޕާނުގައި ޖޭމުކޮޅެއް ކާތާލަމުން އައިރާ ފުންކޮށް އީލާފްއަށް ބަލައިލިއެވެ. މީގެ ކުރިން އީލާފްއާ ދެފަހަރެއްގެ މަތިން ސުވާލުކުރި ނަމަވެސް، އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ.
"ޒަހް... ޒަހްރާން ނާދޭތަ މި ގެއަށް؟" އައިރާ އެ ސުވާލު އީލާފްއާ ކޮށްލީ އެތައް އިރަކު ވިސްނަން އިނދެފައެވެ.
"ކުޑަބެ... އައި ޓޯލްޑް ޔޫ އެއްނު، ހީ ޕްރިފަޒް ޓު ލިވް އެލޯން އޭ..." އީލާފް ކުޑަކޮށް އަޅައަޅައިގަންނަމުން ބުނެލިއެވެ. ޢާއިލާގެ ސިއްރުތައް ފޮރުވުމަށް ބައްޕަ އޭނައަށް އަބަދުވެސް ނަޞޭޙަތްދޭތީ އެ ވާހަކަ ދައްކަން އީލާފް ފަސްޖެހެނީއެވެ.
"އޯހް.. އޯކޭ..." އައިރާއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. އިތުރަށް ދެން ކުރާނެ ސުވާލެއް ނޭނގުނެވެ. އެހެން ނޫނަސް އެ މީހުންގެ ޒާތީކަންކަމުގެ ތެރެއަށް ވަނުމަކީ ރަނގަޅުކަމަކަށް ނުވާނެޔޭވެސް އައިރާގެ ހިތަށް އެރިއެވެ.
އީލާފް އައިރާއަށް ބަލަން އިދެފައި ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ ސައިޖޯޑުން އެތިފޮދެއް ބޮއިލުމަށްފަހު، ޖޯޑު އަނބުރާ މޭޒުމަތީގައި ބަހައްޓައިލިއެވެ. އޭނަ ނުބުނި ނަމަވެސް، މިހާރު އައިރާއަށް ވެސް ކޮންމެވެސް ކަމަކަށް ޝައްކުވާނެކަން އީލާފްއަށް ޔަޤީންކުރެވުނެވެ. އައިރާއާ މެދު އުފެދިފައިވާ ގާތްގުޅުމުގެ ސަބަބުން، އައިރާއަށް އިތުބާރުކުރެވިދާނެކަމުގައި އޭނަގެ ހިތް ބުނެލި ވަގުތު، ކޮންމެވެސް ވަރަކަށް ވާހަކަތައް ކިޔައިދޭން އީލާފް ނިންމިއެވެ.
"އޮފް... އަސްލު......އައި ނޯ އައިރާއަށް ކޮންމެވެސް ވަރަކަށް އެނގޭނެކަން..... އައި ޓްރަސްޓް ޔޫ... އެހެންވެ މިބުނަނީ... ކުޑަބެ.. ކުޑަބެ ނާންނާނެ މިގެއަކަށް... ބިކޯޒް އޮފް މޯމް... އީލުމެންގެ މަންމަ ނިޔާވިފަހުން ބައްޕަ ބަސްމާ މަންމައާ މެރީކުރީމަ އެކަމާ ހިތްހަމަނުޖެހޭތީ ނާންނަނީ. ކުޑަބެ ކިޔަވަން ރާއްޖޭން ބޭރަށް ދިޔަފަހުން މިގެއަކަށް ދުވަހަކުވެސް ނުވަދޭ... ނުވެސް ވަންނާނެ. ބައްޕައާ ދޮންބެވެސް އެތަކެއް ފަހަރަކު ކުޑަބެ މިގެއަށް ގެންނަން މަސައްކަތްކުރި. މަންމަވެސް... އީލުވެސް. އެކަމަކު ކުޑަބެ އެއްބަހެއް ނުވި. ވީ އޯލް ފެއިލްޑް..." އީލާފް ބުނެލިއިރު އޭނައަށް އިސްޖަހައިލެވުނެވެ. އޭރު އެ އަޑުގައި މަޑުމޮޅިކަން ވެއެވެ. އައިރާއަށް ވެސް ދެން ބުނާނެ އެއްޗެއް ނޭނގި އެއިން ގޮތަށް އިނދެވުނީއެވެ. ހިމޭންވެފައެވެ.
*****
ކާކޮޓަރީގައި އިނދެފައި، ބަސްމާ ބޭރަށް ނުކުމެލީ ބޭރުން ކޮންމެވެސް ތަނެއްގައި ބޭއްވިފައި އޮތް އޭނަގެ ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭނަ ނުކުމެގެން ބޮޑު ކޮޓަރިއާ ދިމާލަށް ދިޔައިރު، ހައިރާންކަމެއް ލިބިގެން ދިޔައީ ސިޑިން މައްޗަށް އަރަމުން ދިޔަ ޒަހްރާން ފެނުމުންނެވެ.
(ނުނިމޭ)